ރިޕޯޓް

އިޒްރޭލަށް ތެޔޮ ލިބުން ހުއްޓުވައި ކުޑަކަކޫ މައްޗަށް ތިރިކުރެވިދާނެތަ؟

އިމާދު ލަތީފު

އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުމަށް މަޖްބޫރު ކުރުމުގެ ގޮތުން އިޒްރޭލަށް ތެޔޮ ވިއްކުން ނިމުމަކަށް ގެނައުމަށް ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯޕެކަށް އީރާނުން ވަނީ ގޮވާލައިފައެވެ. އީރާނަކީ އޯޕެކްގެ ތޭރަ މެންބަރުންގެ ތެރެއިން ގައުމެކެވެ. ދުނިޔޭގެ ބާޒާރަށް މިހާރު ނެރޭ ތެލުގެ ތެރެއިން ސާޅީސް ހަތަރު އިންސައްތައަކީ އޯޕެކްގެ ހިއްސާއެވެ. ދުނިޔޭގައި ހުރިކަމަށް ޔަގީންކުރެވޭ ތެލުގެ ރިޒާރވްގެ ތެރެއިން 81 އިންސައްތަ ހުރީވެސް އޯޕެކްގެ ގައުމުތަކުގައެވެ. އީރާނުގެ މި ގޮވައިލުމަށް އޯޕެކްގެ އެހެން ގައުމުތަކުގެ ތާއީދު ލިބެމުންދާތީއެއް އަދި ނުފެނެއެވެ. އެކަމަކު މިގޮވާލުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ލޮޅުންތަކެއް އަރައިފައެވެ. އިޒްރޭލާ ދެކޮޅު ހަތިޔާރެއްގެ ގޮތުގައި ތެޔޮ ބޭނުންކޮށްފާނޭ ކަމުގެ ވިސްނުމަށް މިހާރު ވަނީ ޖާގަ ލިބިފައެވެ.

އިޒްރޭލަކީ ތެޔޮ އުފައްދާ ގައުމެއް ނޫނެވެ. ތެޔޮހުރި ގައުމެއްވެސް ނޫނެވެ. ބޭނުންވާ ތެލާއި ގޭސް އެތެރެކުރާ ގައުމެކެވެ. ކޮންމެ ދުވަހަކުވެސް އިޒްރޭލަށް ތިންލައްކައެއްހާ ފީފާގެ ތެޔޮ ބޭނުންވެއެވެ. މަދަނީ ބޭނުންތަކަށާއި އަސްކަރީ ބޭނުންތަކަށެވެ. ތެޔޮ އުފައްދާ އެންމެހައި ގައުމުތައް އެއްގަލަކަށް އަރައިފިއްޔާ އިޒްރޭލަށް ތެޔޮ ލިބުން ހުއްޓި ކުޑަކަކޫ މައްޗަށް ތިރިކޮށްލެވިދާނެއެވެ. އެހެންނަމަވެސް މިއީ ވުމަށްވުރެ ނުވުން ކައިރި ގޮތެކެވެ. އޭގެ ސިއްރަކީ ތެޔޮ އުފައްދާ ކޮންމެ ގައުމަކީ އޯޕެކްގެ މެންބަރަކަށް ނުވެފައި އިޒްރޭލުން ތެޔޮ އެތެރެކުރަނީ މެދުއިރުމަތީގެ ގައުމުތަކުން ކަމަށް ނުވާތީއެވެ. ސައޫދީ އަރަބިޔާ އާއި އީރާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ގަތަރު ފަދަ ގައުމުތަކުން އިޒްރޭލަށް ތެޔޮ ސަޕްލައިއެއް ނުކުރެއެވެ. އެކަން ކުރަނީ މެދުތެރޭ އޭޝިޔާގެ ގައުމެއް ކަމަށްވާ ކަޒަކަސްތާނާއި އަޒަބައިޖާނާއި އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާއިންނެވެ. މީގެ ތެރެއިން ކަޒަކަސްތާނާއި އަޒަބައިޖާނަކީ އޯޕެކުގެ މެންބަރުންނެއްވެސް ނޫނެވެ.

