ރިޕޯޓް

ބަހާލި 4000! ރަށުގައި ދިރިއުޅުނަސް ރާއްޖޭން ބޭރުގައި ދިރިއުޅުނަސް ފުލެޓު ޔަގީން!

މި ސަރުކާރުގެ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމާއެކު ރައްޔިތުން މި ތިބީ ރަތަށް އަރައިފައެވެ. ސޯޝަލް މީޑިއާގައި އެނޫން ވާހަކައެއް ނެތެވެ. އެއް ބަޔަކު ކަމާ ބެހޭ މިނިސްޓްރީ ތެރެޔަށްވެސް ވަދެއްޖެ އެވެ. އުދާސްތައް ބަންޑުން ކޮށްލައިފި އެވެ. ތިއީ އިންސާފު ނޫން ކަމަށް ބުނެ ރޮއި އާދޭސް ކޮށްފި އެވެ. ހަޅޭ ލަވައި، ޒުވާބުވެސް ކޮށްފި އެވެ.

ކަންތައްގަނޑު ބޮޑުވުމުން، ދާދި ފަހުން ނިދީން ހޭލައިގެން އުޅޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން، "ވަގުތުން ވަގުތަށް" ފުލެޓުތައް ބަހާލުން ހުއްޓުވައިފި އެވެ. އެކަމަކު އެއީ ޝަކުވާތައް ބަލާފައި ނޫނީ ދޫނުކުރެވޭ ގޮތަށެވެ. އެއީވެސް ރައްޔިތު މީހާގެ ހިތަށް ތަސައްލީ ލިބޭ ކަމެއް ނޫނެވެ. ކަންތައްތައް ހުރިގޮތުން، އެމީހުނަށް އެއްވެސް އުއްމީދެއް ނެތެވެ. ހާލަތު އެއަށްވުރެ މާބޮޑަށްވެސް ގޯހީއެވެ.

އުއްމީދު ނެތީ ކީއްވެ ހެއްޔެވެ؟ ފުލެޓު ކަންތައް އިންސާފުވެރި ނޫން ކަމަށް ބުނަނީ ކީއްވެ ހެއްޔެވެ؟ ލިސްޓުގައި އެ ހުރީ ފުލެޓަށް އެދުނު މީހުން އަމިއްލަޔަށް ފޯމު ފުރި ގޮތުގެ މައްޗަށް ދީފައި ހުރި މާކުސް ކަމަށް މިނިސްޓްރީން އެ ދަނީ ބުނަމުންނެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް އެ ދަނީ ބުނަމުންނެވެ. އެކަމަކުވެސް އެވާހަކަ ގަބޫލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބުތައް ލައްކަ ގިނަ އެވެ.

އެންމެ ފުރަތަމަ ސަބަބަކީ ލިސްޓުގައި ފުލެޓުތައް ބަހާލާފައި ހުރީ ނުހައްގުން ކަން ސާފުވާ މިންވަރަށް ކަންކަން ތިލަވުމެވެ. ސޯޝައަލް މީޑިއާއިން ފެންނަ މަންޒަރުތަކުން އެކަން ވަރަށް ބޮޑަށް ސާފުވެގެން ދިއުމެވެ. ހައްގު ނޫން އެތައް ބަޔަކަށް ފުލެޓު ލިބިފައިވާ ކަން ހެއްކާ އެކު ހާމަވުމެވެ. އެއަށް ކިޔޭނެ އިތުރު އެއްޗެއް ނެތެވެ. ނަމާއި އެޑުރެހާއި އެކު، ހައްގު ނުވާނެ ސަބަބު ވެސް އަންނަނީ ބުނެދެމުންނެވެ.

