ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 4

އަބްދުﷲ ފާރޫގް ހަސަން

ދޭދޭމީހުންގެ މެދުގައި ޢަދާވާތްތެރިކަން

މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އަދި ޤިޔާމަތަށް ދާންދެން ޢަދާވަތްތެރިކަމާއި ރުޅިވެރިކަން އެއުރެންގެ މެދުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ." (المـــــائـــدة: 64)

އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި ޔަހޫދީންނާއި މުސްލިމުން

އިސްލާމީ ތާރީޚާއި ޖާހިލިއްޔަތުގެ ތާރީޚުންވެސް ފެންނަ ޙައިރާންވާފަދަ އެއްގޮތްކަމެކެވެ. ޙައްޤު ދީނާ އިދިކީލިވެ ދެކޮޅުވެރިވެގަތުމުގައި އެންމެ ވަރުގަޔަދަށް ހަރަކާތްތެރިވެފައިވަނީ ދީނެއްގެ އަހްލުވެރީންކަމުގައި ދަޢުވާކުރާ މީހުންނެވެ. ބަހަނާއަކަށް ދައްކަނީ އީމާނީ ޖޯޝެވެ. ޙަޤީޤަތުގައި ދީން ޤަބޫލުކުރާ މީހުންނަކީ ޙައްޤު ދީނުގެ ދަޢުވަތުގެ އަޑުއިވުމާއެކު އެންމެކުރީން އިޖާބަދޭންޖެހޭ މީހުންނެވެ. ޙައްޤު ދީނުގެ ދިދަ އުފުލާ މީހުންގެ ޖަމާޢަތުގެ އެންމެކުރީ ސަފަށް ވަންނާންޖެހޭ މީހުންނެވެ. އެކަމަކު ދާދިމަދު މީހަކު ފިޔަވައި ޔަހޫދީންގެ މަސައްކަތަކަށްހެދީ "އައްވަލަކާފިރިންބީ" ކަމުގައިވުމެވެ.

ދީންތަކުގެ އަހްލުވެރީންނަކީ ދީނުގެ ޚާދިމުންކަމުގައިވާ މީހުންނެވެ. ދީނަށް ނަޞުރުދޭ މީހުންނެވެ. އެކަމަކު ދީނުގެ ނަމުގައި ތެދުވާ ބައެއްމީހުންނަށް ދީނުގެ ސަބަބުން މަޤާމުތައްލިބި އެބައިމީހުންގެ ޒާތީ ބައެއް މަޞްލަޙަތުތައް ދީނާ ގުޅުވައިލެވުމުން އެއުރެން ދީނަށް ތަބާވަނީކީ ނޫނެވެ. ދީން އެބައިމީހުނާ ތަބާކުރުވަނީއެވެ. އެފަދަ މީހުން މަޑުމަޑުންގޮސް ދީނުގެ ގޮވެލީގެ ޒަރީޢާއިން ތިމާމެންގެ މުސްތަޤިއްލު ޙައްޤުތަކެއް އުފައްދައިގަނެއެވެ. ތިމާމެންނަށް ޚާއްޞަ ދަރަޖަވެރިކަމެއް ހޯދައިގަނެއެވެ. އެހައިތަނަށްދާއިރު އެފަދަ މީހުން ދީން ހަދައިފައި އޮންނަނީ ތިމައުރެންނަށް މަންފާލިބޭ ވިޔަފާރިއަކަށެވެ. މިއީ ދީންތަކާއި ދީންތަކުގެ އަހްލުވެރީން ދަށަށްދިޔުމުގެ ވަގުތު އައުމުން އަބަދުވެސް ކަންހިނގާ މަގެވެ. އެހައިތަނުން ދަންނަބޭކަލުންގެ ވަޢުޡު ހަދަނީ ވިޔަފާރިތަކަކަށެވެ. ޢިލްމަކީ އެބައިމީހުން އާމްދަނީ ހޯދުމުގެ ވަސީލަތެކެވެ. ފަތުވާއަކީ އެބައިމީހުން ބާޒާރުގައި ވިއްކާ ވިޔަފާރި މުދަލެކެވެ. މާކެޓް އަގެއް އޮންނަ އެއްޗެކެވެ. ދީން ދަންނާތީ އެބައިމީހުންނަށް މީހުންކުރާ އިޙްތިރާމް ހަދަނީ ތިމާމެންގެ ޖީބު ފުރައިލުމާއި ޖާހު މަތިވެރިކުރުވުމުގެ ޒަރީޢާއަކަށެވެ. ދީނުގެ ދަންނަބޭކަލުން މިދަރަޖައަށް ވެއްޓުމުން އެބައިމީހުން ހުރިހައިކަމަކާމެދުވެސް ދެކެނީ ވިޔަފާރިވެރި ނަޒަރަކުންނެވެ. ހޯދަނީ ތިމާމެންގެ ޒާތީ މަޞްލަޙަތު ރައްކައުތެރިކުރެވޭނެ ގޮތްތަކެވެ. ތިމާމެންގެ މަޤާމާއި ދަރަޖަ އެހެންމީހަކަށް ނުލިބޭނީ ކޮންގޮތަކަށް ބަހާއި ޢަމަލު ބަހައްޓައިގެންކަމެވެ. ދީނީ މީހުން މިދަރަޖަޔަށް ދިއުމުން:

