ޕޮލިސް

ފޭރުމުގެ މައްސަލަތަކުގައި ގިނައީ ރޭވުންތެރިކަމެއް ނެތި، ފުރުސަތުލިބުމުން ފޭރިފައި ހުރި މައްސަލަ: ފުލުހުން

ފޭރުމުގެ މައްސަލަތަކުގެ ތެރޭގައި ގިނައީ، ރޭވުންތެރިކަމެއް ނެތި، ފުރުސަތު ލިބުމުން ފޭރިފައި ހުރި މައްސަލަތައް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއަދުގެ ނޫސްވެރިންގެ މި ބައްދަލުވުމުގައި ފުލުހުންބުނީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ފޭރުމުގެ 71 މައްސަލަ ހުށަހަޅައިފައި ވާކަމަށާއި އެ މައްސަލަތަކުގައި 11 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަކަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަތިޔާރެއް ނެތި ސައިކަލުގައި ދަމުން މޯބައިލް ފޯނު ފޭރިގެންފައިވާ މައްސަލަތަައް ކަމަށާއި މިބާވަތުގެ 43 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ފުހުން ބުނެއެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ހަތިޔާރެއްނެތި ސައިކަލުގައި ދަމުން ވޮލެޓު އަދި އަތްދަބަސް ފަދަ ތަކެތި ފޭރުމުގެ މައްސަލަތައް ކަމަށާއި މާޗްމަހުގެ ނިޔަލަށް އެ ބާވަތުގެ އަށް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފޭރުމުގެ މައްސަލަ އެންމެ ގިނައިން ހުށަހެޅޭ ސަރަހައްދު ތަކަކީ އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދާއި، އިންޑަސްޓްރިއަލް ޒޯންގެ ސަރަހައްދާއި، ފަތާ ޓްރެކް ސަރަހައްދާއި، އުސްފަސްގަނޑު ސަރަހައްދު ކަމަށް ފުލުހުން ބުނެ އެވެ.