މި ލިސްޓު އާންމު ވުމުގެ ކުރީންނާއި ފަހުން އަހަރެންނަށް އެނގުނު ބައެއް ކަންކަން ވެސް މި ތަނުގައި ހިއްސާކޮށްލާނަމެވެ؛ ދަންނަ މީހެކެވެ. އޭނާގެ ނަން އޮތީ މާކުސް ލިބިގެން، ތިން ކޮޓަރީގެ ފުލެޓު ލިބޭ މީހުންގެ އެންމެ ކުރީކޮޅުގަ އެވެ. މާލޭގައި ދިރިނޫޅޭތާ ހަމަގައިމުވެސް ދިހަވަރަކަށް އަހަރު ވެދާނެ އެވެ. ހުންނަނީ އެންމެ ކުއްޖެކެވެ. އަމިއްލައަށް ބަލާ މަޔަކު، ބަފަޔަކު ނެތެވެ. ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދޭނަމަ، ރަށުން ވެސް އޭނާއަށް ފުލެޓެއް ހައްގެއް ނުވާނެ އެވެ. އެހާވެސް އަރާމުކޮށް ދިރިއުޅެމުން އަންނަ މީހެކެވެ.

މި ނޫނަސް، އަހަރެން ދަންނަ، މާލޭގައި ދިރިނޫޅޭ ބައެއް މީހުން 4000 ފުލެޓުން ޔަގީންވި ލިސްޓުގައި އެބަ ތިއްބެވެ. އެ މީހުނަށް 76 އިން މަތީން މާކުސް ލިބެންވީ ގޮތެއް އެއްގޮތަށްވެސް ނޭނގެ އެވެ.

އަހަރެންގެ އިތުބާރު ހިފޭ ރައްޓެއްސަކު ބުނި ގޮތުގައި، އޭނާ ބޭނުންވި ތިން ނަމެއްވެސް ފުރަތަމަ 4000 ގެ ތެރޭގައި އެބަ އޮތެވެ. އެކަން ކުރީ، ޕާޓީގެ ދާއިރާގެ ރައީސް މެދުވެރިކޮށްގެން ކަމަށް ރަހުމަތްތެރިޔާ ބުނެއެވެ. ދާއިރާގެ ރައީސުންނަކީ ވަރަށް ބާރުގަދަ ބައެކެވެ. އެހެންވީމާ އެއީވެސް ވެދާނޭ ކަމެކެވެ.

އަސްލު މައްސަލައަށް ބަލައިލަމާ ހެއްޔެވެ. މާކުސް ދިނީ އެމީހަކު ފޯމު ހުށަހެޅި ގޮތުގެ މައްޗަށް ބަލައިގެން ކަމަށް، ހައުސިން މިނިސްޓްރީން އެބަ ބުނެއެވެ. ފުރަތަމަ 4000 ފުލެޓު ލިބޭނެ މީހުން ނިންމީ ވެސް އެމީހަކު ލިޔުނު އެއްޗަކަށް ބަލައިގެން ކަމަށް އެބަ ބުނެ އެވެ. އެއީ އިންސާފު ހެއްޔެވެ؟ މީހަކު ކޮންމެ އެއްޗެއްވެސް ލިޔެފާނެ އެވެ. އެކަމަކު އެއީ ތެދުތޯ، ސައްހަ މައުލޫމާތުތޯ، ނުބަލައި ފުލެޓުތައް ބަހާލައިގެން ނުވާނެ އެވެ. މިއީ އެންމެ ފުރަތަމަ ފުލެޓުތައް ލިބޭ މީހުނޭ ބުނެ، ނަންތަކެއް އިއުލާނުކޮށްގެން ނުވާނެ އެވެ.

ލިސްޓު އާންމު ކުރާނީ، ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު ކަމަށް ހައުސިން މިނިސްޓްރީން ކުރީން ބުނެފައިވެ އެވެ. އެކަމަކު ހާލަތު ބަލާން ދިޔަ ގެއެއްގެ މީހަކާ އަހަރެންނަކާ ދިމައެއް ނުވި އެވެ. ދަންނަ ވަރަށް ގިނަ މީހުން ގާތު އެހިއްޖެ އެވެ. އެއިން އެއްވެސް މީހަކަށް އެމީހުން ދިރިއުޅޭ ތަނުގެ ހާލަތު ބަލާން ދާން ގުޅާފައެއް ނެތެވެ. އެހެންވީމާ، ލިސްޓު އާންމުކޮށްފައި އޮތީ، ދިރިއުޅުމުގެ ހާލަތު ބަލާފައި ނޫންކަން އެއީ ކަށަވަރު ކަމެކެވެ. އެކަމަކު އެމީހަކު ލިޔުނު ކޮންމެ އެއްޗަކީ ތެދުކަމަށް ބަލައިގެންނެވެ.