- އެއްވެސްމީހަކު އެމީހުނާ ޚިޔާލުތަފާތުވާ ކަށެއް ނުރުހެވެއެވެ. މަތިވެރި މަޤްޞަދުތަކަކަށްޓަކައިވެސް އެހެންބަޔަކާ އެއްބާރުލާކަށެއް އެއްބަހެއް ނުވެވެއެވެ.

- ތިމާގައި ހުރި ބަލިކަށިކަމެއް ނުވަތަ ތިމާއަށް ހެދޭ ގޯހެއް ޤަބޫލުކޮށް އިޞްލާޙުވާކަށެއް މަސައްކަތެއް ނުކުރެވެއެވެ.

- އިސްވާރުކަމުގެ ގޮނޑި އަނެކަކަށް ދޫކޮށްލައި އަނެކެއްގެ ދަޢުވަތު ޤަބޫލުކޮށް، ތިމާމެންގެ ވާޖިބު އަދާކުރާކަށެއް ނުރުހެވެއެވެ.

އިސްލާމީ ތާރީޚު ފެށުނުއިރުވެސް ޔަހޫދީން ތިބީ މިދެންނެވި މަރްޙަލާގައެވެ. އޭގެވެސް އެންމެ ފުލަށް ވެއްޓެވިފައެވެ. އެބައިމީހުން ފިޔަވައި އެހެން އެއްވެސް ބައެއްގެ ތެރޭގައި ޙައްޤުގޮތް އޮވެދާނެކަމަކަށް އެއުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އެބައިމީހުނަށް ތަބާވެގެން އެބައިމީހުންގެ ފަހަތުން ހިނގައިގެން މެނުވީ އެއްވެސް ބަޔަކަށް ތެދުމަގު ފެނިދާނެކަމަކަށެއް ބަލައެއް ނުގަނެވެއެވެ. އިސްވާރުކަމާއި މަގުދެއްކުމުގެ މަޤާމު އެހެންބަޔަކަށް ލިބިދާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

