ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 3

އަބްދުﷲ ފާރޫގް ހަސަން

1

ކާފަރުންނާ ރަޙްމަތްތެރިވުން

ޔަހޫދީންނަކީ ކާފަރުންގެ ރަޙްމަތްތެރީންނެވެ. މާތް اللّـــه ވަޙީކުރައްވަނީ މިފަދައިންނެވެ.

"އޭގެތެރެއިން ގިނަމީހުން ކާފިރުވި މީހުންގެ އެކުވެރިކަން ލިބިގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެންގެ ނަފުސުތައް، އެއުރެންނަށްޓަކައި، ކުރިމަތިކުޅަ ކަންތަކުގެ ނުބައިކަމާއެވެ! އެއީ اللّـــه، އެއުރެންގެ މައްޗަށް ކޯފާލެއްވުމެވެ. އަދި އެއުރެންނީ ޢަޛާބުގެ ތެރޭގައި އަބަދަށް ދެމިތިބޭނޭ ބަޔަކު ކަމުގައިވުމެވެ." (المـــــائـــدة: 80)

ދޮގުވާހަކަތައް އަޑުއެހުމާއި ޙަރާމް އެއްޗެހި ކެއުން

މިކަމާގުޅޭގޮތުން މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އެއީ، ގިނަގިނައިން ދޮގުބަސްތައް އަހާ މީހުންނެވެ. ޙަރާމްމުދާ ގިނައިން ކާމީހުންނެވެ." (المـــــائـــدة: 42)

ހަނގުރާމައިގެ ހުޅުރޯކުރުމާއި ފަސާދަ ފެތުރުން

އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އެއުރެން ހަނގުރާމަޔަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެ ހިނދެއްގައި، اللّـــه އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި ފަސާދަކުރުމުގެގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ ފަސާދަކުރާ މީހުންދެކެ اللّـــه ލޯބިވެވޮޑިގެނެއް ނުވެތެވެ." (المـــــائـــدة: 64)

ދީނަށް މަލާމާތްކޮށް ފުރައްސާރަކުރުން

މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީން ފޮތްލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ ދީނަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއްކަމުގައި ހަދައިގެންއުޅުނު މީހުންނާއި ކާފިރުން އެއީ، އެހީތެރިންކަމުގައި ނަހަދާށެވެ! އަދި ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައިވާނަމަ اللّـــه އަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން ނަމާދަށް ގޮވައިފިނަމަ އެކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއްކަމުގައި އެއުރެން ހަދަތެވެ. އެއީ، އެއުރެންނަކީ ހަމަކަށަވަރުންވެސް ނުވިސްނޭބަޔަކު ކަމުގައިވާތީއެވެ." (المـــــائـــدة: 58، 57)

މުނާފިޤުކަން

ޔަހޫދީންގެ މުނާފިޤުން ބަޔާންކުރައްވައި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އަދި، އީމާންވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ ތިމަންމެން މިތިބީ އީމާންވެގެންނެވެ. އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، އެއްތަންވެއްޖެނަމަ، އެއުރެން ބުނެތެވެ. (ތައުރާތުގައި اللّـــه ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް (އެބަހީ: މުސްލިމުންނަށް) ތިޔަބައިމީހުން ކިޔައިދެނީހެއްޔެވެ؟ (އޭރުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން (އެބަހީ: މުސްލިމުން) ހުއްޖަތު ދައްކައިފާނެތެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟" (الــبـقــــــرة: 76)

ޔަހޫދީންގެ މިސާލަކީ ޙިމާރުގެ ވިސާލެވެ.

އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"ތައުރާތަށް ޢަމަލުކުރަން އަންގަވައިފައިވަނިކޮށް، ދެން އެއާއެއްގޮތަށް ޢަމަލު ނުކުރި މީހުންގެ މިސާލަކީ ފޮތްތަކެއް އުފުލާ ޙިމާރުގެ މިސާލެވެ. اللّـــه ގެ އާޔަތްތައް ދޮގުކުރި މީހުންގެ މިސާލުގެ ހުރި ނުބައިކަމާއެވެ! އަނިޔާވެރި ބަޔަކަށް اللّـــه ތެދުމަގެއް ނުދައްކަވަތެވެ." (الجــمـــع: 5)

ޔަހޫދީންގެ މައްޗަށް اللّـــه ގެ ކޯފާ

އިސްވެދިޔަ ޞަފްޙާތަކުގައިވަނީ ޔަހޫދީންގެ ނުބައިކަމާއި ނުލަފާކަން، ކީރިތި ޤުރްއާނުގެ އަލީގައި ބަޔާންކުރެވިފައެވެ. އެބައިމީހުންގެ ކިބައިގައިހުރި ބަޔާންވެދިޔަ ނުލަފާކަމާއި، ޚުލުޤު ނުބައިކަމުގެ ސަބަބުން އަރަހުށި މާތް اللّـــه ވަނީ އެބައިމީހުންގެ މައްޗަށް ކޯފާލައްވައިފައެވެ. އެކަމުގެ މައްޗަށް ކީރިތި ޤުރްއާނުގައި އަލިއަޅުއްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

ދެރަކަމާއި ނިކަމެތިކަމާއި އިލާހީ ކޯފާ

"އެއުރެންވީ، ކޮންމެތަނެއްގައިވެސް، އެއުރެންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވައިފައިވެއެވެ. اللّـــه ގެ ޢަހްދުފުޅަކުން ނުވަތަ މީސްތަކުންގެ ޢަހްދަކުން (ރައްކައުތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި اللّـــه ގެ ކޯފާއާއިގެން އެއުރެން އެނބުރި އައޫއެވެ. އަދި، މިސްކީނުކަން އެއުރެންގެ މައްޗަށް ލައްވައިފައިވިއެވެ. އެއީ އެއުރެން اللّـــه ގެ އާޔަތްތަކަށް ކާފަރުވެ، އަދި ޙައްޤަކާނުލައި، ނަބިއްޔުން ޤަތުލުކޮށް އުޅުނުކަމަށްޓަކައެވެ. އެއީ އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި އެ އުރެދުމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެންވީކަމަށްޓަކައެވެ." (المـــــائـــدة: 112)

މިތާނގައި އަޅުގަނޑުމެން ވިސްނައިލަންޖެހޭ ވަރަށް ޚާއްޞަ ނުކުތާއެއް އެބައޮތެވެ. ޔަހޫދީންނަށް އިސްރާއީލެވެ ކިޔާ ދައުލަތެއް އުފައްދައިގެން ފަލަސްޠީނު މުސްލިމުންގެ ނިދި ޙަރާމްކޮށްލައިގެން އެއުޅެވެނީ ކީއްވެގެންކަމެވެ. އެކަމުގެ ސަބަބުވެސް މިއާޔަތުން ފުރިހަމަޔަށް އޮޅުންފިލާން އެބައޮތެވެ.

އާދެ މިއާޔަތުގައި އަންގަވައިފައިވާގޮތުގައި ޔަހޫދީންނަށް ނިކަމެތިކަމުން ސަލާމަތްވެވޭނެ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ޔަހޫދީން އިލާހީ ރައްކައުތެރިކަމުގެ ދަށަށް އައުމެވެ. އެއީ އިސްލާމްދީން ޤަބޫލުކުރުން ނުވަތަ އިސްލާމީ ދައުލަތެއްގެ ޙިމާޔަތުގެ ދަށަށްއައިސް ޓެކްސް ދިނުމެވެ. އެ ޝަރުޠުގެ މަތީން އެބައިމީހުންނަށް ޙިމާޔަތް ލިބުމެވެ. ދެވަނަގޮތަކީ އެހެން ބައެއްގެ މަދަދާއި ޙިމާޔަތް ލިބުމެވެ.

ތާރީޚުން ސާބިތުވާގޮތުގައި ޔަހޫދީންނަށް ކުޑަދުވަސްކޮޅަކަށްވެސް އަމާންކަމުގެ ނަސީބު ލިބިފައިވަނީ އެހެންމީހުންގެ ޙިމާޔަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ބައެއްފަހަރަށް އިސްލާމީ ދައުލަތްތަކުން އެބައިމީހުންނަށް ޙިމާޔަތް ދީގެންނެވެ. އަނެއްބައިފަހަރު ކޮންމެވެސް ބާރުހުރި ޣައިރުމުސްލިމު ދައުލަތެއްގެ މަދަދާއި ޙިމާޔަތުގެ ސަބަބުންނެވެ. މިދެގޮތުން ލިބޭ ވަގުތީ ރައްކައުތެރިކަމުގެ ސަބަބުން ހަމަޖެހިލައިގެން ތިބެވޭ ދުވަސްދުވަސްކޮޅުއެވެ.

މާތް اللّـــه ގެ ލަޢުނަތް

އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އެއުރެންބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ. އެހެނެއްނޫނެވެ. އެއުރެންގެ ކާފަރުކަމުގެ ސަބަބުން اللّـــه އެއުރެންނަށް ލަޢުނަތް ލެއްވީއެވެ. ފަހެ އެއުރެން އީމާންވަނީ ވަރަށްވެސް ކުޑަކޮށެވެ." (الــبـقــــــرة: 88)

ޤިޔާމަތާ ހަމަޔަށް اللّـــه ގެ ޢަޛާބު

މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން އެއުރެންނަށް ނުބައިވެގެންވާ ޢަޛާބުގެ ރަހަ ދައްކާނޭ ބަޔަކު ޤިޔާމަތްދުވަހަށް ދާންދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާ ހުއްޓެވެ." (الأعــــــــــراف: 167)

ދުނިޔޭގެ ނިކަމެތިކަމާއި އާޚިރަތުގެ ބޮޑުވެގެންވާ ޢަޛާބު

މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އެއުރެންނަކީ އެއުރެންގެ ހިތްތައް ތާހިރުކުރެއްވުމަށް اللّـــه އިރާދަކުރައްވާފައިނުވާ މީހުންނެވެ. އެއުރެންނަށް ދުނިޔޭގައިހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ." (المـــــائـــدة: 41)

ހިތްތައް ހިލަކުރެއްވުން

މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ." (الــبـقــــــرة: 74)

ހިތްތަކުގައި ސިއްކަ ޖެއްސެވުން

މާތް اللّـــه ޔަހޫދީންގެ ހިތްތަކުގައިވަނީ ސިއްކަ ޖައްސަވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
"ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެއުޅުމުގެ ސަބަބުން (ތިމަންރަސްކަލާނގެ އެއުރެންނަށް ލަޢުނަތް ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން ކާފަރުވުމުގެ ސަބަބުން އެ ހިތްތަކުގައި اللّـــه ސިއްކަ ޖައްސަވައިފައިވެއެވެ." (الـنّسـاء: 155)

ދޭދޭމީހުންގެ މެދުގައި ޢަދާވާތްތެރިކަން

މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އަދި ޤިޔާމަތަށް ދާންދެން ޢަދާވަތްތެރިކަމާއި ރުޅިވެރިކަން އެއުރެންގެ މެދުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ." (المـــــائـــدة: 64)

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