ބޮލީވުޑް

އެހާ އަވަހަށް ދަރިއަކު ހޯދަން ނޫޅޭ ކަމަށް ނިކް ބުނެފި

ހޮލީވުޑް ލަވަކިޔުންތެރިޔާ ނިކް ޖޯނާސް އަދި ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަދި އާއިލާއެއް ފަށަން ތައްޔެއް ނުވެއެވެ.

26 އަހަރުގެ ނިކް އަށް ވަނީ ދަރިއެއް ހޯދަނީ ކޮންއިރަކުންތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ނިކް ދިނީ ކުރު ޖަވާބެކެވެ. "އަހަރުމެން އަދި ތިކަމަށް ވަގުތު ނަގާނެ" ނިކް ބުންޏެވެ.

މިދިޔަ ޑިސެމްބަރުގައި ކައިވެނި ކުރި ނިކް އަދި ޕީސީ ދަނީ ކައިވެންޏަށްފަހު އެމީހުންގެ ލޯބީގެ ދުނިޔެ މީސް މީޑިއާގައި ފޭނުންނާވެސް ހިއްސާކުރަމުންނެވެ. ޖޯދްޕޫރުގެ އުމެއިދް ބަވަން ޕެލެސްގައި ނިކް އަދި ޕީސީ ވަނީ ކްރިސްޓިއަން އަދި ހިންދޫ މި ދެގޮތަށް ދެ ކައިވެނި ކޮށްފައެވެ.

10 އަހަރުގެ އުމުރުގެ ތަފާތު ދެތަރިންގެ މެދުގައި ހުންނާތީ ގިނަ ފާޑުކިޔުން އަމާޒުވެފައިވިނަމަވެސް އެއަށް ދެބައިވެރިންވެސް ދީފައިވަނީ ބީރު ކަންފަތެކެވެ. ބިޒީ ޝެޑިއުލުގައި އުޅެމުންވެސް ދެބައިވެރިން އެކީގައި ވަގުތު ހޭދަކުރުމަށް މަސައްކަތް ކުރެއެވެ.

ޕީސީ ބަނޑުބޮޑުކަމަށް މިދޭތެރެއަކުން އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ނިކްއާ ޕީސީ ވަރިވާން އުޅޭކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެވާހަކަތައް ދޮގުކޮށް ޕީސީ އަދި ނިކް ވަނީ އެވާހަކަ ޕަބްލިޝްކުރި ނޫހަށް ދައުވާ ކުރަން ނިންމައިފައެވެ.