މައްކާގެ ޤުރައިޝުންވެސްވަނީ އިސްލާމީ ތަޙްރީކާ ދެކޮޅުހަދައިފައެވެ. މަދީނާގެ ޔަހޫދީންވެސް ހިނގީ ހަމައެމަގުންނެވެ. އެކަމަކު ދެބައިމީހުންގެ ދެކޮޅުވެރިކަމުގައި ވަރަށްބޮޑު ތަފާތެއް ހުއްޓެވެ. ދެބައިމީހުންގެ ދެކޮޅުވެރިކަމުގެ ޙަރަކާތަށް ތަޙްލީލީ ނަޒަރެއް ހިންގާއިރު ހާމަވެގެން އަންނަ އެންމެފުރަތަމަ ޙަޤީޤަތަކީ ޤުރައިޝުންގެ ދެކޮޅުވެރިކަމާ ގުޅިފައިވަނީ ކިބުރުވެރިކަމާއި ބޮޑާކަން ކަމެވެ. އެކަމަކު ޔަހޫދީންގެ މައްޗަށް ޢާންމުވެފައިއޮތީ ހަސަދަވެރިކަމެވެ. ނީހައެވެ. ހިތްނުބައިކަމެވެ. މައްކާގައި އޮތީ ތިމާމެންގެ މަތިވެރިކަމުގެ އިޙްސާސުގެ ވަބާއެވެ. މަދީނާގައި އޮތީ ތިމާމެން ނިކަމެތިވަމުން ބާރުނެތެމުން ފަޟީޙަތްވަމުންދާތީ އެކަމާ އަންނަ ސިނގު ރުޅިއެވެ. ނިކަމެތިވަމުންދާކަމުގެ އިޙްސާސުގެ ރޯގާއެވެ. މައްކާގައި އޮތީ ފާޅުގައި ދެކޮޅުހެދުމެވެ. ގޮންޖެހުމެވެ. މަދީނާގައި އޮތީ މަކަރުވެރިކަމެވެ. އިޔަހޫދިކަމެވެ. އަޑިއަޑީން ދަށްދަށުން ނުބައި ހެދުމެވެ. މައްކާގައި އޮތީ ހިތްވަރާ ޖެހިލުން ކުޑަކަމެވެ. މަދީނާގައި އޮތީ ފިނޑިކަމާއި ނުބައި ނުލަފާކަމެވެ. މައްކާގައި ތިބީ މުސްލިމުންނާއި މުޝްރިކުންނެވެ. މަދީނާގައިވަނީ މުސްލިމުންނާއި ޔަހޫދީންގެ އިތުރަށް، ނިފާޤުގެ އަހްލުވެރީންގެ ޖަމާޢަތެއްވެސް އުފެދިފައެވެ. ދެތާނގެ ޙާލަތަށް ބަލައިލުމުން އެނގެނީ، ފާސިދު ދީންވެރީން ފާޅުވެގެންހުރި ކުފުރުގެ އަހްލުވެރީންނަށްވުރެ މާނުބައިކަމެވެ. ޠަބީޢަތުވެސް މާވިހަކަމެވެ. ޙައްޤާ ދެކޮޅުހެދުމުގައި މާދަށްފެންވަރުގެ ވިޔާނުދާ ޢަމަލުތަކެއް ކުރަމުން ގެންދިޔަކަމެވެ.

