ސުޕްރީމް ކޯޓް

ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން 348.10 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ

1

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ދީބާޖާ އިންވެސްޓްމަންޓަށް 2010 ވަނަ އަހަރު ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި ނަމަވެސް، 2013 ވަނަ އަހަރު އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.

ދައުލަތުން އެއްބަސްވުން ބާތިލުކުރުމުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ދީބާޖާ އިންވެސްޓްމަންޓުން ހުށަހެޅުމުން އެ ކޯޓުން ވަނީ 2014 ވަނަ އަހަރު 348.10 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. ދައުލަތުން އެ ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުގެ ހުކުމް ވަނީ ބާތިލްކޮށްފައެވެ.

ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ދީބާޖާ އިންވެސްޓްމަންޓުން އިލްތާސްކުރުމުން ފުރަތަމަ ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ކުންފުންޏަށް 348.10 މިލިއަން ރުފިޔާ ދެއްކުމަށް އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ. އެ މައްސަލައިގައި ދީބާޖާ އިންވެސްޓްމަންޓުން ފާހަގަކޮށްފައިވާ ގޮތުގައި ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ފަހުންނެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނީ އިސްތިއުނާފު ކުރުމުގެ ހައްގު ލިބޭ ފަރާތުން އެ ހައްގު ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި އިޖުރާއަތްތައް ފަހަނައަޅާ ނުދެވޭނެ ކަމަށާއި އެހެންކަމުން އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅާ ދިއުމުން އެ ހައްގު ގެއްލޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުމުގެ ގާނޫނީ ނަތީޖާއަކީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން ދިއުން ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލައާ ހަވާލުވި އެޓާނީ ޖެނަރަލްގެ އޮފީހުގެ ވަކީލުންގެ އިހުމާލުން މުއްދަތު ފަހަނައަޅާ ދިއުމުން ކަމަށް ދައުލަތުން ފާހަގަކުރި ނަމަވެސް، މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ދެވޭނީ މަގްބޫލު އުޒުރެއް އޮންނަ އިސްތިސްނާ ހާލަތްތަކެއްގައި ކަން ފާހަގަކޮށްފައެވެ. މުއްދަތުގެ ތެރޭގައި މައްސަލައެއް އިސްތިއުނާފަށް ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު އުޒުރެއް މެދުވެރިވެގެން ކަމުގައިވާ ނަމަ، މުއްދަތު ހަމަވިޔަސް މައްސަލަ ބަލައިގަތުމުގެ ބާރު އިސްތިއުނާފީ ކޯޓުތަކަށް އޮންނާނެކަން ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައި ނުވާ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ނިންމައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