ވިޔަފާރި

ވާޖިން އެއާލައިނުން ރާއްޖެ އާއި ލަންޑަނާ ދެމެދު ސީދާ ދަތުރުތައް ފަށައިފި

އައިޝަތު އަފްޝަން

ވާންޖިން އެޓްލާންޓިކް އެއާލައިނުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަނުގެ ހީތްރޯ އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ވާޖިން އެޓްލާންޓިކުގެ ފުރަތަަމަ ފްލައިޓު ވީއައިއޭއަށް ޖެއްސީ މިއަދު ހެނދުނުއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނީ ހަފުތާއަކު ތިން ދުވަހު އެ އެއާލައިނުގެ ދަތުރުތައް އޮންނާނެ ކަމަށެވެ.

ވާޖިން އެޓްލާންޓިކުގެ ފުރަތަަމަ ފްލައިޓަށް ވެލާނާ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ މިއީ ރާއްޖެ އާއި ޔޫކޭއާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހި ކުރުމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެއަށް ޔޫކޭއިން ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮލް ރޮސްލާ ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސޯދުގެ މުހިންމު ތަނބެއް ކަމަށާއި މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރުކުރާ ބޮއިން 787 ޑްރީމްލައިނާ އަޕާ ކްލާސް އާއި ޕްރިމިއަމް އާއި އެކޮނޮމީ ޑިލައިޓް، ކްލާސިކް އަދި ލައިޓް ސީޓުތައް ހުރެއެވެ. އަޕާ ކްލާސް ސީޓުތައް ގަންނަ މީހުންނަށް އަރާމުކޮށް ނިދާލެވޭނެ އެނދެއްވެސް ލިބޭނެއެވެ. އަދި ޕްރިމިއަމް ސީޓު ގަންނަ މީހުންނަށް ޕްރައިޔޯރިޓީ ބޯޑިން އާއި ވެލްކަމް ޑްރިންކްސް ލިބޭނެއެވެ.