މި އަހަރުގެ މާޗުމަހުގެ ނިޔަލަށް އެންމެ ގިނައިން ފޭރުމުގެ އަމަލުތައް ހިންގައިގެން މައްސަލަ ހުށަހަޅާފައި ވަނީ ހެންވޭރުން ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ފުލުހުން ބުނީ ހެންވޭރުން ފޭރުމުގެ 22 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. ދެން އެންމެ ގިނައިން ފޭރުމުގެ މައްސަލަތައް ހުށަހަޅައިފައިވަނީ މާފަންނުން ކަމަށާއި އެއަވަށުން ފޭރުމުގެ 18 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ތިންވަނައަށް އެންމެ ގިނައިން ފޭރުމުގެ މައްސަލަ ހުށަހަޅައިފައިވަނީ ގަލޮޅުން ކަމަށް ފުލުހުން ބުނެއެވެ. އެއީ ފޭރުމުގެ 14 މައްސަލައެވެ.
ފުލުހުން ބުނީ ފޭރުމުގެ މައްސަލަތަކަށް ބަލާއިރު އެންމެ ފަހަގަ ކުރެވެނީ ދުރާލާ ރޭވުންތެރިކަމެއް ނެތި، ފުރުސަތު ލިބުމުން ތަކެތި ފޭރިގެންފައިވާ މައްސަލަތައް ކަމަށެވެ. މަގު ހިނގާއިރު ފޯނާއި އަތްދަބަސް ފޭރިގަންނަން ފެސޭހަވާނެހެން ހިނގާފައި ދިޔުމާއި، މުހިއްމު ފޯނު ކޯލެއް ކުރަން ކަމަށްބުނެ ފޯނު އަތުލައިގެން ފިލުމާއި، މީހުން މަދު ނުވަތަ އެކަހެރިކޮށް ތިބޭ މީހުންނަށް ބިރު ދައްކައިގެން ފޭރުމާއި، ވަކިމީހެއްގެ ފޮޓޯ ފޯނުގައި ހުރި ކަމަށްބުނެ ފޯނުގެ ލޮކްކޯޑު ހޯދައި ފޯނު އަތުލައިގެން ފިލުން ހިމެނެއެވެ. ފުލުހުން ބުނީ މިގޮތުން ހުށަހަޅައިފައިވާ ގިނަ މައްސަލަތަކަކީ، 18 އަހަރުން ދަށުގެ ކުޑަކުދީންގެ އަތުން ފޭރުމުގެ މައްސަލަތައްކަމަށެވެ.