ކްލަބު މޯލްޑިވްސް ކަޕްގައި ބޮޑު ތަފާތަކުން ޔޫތު މިނިސްޓްރީ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ގަދަ 16ގެ އުންމީދު ބޮޑުކޮށްފިއެވެ.
ރޭ ކުޅުނު 'ގްރޫޕު އީ'ގެ މެޗުގައި ޔޫތު މިނިސްޓްރީ އަތުން ގްރޭޓާ މާލެ މޮޅުވެފައިވަނީ 9-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޔޫތު މިނިސްޓްރީގެ ޓީމުން މިނިސްޓަރު އަހްމަދު މަހުލޫފު ފެނިގެންދިޔައެވެ.
އެ މެޗުގައި ގްރޭޓާ މޭލެ އިން ޖެހި ނުވަ ލަނޑުގެ ތެރެއިން ފަސް ލަނޑު މުހައްމަދު ލިޔާހު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އާއި މުހައްމަދު ރިއްފަތާއި އިބްރާހިމް ރައްޒާން އަދި އަބްދުﷲ ޒިޔާންއެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ފެން ކްލަބާ ދެކޮޅަށް ކުޅުނު 'ގްރޫޕު ޖީ'ގެ މެޗުން ކްލަބު އެޗްޑީސީ މޮޅުވެފައިވަނީ 5-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެޗްޑީސީން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އަބްދުﷲ ޝާފިއު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ޔާމީން މުހައްމަދާއި އިބްރާހިމް ފުރުގާން (ފުގޭ) އަދި އަކްރަމް އަބްދުލް ރަޝީދެވެ. އަދި ފެން ކްލަބުން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ނަސޫހު ސައީދެވެ.
ރޭ ކުޅުނު 'ގްރޫޕު އެޗް'ގެ މެޗުގައި ދިރާގުން ވަނީ 6-1ގެ ނަތީޖާއަކުން މިފްކޯ ބަލިކޮށްފައެވެ. އެ މެޗުގައި ދިރާގުން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު އިބްރާހިމް އަތީގް ހަސަން ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އަބޫބަކުރާއި މުހައްމަދު ރިފާއު އަދި ފައުޒާން ހަބީބެވެ. އަދި މެޗުގައި މިފްކޯ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާހީނެވެ.
ރޭ ކުޅުނު 'ގްރޫޕު އެފް'ގެ މެޗުގައި އެމްޓީސީސީން ވަނީ 6-1ގެ ނަތީޖާއަކުން ތައުލީމީ ގުޅުން ބަލިކޮށްފައެވެ. އެ މެޗުގައި އެމްޓީސީސީގެ ހަސަން މިފްރާހާއި އިސްމާއިލް މުނީޒް، މިއިން ކޮންމެ ކުޅުންތެރިޔަކު އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަރީސް އާއި އިސްމާއިލް ޝިއާދެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.