ކަންގްނާ ރާނުތްގެ ފިލްމު 'މަނިކަރްނިކާ-ދަ ކްއީން އޮފް ޖާންސީ"ގައި ޖަލްކީ ބައިގެ ރޯލުން ފެނިގެން ދިޔަ ބަތަލާ އަންކިތާ ލޯކަންޑޭއަށް ބޮލީވުޑްގެ އެހެން ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.
ޓީވީ ސީރީޒް "ޕަވިތްރަ ރިޝްތާ"ގެ ލީޑް ރޯލުން ފެނިގެން ދިޔަ އަންކިތާ ބޮލީވުޑަށް ނިކުތީ މަނިކަރްނިކާއިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަންކިތާއަށް ދެވަނަ ފިލްމެއް ކުޅުމުގެ ފުރުސަތު މިހާ އަވަހަށް މި ލިބުނީ، މަނިކަރްނިކާގައި ދެއްކި މޮޅު އެކްޓުގެ ސަބަބުންނެވެ. އަންކިތާ ހުރީ އެކްޝަން ޑްރާމާ ފިލްމެއް ކުޅެން ބޭނުންވެސް ވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަންކިތާ ކުޅެނީ ކޮން ކަހަލަ ފިލްމެއްކަމެއް އަދި ރަސްމީކޮށް އެނގިފައެއް ނުވެއެވެ. ނަމަވެސް އަންކިތާއާ ސުވާލު ކުރުމުން އޭނާ އެކަން ދޮގުކޮށްފައެއް ނުވެއެވެ. އަދި އެކްޝަން ޑްރާމާ ފިލްމެއް ކުޅެން ބޭނުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަންކިތާ ކުޅެން ހަމަޖެހިފައިވާ ރޯލަކީ މީގެ ކުރިން ފެނިފައިނުވާ ކަަހަލަ ރޯލެކެވެ.