ތަޢުހީދާއި ޝިރުކާ ދެމެދު ހިނގަމުންއައި އަރައިރުމުގައި ޔަހޫދީން އެބައިމީހުންގެ ހުރިހައި ބުރަދަނެއް އަރުވައިދިނީ ތިލަފަތުގެ ޝިރުކުގެ ކޮޅަށެވެ. މުސްލިމުންނާމެދު ޚިލާފުތަކެއް ހުރިކަމުގައިވިޔަސް އެއްކައުވަންތަ ކަލަކު ޤަބޫލުކުރާކަމުގައި ދަޢުވާކުރާ ބައެއްގެ ހައިސިއްޔަތުން ޔަހޫދީންގެ ވާޖިބަކީ މާތް اللّــــه އަށް އަޅުކަންކުރާ އަދި އަޚްލާޤީ އަގުތައް ހިފަހައްޓާ ފަރާތަށް އެއްބާރުލުން ދިނުމެވެ. ނުވަތަ އެންމެ ކުޑަމިނުންވެސް ވަކިފަރާތަކަށް ނުޖެހުމެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނުހަނު އިޚްލާޞްތެރިކަމާއެކު ދަޢުވަތު ދެއްވަމުން ގެންދެވީ، "އޭ ފޮތުގެ އަހްލުވެރީންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި ހަމަހަމަވެ އެއްގޮތްވެގެންވާ ކަލިމައަކަށް އަންނާށެވެ!" (آل عـمـــــران: 64) މިފަދައިންނެވެ. ޔަހޫދީންނަކަށް އެއަޑުފުޅު އިވޭކަމަކަށެއް ނުވިއެވެ. އެންމެ މާތް އިންސާނާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި އެމާތް ސާހިބާގެ އެކުވެރީންގެ ކުށެއްނެތް ސާފު ދީނީ ވިސްނުންފުޅާއި ޞާލިޙު ޢަމަލުފުޅުތައް އެއްފަރާތްކޮށްލުމަށްފަހު އެބައިމީހުން ނިންމީ أبــــوجــهـــل އާއި أبــــولهـب ފަދަ ދަށްފަންތީގެ މުޝްރިކުންނާ ބައިވެރިވާށެވެ. އެމީހުނަށް އެއްބާރުލުން ދޭށެވެ. ދީންވެރިކަމުގެ ދަޢުވާކުރާ މުފުސިދުންގެ ރޯލު ތާރީޚުން އަބަދުވެސް ފެނިފައިވާ ފަދައިންނެވެ. މިޒަމާނުގައިވެސް ތަޖުރިބާކުރެވެމުން މިދާފަދައިންނެވެ. ތައުޙީދާއި ޝިރުކާ ދެމެދު ފެށިފައިވާ މަޢުރިކާގައި ޔަހޫދީންނަކަށް ތައުޙީދުގެ ފަރާތަކަށް ނޭރުނެވެ. އެއްބާރުލުމެއް ނުދެވުނެވެ. އެބައިމީހުން ވެއްޓިގަތީ ތައުޙީދުގެ ދީނާ އިދިކޮޅު މީހުންގެ އުނގަށެވެ. އަބަދުވެސް ޔަހޫދީންގެ ޠަބީޢަތަކީ ކުފުރާއި ފާޖިރުކަމާއި ފާސިޤުކަމާ އަތުގުޅައިލުމެވެ.

އާދޭހެވެ! މިއީ މަދީނާގެ ޔަހޫދީން ޚިޔާރުކުރި މަޢުޤިފެވެ. އެބައިމީހުންގެ ރައްބީންތައް އެއުރެންގެ ކަނީސާތަކުން ނުކުތީ ޢިލްމުވެރިކަމާއި ތަޤްވާވެރިކަމާ ގުޅުވައިލެވޭ ޒާތުގެ ދެފުށްދެގޮތް ހުރިހައި ހަތިޔާރުތަކަކުން ހަތިޔާރު އަޅައިގެންނެވެ. އެކަމަކު އެބައިމީހުން މަސައްކަތްފެށީ ޙައްޤު ދީނަށް ދަޢުވަތު ދެއްވަމުން ގެންދެވި މާތް ނަބިއްޔާއަށާއި އިސްލާމީ ތަޙްރީކަށާއި އެ ތަޙްރީކުގެ ބައިވެރީންނަށް ފުރައްސާރަ ކުރާށެވެ. މައްލަވަ ކުރާށެވެ. ހާރުވައި މަލާމާތްކުރާށެވެ. ޖެއްސުމުގެގޮތުން މާނައެއްނެތް ތާކުންތާކު ނުޖެހޭ ސުވާލުތައްކޮށް އެއްވެސް ހުއްޖަތެއްނެތް އިޢުތިރާޟުތައް ކުރާށެވެ. މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވާށެވެ. ޕްރޮޕެގެންޑާގެ ޠޫފާނުތައް އުފައްދާށެވެ. ޖާސޫސުކޮށްގެން މުސްލިމުންގެ ޚަބަރުތައް ހޯދައި މައްކާގެ މުޝްރިކުންނަށް ފޮނުވާށެވެ. މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރުވޭނެ ގޮތްތައް ރާވާށެވެ. ކާފަރުކުރުމާއި ފާސިޤުކަމުގެ އިލްޒާމު އެޅުވުމުގެ ފަތުވާ ނެރޭށެވެ. އަދި ކީއްތޯއެވެ. މިހައިވަރަކުންވެސް ފުއްދައެއް ނުލައެވެ. ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ސާހިބާ ޝަހީދުކޮށްލުމުގެ ތަދުބީރުތައް ކުރަމުންވެސް ގެންދިޔައެވެ. ހަނގުރާމައިގެ ތެރޭގައްޔާއި އިމަރޖެންސީ ޙާލަތްތަކުގައި އިންތިހާޔަށް ޚިޔާނަތްތެރިވިއެވެ. ޣަދަރުވެރިވަމުން ގެންދިޔައެވެ.

މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަހު އުންމަތުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީގައިއޮތީ އުންމަތް ބިނާކުރެއްވުމުގެ ވަރަށްފުޅާ މަސައްކަތްޕުޅުތަކެކެވެ. އަދި އެހައިމެ ކަފިތައް ގިނަ މަޝްރޫޢެކެވެ. މެދުކެނޑުމެއްނެތި ގިނަ ޢަދަދަކަށް މަދީނާއަށް ހިޖުރަކުރައްވަމުން ގެންދެވި މުހާޖިރުން އާބާދުކުރެއްވުމެވެ. އެބޭކަލުންނަށް މަޢީޝީ ވަސީލަތްތައް ހޯއްދަވައިދެއްވުމަކީވެސް ކުރިމަތިލައްވާން ޖެހިވަޑައިގެންފައިއޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. އަނެއްކޮޅުން ކޮންމެ ހިނދުކޮޅަކީވެސް މައްކާގެ ޤުރައިޝުން މަދީނާއަށް ޙަމަލަދިނުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ހިނދުކޮޅެކެވެ. ދުވާލަކަސް ރޭގަނޑަކަސް މުސްލިމުން ތިބޭންޖެހިފައިއޮތީ ހަނގުރާމައިގެ ހަތިޔާރު އަޅައިގެންނެވެ. އެހެންކަމުން ދިފާޢީގޮތުން ދައުލަތް ހަރުދަނާކުރެއްވުންވެސް އޮތީ ލާޒިމުވެފައެވެ. މިހުރިހައި ކަމަކަށްވުރެވެސް ދަތިކަމަކަށްވެފައިވަނީ ނުވަރޭފެނުތެރޭގައިއޮތް އިސްލާމީ ދައުލަތުގައި އެ މުޖުތަމަޢުގެ ތެރޭގައިތިބި ގިނަޢަދަދެއްގެ ޣަދަރުވެރީންގެ ފިތުނަވެރިކަމެވެ. ހަދަމުންގެންދިޔަ ނުބައެވެ. ޚިޔާލުކޮށްލަމާތޯއެވެ؟ އިސްލާމީ ދައުލަތް އޮތީ އެ ދައުލަތުގެ ޅަފަތުގެދާނުގައެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހަފަރާތްޕުޅުން އެމާތް ސާހިބާ ވަށައިލައިފައިވަނީ މައްސަލަތަކެވެ. ކެހިވެރި ނުބައި ރޭވުންތަކެވެ. އެހުރިހައި ކަމެއްގެ އުފެއްދުންތެރީންނަކީ ކޮންބައެއްތޯއެވެ؟ ޔަހޫދީންނެވެ. އެއްކައުވަންތަކަން ޤަބޫލުކުރާކަމުގެ ދަޢުވާވެރީންނެވެ. إبــــراهــيـــــم عــلــيـــه الـسّــلام އާއި مـــوســى عــلـيــــه الـسّــلام ގެ މައްޗަށް ފިދާވާ ޕަރުވާނާއިންކަމުގައި ދަޢުވާކުރާ މީހުންނެވެ. ތައުރާތުގެ ޙާމިލުންކަމުގައި ދަޢުވާކުރާ މީހުންނެވެ. ޢިލްމުވެރިކަމާއި ފިޤުހުވެރިކަމާއި ތަޤްވާވެރިކަމާއި ވަރަޢަވެރިކަމުގެ ފާރަވެރީންކަމުގައި ހެދިގެންއުޅޭ މީހުންނެވެ.

(ނުނިމޭ)