ފޭރުނު މައްސަލައެއްގައި ދޫނިދޫގައި ބަންދުގައި ހުރި ކުޑަކުއްޖަކަށް ޑިޓޯލް އަޅާފައިވާ ފުޅިއަކަށް ބޯފެން އަޅާފައި ބޯންދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކުއްޖާގެ ގާނޫނީ ވަކީލު ޝާހު އަލީ ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދޫނިދޫގައި ހުރި އިރު ކުއްޖާއަށް ބޯފެން ދީފައިވަނީ ޑިޓޯލް ހުސްކުރި ފުޅިއަކަށް ފެން އަޅާފައި ކަމަށެވެ.
އަދި މިއަދު ޖުވެނައިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުއްޖާ އެކަން ފާހަގަކުރި ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީއާ އެކުއްޖާ އެވާހަކަ ހިއްސާކުރުމުން، އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އަދި ކުއްޖާ ބަންދުގައި ހުރިއިރު ގޮޅި ތެރެއިން ދުންފަތް ފެނުމުން އޭގެ ފަހުން ކުއްޖާއަށް އާއިލީ ބައްދަލުވުންތައް ވެސް ނުދޭ ކަމަށާއި އެހިސާބުން ލިބެންޖެހޭ ހިދުމަތްތައް ވެސް ކަނޑާލި ކަމަށެވެ.
އަދި 37 ދުވަސްތެރޭގައި އާއިލީ ބައްދަލުވުމެއް ދިނީ އެއް ފަހަރު ކަމަށާއި އެއީ ހުސްވި މަހު ކަމަށްވެސް ޝާހު ވިދާޅުވިއެވެ.
ކޯޓުގެ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވަނީ ކުއްޖާ ބަންދުކުރެވިފައި ވަނީ އެކަށީގެންވާ މާހައުލެއްގައި ނޫން ކަމަށް ބުނެފައެވެ. އެ ކުއްޖާ ހައްޔަރު ކޮށްފައި ހުރީ ދޫނިދޫ ސިޔާސީ ހައްޔަރީން ހައްޔަރުކުރާ އައިސޮލޭޝަން ޔުނިޓް ދޭއްގައެވެ.
މިމަހުގެ 11 ވަނަ ދުވަހާއި މިއަދުވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުން އެދިފައި ވަނީ ބަންދު ކޮށްފައިވާތަން ބަދަލު ކުރުމަށެވެ.
މިއަދު ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ގާޒީ ވަނީ ފުލުހުން އެދުނު ގޮތަށް ބަންދުގެ މުއްދަތު ޖަހައިނުދޭން ނިންމައިފައެވެ. ގާޒީ ނިންމެވީ ބަންދުގެ މުއްދަތަށް އެއްދުވަސް އިތުރު ކުރުމަށެވެ.
އަދި ޑިޓޯލްގެ އަސަރު ހިމެނޭ ފެން ދިން ކަމަށް ބުނާތީ ޑޮކްޓަރާ ކޮންސަލްޓް ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގައިފައެވެ.