ބޭންކް އޮފް މޯލްޑިވްސް އިން ރ. އުނގޫފާރުގައި ގާއިމުކޮށްފައިވާ ބުރާންޗް އެންމެ ޒަމާނީ ބްރާންޗަކަށް ބަދަލުކޮށް، 24 ގަޑިއިރު ޚިދުމަތްލިބޭ ސެލްފް ސާވިސް ބޭންކިން ސެންޓަރަކަށް ބަދަލުކޮށްފި އެވެ.
ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށްފައިވާ މި ބްރާންޗް ހުޅުވީ މިއަދު އެރަށުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
މި ހަފުލާގައި ބޭންކުގެ ކަސްޓަމަރުންނާއި، އުނގޫފާރުގެ ރައްޔިތުންނާއި ވިޔަފާރިވެރީންގެ އިތުރުން، މުއައްސަސާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ހަފުލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. އަދި އުނގޫފާރަކީ ވިޔަފާރި އާއި އިގުތިސާދީ ގޮތުން ބަލާއިރު ރ. އަތޮޅުގެ މައި ރަށަށް ވުމާއެކު އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާއި ކައިރީ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މި ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލް މަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗުގައެވެ.
މި ޚިދުމަތާއެކު މިހާރު ރާއްޖޭގައި މުޅިއެކު، 20 އަތޮޅުގައި 37 ބްރާންޗާއި، 40 ސެލްފްސަރވިސް ބޭންކިން ސެންޓަރާއި، 100 އޭޓީއެމްއާއި، 5300 ޕީއޯއެސް މަރޗަންޓުނުންނާއި، 277 ކޭޝް އޭޖެންޓުން ބީއެމްއެލް އިން ވަނީ ތައާރަފްކޮށްފައި ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.