ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ މެދު އެމްޑީޕީން ބަހުސް ކުރާން ޖެހޭ ޖާގައެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ކޯލިޝަން އެއްބަސްވުން ބުނާ ގޮތުން އެއީ ޖުމުހޫރީ ޕާޓީއަށް ޚާއްސަ މަގާމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް އެމްޑީޕީގެ ގިނަ ބޭފުޅުންތަކެއް ޝައުގުވެރިކަން ފާޅުކުރައްވައި ކެމްޕޭން ފައްޓަވައި އެ ބަހުސް އެމްޑީޕީ ތެރޭގައި ގަދަ ވެފައި ވަނިކޮށް، ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން އެއްބަސްވުން ބުނާ ގޮތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާނީ އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށާއި އެކަމަށް އެންމެ ގާބިލު ބޭފުޅަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ.
އަލީ ސޯލިހުގެ ޓުވީޓާ ގުޅިގެން "ވަން އޮންލައިން"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، އިންތިޚާބު ކިތަންމެ ވާދަވެރިކޮށް ކުރިޔަށް ދިޔަ ނަމަވެސް ކޯލިޝަން ދެމި އެބަ އޮތް ކަމަށާއި އެހެން ކަމުން އެއްބަސްވުން ވެސް މިހާރެކޭ އެއްގޮތަށް ދެމިގެންދާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ކަމުން އޭގައިވާ ހުރިހާ ކަންކަމަށް ފުރިހަމައަށް އިހުތިރާމުކޮށް ހުރިހާ ފަރާތްތަކުން ވެސް އެއަށް އަމަލުކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
"މީކީ ބަހުސް ކުރާން ޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ވެރިކަމުގައި މިތިބީ ކޯލިޝަނެއްގެ ތެރޭ، އެއްބަސްވުމެއްގެ ދަށުން. އަމަލުކުރާން ޖެހޭ ކަންތައްތަކެއް އޭގައި އެބަހުރި. ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމުގައި އެ ހުންނެވީ ވެސް އެގޮތުގެ މަތީން. އަދި ކުރިޔަށް އޮތް ތަނުގައި އެކަން އޮންނާން ވާނީ އެހެން ކަމަށް އަޅުގަނޑުމެން ދެކެނީ." އަލީ ވިދާޅުވި އެވެ.
އަލީ ސޯލިހު މިހެން ވިދާޅުވި އިރު، ދާދި ފަހުން ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ވެސް އަދި ނައިބު ރައީސް ކަމުގައި ވެސް ތިއްބަވާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން އިސް ގިނަ މެންބަރުންތަކެއް ގެންދަވަނީ ކެމްޕޭން ވެސް ކުރައްވަމުންނެވެ.