ކްލަބު މޯލްޑިވްސް ކަޕްގައި ކްލަބު ވެމްކޯ އިން ކޮމިއުނިކޭޝަން މިނިސްޓްރީ ކޮޅަށް 14 ލަނޑު ޖަހައި، ގަދަ 16ގެ އުންމީދު ބޮޑުކޮށްފިއެވެ.
އެ މުބާރާތުގައި ރޭ ކުޅުނު 'ގްރޫޕު އޭ'ގެ މެޗުގައި ކޮމިއުނިކޭޝަން މިނިސްޓްރީ އަތުން ވެމްކޯ މޮޅުވީ 14-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ވެމްކޯ އިން ޖެހި 14 ލަނޑުގެ ތެރެއިން އަބްދުﷲ ޝައްފާން (ޝާކާ) އާއި އިބްރާހިމް އަސްވާދު، މިއިން ކޮންމެ ކުޅުންތެރިޔަކު އެޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ހަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ހަސަނާއި އަހްމަދު ޝިފާއު މުއާޒާއި ހުސައިން ގައްސާން ހަބީބާއި އަބްދުﷲ ޖުނައިދާއި އަބްދުﷲ ސަމީހު މޫސާ އަދި އަހްމަދު ފަޔާޒެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެލައިޑްއާ ދެކޮޅަށް ކުޅުނު 'ގްރޫޕު ޑީ'ގެ މެޗުން 5-0ގެ ނަތީޖާއަކުން ކްލަބު އިމިގްރޭޝަން ވަނީ މޮޅުވެފައެވެ. އެ މެޗުގައި އިމިގްރޭޝަނުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު އާދަމް އިމްރާން ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ.
އެމްޕީއެލް އާއި ޓީމް ފެނަކަ ރޭ ކުޅުނު 'ގްރޫޕު ސީ'ގެ މެޗު ނިމިގެންދިޔައީ 3-3ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި އެމްޕީއެލް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު އައްޒާމް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ނިހާން (ނިހާޓު) އެވެ. ފެނަކަ އިން ޖެހި ތިން ލަނޑުގެ ތެރެއިން ހުސައިން ނާޝިދު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ.
ރޭ ކުޅުނު 'ގްރޫޕު ބީ'ގެ މެޗުގައި މީޑިއާނެޓް އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެ، ޕްރިޒަން ކްލަބުން ވަނީ ގަދަ 16ގެ އުންމީދު ބޮޑުކޮށްފައެވެ. އެ މެޗުގައި ޕްރިޒަން ކްލަބުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަލީމާއި އާދަމް މަންސޫރެވެ. އަދި މެޗުގައި މީޑިއާނެޓުން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އިހުތިރާމެވެ.
އެ މުބާރާތުގެ ފިރިހެން ބައިގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ހަވީރު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، މާދަމާރޭ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މާދަމާ ކުޅޭ މެޗުތައް:
17:30 ކްލަބު އެޗްޑީސީ – ސިވިލް ކޯޓު
17:30 ޔުނައިޓެޑް ބީއެމްއެލް – ފެން ކްލަބު
20:15 ދިރާގު – ޕީއެސްއެމް
20:15 ޕޮލިސް ކްލަބު – މިފްކޯ
21:30 އެމްޓީސީސީ – ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)
21:30 ކަސްޓަމްސް ރެކްރިއޭޝަން ކްލަބު – ތައުލީމީ ގުޅުން
ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ ވިމެންސް ފުޓްސަލް ފިއެސްޓާގެ ގްރޫޕު ސްޓޭޖުގެ ފަހު މެޗުތައް މިރޭ ކުރިއަށްދާނެއެވެ. މިރޭ 8:15ގައި އެމްޕީއެލްއާ ދެކޮޅަށް ކްލަބު އިމިގްރޭޝަން ނުކުންނަ އިރު، ހަމަ އެގަޑީގައި ޓީމް ފެނަކައާ ދެކޮޅަށް ކްލަބު ވެމްކޯ ނުކުންނާނެއެވެ. އަދި މިރޭ 9:30ގައި ޓީމް ފެނަކައާ ދެކޮޅަށް ފެން ކްލަބު ނުކުންނަ އިރު، ހަމަ އެގަޑީގައި ޓްރޭޑް ކްލަބާ ދެކޮޅަށް ޑީއެސްސީ ނުކުންނާނެއެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.