ފެނަކަ ކޯޕަރޭޝަން

ފެނަކައިގެ ރީޖަނަލް އޮފީސްތައް އުވާލަން ނިންމި ނިންމުމާ ގުޅިގެން ހދ. ރީޖިނަލް އޮފީސް އުވާލައިފި

ފެނަކަ ކޯޕަރޭޝަންގެ ރީޖިނަލް އޮފީސްތަކާއި ރީޖަނަލް ޑިޕާޓްމަންޓުތައް އުވާލަން ނިންމި ނިންމުމާ ގުޅިގެން ފެނަކައިގެ ހދ. ރީޖަނަލް އޮފީސް އުވާލައިފިއެވެ.

ފެނަކައިގެ ހދ. ރީޖަނަލް އޮފީސް އުވާލާފައިވާ އިރު، އެ ކުންފުނީގެ ރީޖަނަލް އޮފީސްތަކާއި ރީޖަނަލް ޑިޕާޓްމަންޓުތައް އުވާލާނެ ކަމަށް މިދިޔަ ފެބްރުއަރީ މަހު އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިގެ ހދ. ރީޖަނަލް އޮފީހުގައި މަސައްކަތްކުރަމުން ދިޔައީ އަށް މުވައްޒަފުންނެވެ. އެ މުވައްޒަފުންގެ ކޮންޓްރެކްޓް ވަނީ ޓާމިނޭޓްކޮށްފައެވެ.

ފެނަކައިގެ ހދ. ރީޖަނަލް އޮފީސް ހުންނަނީ އެ އަތޮޅު ކުޅުދުއްފުށީގައެވެ. އެ ރަށުގައި އެ އޮފީހުގެ އިތުރުން ފެނަކައިގެ ކުޅުދުއްފުށީ ބްރާންޗުގެ އޮފީސް ވެސް ހުރެއެވެ. ނަމަވެސް ފެނަކައިގެ ނިންމުމާ ގުޅިގެން އުވާލާފައިވަނީ ހަމައެކަނި ރީޖަނަލް އޮފީހެވެ. އެހެން އަތޮޅުތަކުގައި ވެސް ގާއިމްކޮށްފައި ހުންނަ ރީޖަނަލް އޮފީސްތަކުގެ އިތުރުން އެ އަތޮޅެއްގެ ރަށްރަށުގައި ވެސް ފެނަކައިގެ ބްރާންޗުތައް ހުރެއެވެ.

ފެނަކައިގެ ރީޖިނަލް އޮފީސްތަކާއި ރީޖަނަލް ޑިޕާޓްމަންޓުތައް އުވާލަން ނިންމާފައިވަނީ އެ ކުންފުނީގެ މާލީ ހާލަތު ދަށްވެ، ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް ވީހާވެސް ބޮޑަކަށް ހަރަދުތައް ކުޑަ ކުރުމަށް ކަމަށް ފެނަކަ އިން މިދިޔަ ފެބްރުއަރީ މަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވެއެވެ.

ފެނަކަ އިން ބުނީ ރަށްރަށުގެ ބްރާންޗްތަކާއި މައި އޮފީހާ ދެމެދު އިތުރު އިދާރީ އޮފީހެއް ހުރުމުގެ ސަބަބުން މަސައްކަތް އަދި ހިދުމަތް ލަސްވެ، މޮނިޓާކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.