ހުތުބާ

"މުޖުތަމައުގެ ސަފުތައް ބައިބައިވެގެންދާ ފަދަ ކޮންމެ ކަމަކީ އަދާވާތްތެރިންނަށް ދެވޭ އަގުބޮޑު ހަދިޔާއެއް"

މުޖުތަމައުގެ ސަފުތައް ބައިބައިވެގެންދާ ފަދަ ކޮންމެ ކަމަކީ އަދާވާތްތެރިންނާއި ހަސަދަވެރިންނަށް ދެވޭ އަގުބޮޑު ހަދިޔާއެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ އަލްއަސްރު ސޫރަތުން ލިބޭ ބައެއް ފިލާވަޅުތަކާއި އިބުރަތްތަކަށް އަލިއަޅުވާލައިފައެވެ.

ހުތުބާގައި ބުނެފައިވަނީ އެ ސޫރަތުގައިވާ ކަންތައް އުންމަތަށް އެނގި، އެއާ އެއްގޮތަށް އަމަލު ކުރެވިއްޖެ ނަމަ، ކާމިޔާބުގެ މަގު ފެނިއްޖެކަން ކަށަވަރު ކަމަށާއި އެހެނީ މި ސޫރަތުގައި ކާމިޔާބުގެ ހުރިހާ އުސޫލުތަކެއް ހިމަނުއްވާފައި ވާތީ ކަމަށެވެ. އަދި އެ ސޫރަތުގައި ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ އެދޭ މީހާއަށް ސަލާމަތުގެ މަގު ދައްކަވާފައި ވާތީ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މުޖުތަމައުގެ ސަފުތައް ބައިބައިވެގެންދާ ފަދަ ކޮންމެ ކަމަކީ، އަދާވާތްތެރިންނާއި ހަސަދަވެރިންނަށް ދެވޭ އަގުބޮޑު ހަދިޔާއެކެވެ. އެހެންކަމުން މިފަދަ ކަންތައްތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އަލްއަސްރު ސޫރަތުގައި ކުރައްސާފައިވާ މަންހަޖުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، މުޖުތަމައުގެ އަފުރާދުންނަށް، ވަކިން ހާއްސަގޮތެއްގައި، ނޫސްވެރިންނާއި މީޑިއާގެ އަހުލުވެރިން، އިސްލާމީ ޝަރީއަތުގެ އިލްމުވެރިންގެ ހައްގު ގަދަރު ހިފެހެއްޓުން ކަމަށާއި ދޮގުވެރި ދޫތަކާއި ހަސަދަވެރި ގަލަމްތަކުގެ ޝިކާރައަކަށް އެ އިލްމުވެރިން ހެދިޔަ ނުދިނުން ކަމަށެވެ.

"ހަމަކަށަވަރުން ވެސް، އިސްލާމީ އުންމަތުގެ އިލްމުވެރިންނަށް އަމާޒުކުރެވޭ ވިހަ ތީރުތަކަކީ، އިސްލާމްދީނުގެ އަސާސްތައް މުގުރާލުމަށް އިސްލާމްދީނަށް ދެވޭ ހަމަލާއެކެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި، ތިމާގެ ދުވަހުގެ ތާވަލު އެކުލަވާލައި، ނަމާދާއި ﷲއަށް ކިޔަމަންތެރިވުމަށް އިސްކަންދޭ ހާލުގައި ތިމާގެ އެހެން ކަންތައް ތަރުތީބުކުރުމެވެ. ބޭކާރުގޮތުގައި ވަގުތު ނަގާނުލުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އަލްއަސްރު ސޫރަތުގައި ބަޔާން ކުރައްވާފައިވާ، އެއްބަޔަކު އަނެއް ބަޔަކަށް ހައްގަށް ވަސިއްޔަތް ކުރުމުގެ މަންހަޖުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، އުންމަތުގެ ޒުވާނުން، އުންމަތާ ގުޅުންހުރި ކަންތައްތަކުގައި އަމިއްލައަށް އިޖުތިހާދު ކުރުމުން ދުރުހެލިވެގަތުން ކަމަށެވެ.

"ސަބަބަކީ އޭގެ ސަބަބުން، އުންމަތުގެ އަދުއްވުންނަށް އެބައިމީހުންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދެވޭތީއެވެ. ތިޔަ ޒުވާނުންގެ ނިޔަތް ކިތަންމެ އިހުލާސްތެރިކަމުގައި ވިޔަސް، ތިޔަ ޒުވާނުންގެ އަމަލު ބަހައްޓަން ޖެހޭނީ، ގުރުއާނާއި ސުންނަތުގެ މަތިވެރި މަންހަޖުގެ މަތީގައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.