ރީކޯ މޫސާ މަނިކް

ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭކަމަށް ވިދާޅުވެ ރީކޯ މޫސަ ޕީޕީއެމްގެ ލީޑަޝިޕާ ދިމާއަށް

1

ރާއްޖެއަށް މި ވަގުތު ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެއްވޭ ގޮތަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް ކަމަށް ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޅުމުގައި މޫސަ ދެއްކެވި ބައެއް ވާހަކަތަކާ ގުޅޭ ގޮތުން، "ވަން އޮންލައިން"އިން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން މޫސަ ވިދާޅުވީ، ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމެއްގައި ސަރުކާރު ޒިންމާދާރު ކުރެވޭ ފަދަ އިދިކޮޅު ސިޔާސީ ހަރަކާތުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލާ އިރު، އިދިކޮޅުގެ އަޑު އެއްކޮށް ކެނޑިގެން ގޮސްފައިވާ ކަމަށެވެ.

މޫސަ ވިދާޅުވީ މައި އިދިކޮޅު ޕާޓީއަކަށް ވުމަށް ޓަކައި، އިދިކޮޅުގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީގެ ހައިސިއްޔަތުން ޕީޕީއެމްގެ ތެރެއިން ބަދަލުތަކެއް ވަރަށް އަވަހަށް އަންނަން އެބަ ޖެހޭ ކަމަށެވެ. އެ ގޮތުން ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން، ކުރީގެ ރައީސް ޔާމީންގެ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީގެ ހިންގުމުން އެއްފަރާތްވެވަޑައިގަންނަވަން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.

"ޕީޕީއެމުން އަވަސް ކޮންގްރެސްއެއް ބާއްވައި އާ ލީޑަޝިޕަކަށް ފުރުސަތު ދޭން އެބަ ޖެހޭ. މި ވަގުތަށް ބަލާ އިރު އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީން ވެސް ލީޑާޝިޕުގައި ދެން ތިއްބެވި ބޭފުޅުން ވެސް އާ ލީޑަޝިޕަކަށް ޖާގަދެއްވައި ކުޑަކޮށް ފެއަށް ޖެހިވަޑައިގަތުން. އެފަދަ ގޮތަކުން ފުރުސަތު ފަހިވެއްޖެ ނަމަ އެކަން ކުރެވިދާނެ އަދި އިދިކޮޅު ހަރަކާތް ހިންގަން އަޅުގަނޑުމެން ވަރަށް ފަރިތަ ވެސް ވާނެ." މޫސަ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެބޭފުޅުން ވެސް ތިއްބަވަން ވާނީ ޕާޓީއަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދެއްވޭ ހިސާބުގައި ކަމަށް މޫސަ ފާހަގަކުރެއްވި އެވެ.

"ރައީސް ޔާމީނަކީ ވެސް ސިޔާސީ ވަރުގަދަ ލީޑަރެއް. އެހެން ވީމަ އެއްކޮށް ގެއްލޭ ވާހަކައެއް ނޫން. އެބޭފުޅާވެސް އެއްކޮށް ދުރަށް ވަޑައިގަނެގެން ނުވާނެ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، 2013ގައި އެމްޑީޕީއަށް ވެރިކަން ގެއްލުމުން ވެސް އަދި 2014ގެ މަޖިލިސް އިންތިޚާބު ގެއްލުމުން ވެސް އެ ޕާޓީ އޮޔާ ދިޔަ ނުދީ އިދިކޮޅު ސިޔާސީ ހަރަކާތް އެންމެ އެދެވޭ ގޮތުގައި ހިންގަވާފައިވާނޭ ކަމަށާއި މިއަދު ވެސް ސިޔާސީ ހަޔާތް އޮތީ ޒުވާންކޮށް ކަމަށެވެ.

މޫސަ ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕާ ހަވާލުވުމަށް އެ ޕާޓީގެ ބައެއް މެންބަރުން ވެސް އެދެމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕާޓީގެ ލީޑާޝިޕާ މިހާރު ހަވާލުވާ މީހަކީ 2024ގެ ރިޔާސީ ކެންޑިޑޭޓުކަން ސިކުނޑީގައި ބާއްވައިގެން އަންނަ މީހަކަށް ވެގެން ނުވާނެ ކަމަށާއި މިހާރު މުހިންމީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ދިރިވުން ކަމަށް މޫސަ ވިދާޅުވި އެވެ. އަންނަ ރިޔާސީ އިންތިޚާބާ ހަމައަށް ދިއުމުން އެކަމަށް ޕާޓީން ވަކީން ފުރުސަތު ހުޅުވާލައި ޖާގަދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް ޔާމީން އަދި މިހާރުގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ފެއަށް ޖެހިވަޑައިގެން ޕާޓީގެ ލީޑާޝިޕަށް އާ ބަޔަކު އައުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ އެކަމަށް ގޮވާލައްވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