މާލެއަށް ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ޖަމާވެފައި މިއޮތީ، ސަބަބުތައް ހުރެގެންނެވެ. އެއީ ދިރިއުޅުމުގެ އަސާސީ ކަންކަމާ ގުޅިފައިވާ ސަބަބުތަކެވެ. ހާއްސަކޮށް، ތައުލީމާއި ސިއްހަތާއި ވަޒީފާއެވެ. މާލޭ ސަރަހައްދުގައި ބޮޑުކުލި ދައްކައިގެން ދިރިއުޅޭ ރައްޔިތުންގެ އަދަދު ހާހުން ގުނެއެވެ. އެއީ ދިރިއުޅުމެއްވެސް ނޫނެވެ. އެކަމަކު ދިރިއުޅުމުގެ ނަމުގައި ގަނަތެޅުމެވެ. އެނޫން ގޮތެއް ނެތީމަ އެވެ.

ކަން މިހެން އޮތް އިރު، އަހަރެމެން އެންމެންގެ ފައިސާއިން ބިނާކުރާ ގެދޮރު، އެއްވެސް އިންސާފެއް ނެތި، ބަހާލުމަކީ ދެވޭ ބޮޑު އަނިޔާއެކެވެ. ބަޔަކު އަދި ފޯމުތަކެއް ލިޔަސް، އޭގައި ހުރީ ސައްހަ މައުލޫމާތުތޯ ބެލުމަކީ އެކަމަށް އަހަރެމެން މަތިކޮށްގެން ތިބި މީހުންގެ ޒިންމާއެކެވެ. އެ ޒިންމާ އެ މީހުން އަދާކުރާން ޖެހޭނެ އެވެ. ކޮންމެ ފޯމެއްގައި ހުރި ވަކިވަކި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާން ޖެހޭނެ އެވެ. ކިތަންމެ އުނދަގޫ ނަމަވެސް، ދިރިއުޅުމުގެ ހާލަތު ބަލާންވެސް ދާން ޖެހޭނެ އެވެ. ދިރިއުޅޭ ތަން ހުރީ ފޯމުގައި އޮތް ގޮތަށްތޯ ކަށަވަރުކުރާން ޖެހޭނެ އެވެ. މި ހުރިހާ ކަމެއް ކުރުން އެންމެ ރަނގަޅީވެސް، މިނިސްޓްރީން ބޭރު، މިނިވަން ބަޔަކު ލައްވަ އެވެ. އިންސާފާ ގާތަށްވެސް މިކަން ދާނީ އޭރުންނެވެ.

މި ދެންނެވި މަގުން ކަންކަން ނުކޮށް، ހަތަރު ހާހުގެ ފުލެޓު ލިސްޓު ސައްހަ ކަމަށް ބެލެވޭނެ ގޮތެއް ނެތެވެ. އެ ތަންތަން ހަދާފައި އެ ހުރީ އަހަރެމެން އެންމެންގެ ވެސް ފައިސާއިންނެވެ. ލިބޭނެ މީހުން ކަނޑައަޅާން ވާނީ އިންސާފުވެރިކޮށެވެ. އެންމެން ރުހޭ މިންވަރަށް ނުކުރެވުނަސް، ބަލާން ޖެހޭ ކަންކަން މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބަލައިފި ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާން ވާނެ އެވެ. ތިމަންނާއަށް މާކުސް ލިބިފައި ވަނީ އުސޫލުގައި އޮތް ގޮތަށް، ހަމަޔަށް ކަމުގެ ހިތްހަމަޖެހުން ލިބޭން ޖެހޭނެ އެވެ. އެހެން މީހަކަށް ވެސް އެނޫން ހަމަޔަކުން ލިބިފައި ނެތް ކަމުގެ ޔަގީންކަންވެސް ލިބޭން ޖެހޭނެ އެވެ.