ޕޮލިސް

ބިދޭސީއެއްގެ އަތުން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި

މާލޭގައި ބިދޭސީއަކަށް ހަމަލާދީ ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހަވީރު 5:55 ހާއިރު މާފަންނު އޭސް ހާޑުވެއާ ކައިރިން ބިދޭސީއަކަށް ހަމަލާދީ އޭނާގެ އަތުން ފޭރުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 42 އަހަރު ފިރިހެނަކާއި 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަތުން ފޭރިގެންފައިވަނީ 2500 ޑޮލަރާއި 5000 ރުފިޔާ ކަމަށްވެސް ބުންޏެވެ.

އަދި އެ ހާދިސާ ހިނގާފައިވަނީ އޭސް ހާޑުވެއާ ކައިރީހުރި ހޮޓަލަކުން ސައިބުއިމަށްފަހު ފައިސާ ދައްކަން ހުއްޓައި ކަމަށާއި އެމައްސަލައިގައި ފުރަތަމަ ހައްޔަރުކުރި މީހާ އަތުން މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއްވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އެއްތަނުން އަނެއްތަނަށް ގިނަ އަދަދެއްގެ ފައިސާ ގެންދާނަމަ ފުލުހުންގެ އެހީތެރިކަމަށް އެދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.