މުނިފޫހިފިލުވުން

"ފްރެންޑްސް"ގެ ޗޭންޑްލާ ހޮޓް ޓަބްގައި މަރުވެފައި އޮއްވާ ފެނިއްޖެ

އައިޝަތު އަފްޝަން

މަގުބޫލު ޓީވީ ޝޯ "ފްރެންޑްސް" ގެ ތަރި މެތިއު ޕެރީ މަރުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މެތިއު މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ގޭގެ ހޮޓް ޓަބުގައެވެ. އޭނާ މަރުވީ ޓަބަށް ގެނބިގެން ކަމަށް ބެލެވޭ ރިޕޯޓުކޮށްފައި ވާއިރު، އޭނާގެ މަރުގައި މީހެއްގެ އަތެއް ވާކަމަށް ޝައްކު ކުރެވޭ އެއްވެސް ހެއްކެއް އެ ގެއިން ފެނިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެތިއު މަރުވިއިރު އޭނާގެ އުމުރުން 54 އަހަރެވެ. އޭނާގެ މަރުގެ ހަބަރު ލިބުމާއެކު އޭނާގެ މަންމައާއި ބައްޕަ އަދި ދޮން ބައްޕަ އޭނާގެ ގެއަށް ގޮސްފައި ވާއިރު، އެ ސަރަހައްދަށް އެއްވެ ތިބި މީޑިއާއާ ވާހަކަ ދައްކާފައެއް ނުވެއެވެ.

މެތިއު "ފެރެންޑްސް"ގައި އަދާކުރީ ޗޭންޑްލަ ބިންގްގެ ރޯލެވެ. އެ ސީރީސް އުފެއްދި ވާނާ ބްރޯސްއިން މެތިއުގެ މަރުގެ ހިތާމައިގައި ބަޔާނެއް ނެރެފައި ވާއިރު، އެ ބަޔާނުގައި ބުނީ މިއީ އެ ޝޯއާއި އޭނާގެ ސަޕޯޓަރުންނަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.

މިދިޔަ އަހަރު އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ފޮތެއްވެސް ނެރެފައި ވެއެވެ. އެ ފޮތުގައި އޭނާގެ ކުޑައިރުގެ ވާހަކަތަކާއި ފިލްމީ ދާއިރާއަށް ނިކުމެވުނު ގޮތުގެ ވާހަކަ ވެސް ދައްކާފައި ވެއެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އޭނާ ކުރި މަސައްތަކުގެ ވާހަކަވެސް އެ ފޮތުގައި ހިމަނާފައި ވެއެވެ.