ބޮލީވުޑް

ރަނގަޅު ސްކްރިޕްޓެއް ނުލިބޭތީ ކުޑަ ދުވަސްކޮޅަކަށް ޝާހު ފިލްމާ ދުރަށް

ބޮލީވުޑްގެ ކިންގް، ޝާހުރުކް ޚާން ކުޑަ ދުވަސްކޮޅަކަށް ފިލްމާ ދުރަށް ޖެހިލާފައިވާ ކަމަށް ބުނެފިއެވެ.

ބެއިޖިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލަށް ޗައިނާއަށް ގޮސް އުޅޭ ޝާހު ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ފިލްމެއް ކުޅުމަށް މިދުވަސްވަރު އެއްބަސްވެފައި ނުވަނީ ރަނގަޅު ސްކްރިޕްޓެއް ލިބިފައިނުވާތީއެވެ.

ޝާހު ބުނި ގޮތުގައި ފިލްމެއް ކުޅެނީ އެ ފިލްމަކާ ދޭތެރޭ އެކްސައިޓްމަންޓެއް އުފެދުމުންނެވެ. އަދި 16 ގަޑިއިރު މަސައްކަތް ކޮށްފައި ނިދާ ހޭލާވަރުގެ ފިލްމެއް މިވަގުތު ނެތް ކަމަށް އޭނާ ބުންޏެވެ.

މީޑިއާގެ އިންޓަވިއުގައި މިހެން ޝާހު ބުނެފައިވީ ނަމަވެސް އޭނާ ވަނީ ފޭނުން ގާތު މިއަހަރު ޖޫންގައި ކުޅޭނެ ވަކި ފިލްމެއް ނިންމާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން ޝާހު ފެނިފައިވަނީ އާނަންދް އެލް ރާއި ގެ "ޒީރޯ" އިންނެވެ. އެ ފިލްމުގައި ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރުމާ، ލީޑް ބަތަލާއިންގެ ގޮތުގައި ފެނިގެންގޮސްފައި ވެއެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.