އޯޕެކުން ނިންމާ ނިންމުންތަކަށް އަމަލުކުރުން އޮތީ މެންބަރު ގައުމުތަކަށެވެ. މެންބަރު ގައުމުތަކުގެ ތެރެއިން އިޒްރޭލަށް ތެޔޮ ސަޕްލައިކުރާ ހަމައެކަނި ގައުމަކީ ނައިޖީރިއާއެވެ. އެވެސް އިޒްރޭލަށް ބޭނުންވާ މިންވަރުގެ ތެރެއިން ކުޑަކުޑަ މިންވަރެކެވެ. ބޮޑުބައި އޮތީ ކަޒަކަސްތާނާއި އަޒަބައިޖާނަށެވެ. މީގެ ތެރެއިން ކަޒަކަސްތާނަކީ ހުޅަނގުގެ ބޮޑެތި ތެޔޮކުންފުނިތަކުން ތެލުގެ ވިޔަފާރި ހިންގައިދޭ ގައުމެކެވެ. އެހެންވީމާ އެގައުމުގެ ސަރުކާރު އަދި ބޭނުންވިޔަކަސް އިޒްރޭލަށް ތެޔޮ ވިއްކުން އެހާ ފަސޭހައިން ހުއްޓުމަކަށް ނުގެނެވޭނެއެވެ. ދެންއޮތީ އަޒަބައިޖާނެވެ. އެއީ ފަހަކަށް އައިސް އިޒްރޭލާ ވަރަށް ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ ގައުމެކެވެ. އީރާނު އިސްވެ އޮވެގެން ކުރާ ކަމަކަށް އެއްބާރުލުން ދިނުމަކީ އަޒަބައިޖާނުން ނުކުރާނެ ކަމެކެވެ. އީރާނަށް ޖެއްސުން ކުރުމަށްޓަކައި އިޒްރޭލް ސިފައިންވެސް އަޒަބައިޖާނުގައި ތިބެއެވެ. އަޒަބައިޖާން އޮންނަނީ އީރާނުގެ އުތުރުން އެގައުމާ ގުޅިފައެވެ. އީރާން ފަދައިން އަޒަބައިޖާނަކީވެސް ޝީއީ މުސްލިމް ގައުމެކެވެ. އެކަމަކު އަޚުވަންތަކަމެއް ނޯވެއެވެ.

އިޒްރޭލަށް ތެޔޮ ސަޕްލައިކުރާ ގިނަ ގައުމުތައް އޯޕެކަށް ނިސްބަތް ނުވިޔަސް އެއީވެސް މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ގައުމުތަކެވެ. ކަޒަކަސްތާނުގައެވެ. އަދި އަޒަބައިޖާނުގައެވެ. ނައިޖީރިޔާގައިވެސް މެއެވެ. މި ތިން ގައުމަކީވެސް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯއައިސީގެ މެންބަރުންނެވެ. އެއީ ޖުމްލަ 56 ގައުމު ހިމެނޭ ޖަމިއްޔާއެކެވެ. އޯއައިސީގެ ސަމިޓެއް ބާއްވައި އެ ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ފާސްކޮށްފިއްޔާ ފަހަރުގައި މަންޒަރު ތަފާތުވެދާނެއެވެ. އެކަމަކު އެއީވެސް ދުރުކަމެކެވެ. މީގެ ކުރިން އޯއައިސީން އިޒްރޭލާމެދު ނިންމި ނިންމުންތަކަށްވެސް ނައިޖީރިއާއިން އަމަލެއް ނުކުރެއެވެ. މުސްލިމުންނަށް އަޣުލަބިއްޔަތު އޮވެފައިމެ ނައިޖީރިއާއަކީ އަބަދުވެސް އެފްރިކާގެ ގައުމުތަކުގެ ތެރެއިން އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާއެވެ. އަޒަބައިޖާނާއި ކަޒަކަސްތާނަކީވެސް އޯއައިސީގެ ގުޅިފައިވާ ނިންމުންތަކަށް މާބޮޑު ފަރުވާތެރިކަމެއް ނުބަހައްޓާ ގައުމުތަކެކެވެ.

އޯޕެކްގެ މެންބަރު ގައުމުތަކުގެ ތެރެއިން އެންމެ މުހިންމު އަދި ނުފޫޒުގަދަ ދެ ގައުމަކީ ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ. މިއީ އެމެރިކާގެ މިތުރުންނެވެ. އެހެންވީމާ އިޒްރޭލާ ދެކޮޅަށް އޯޕެކުން ވަކި ނިންމުމެއް ނިންމަން މި ދެ ގައުމުގެ އެއްބާރުލުން ލިބޭނޭ ކަމަކަށް ނުބެލެވެއެވެ. އެމެރިކާގެ ފިއްތުންތައް ބޮޑު ކަމުންނެވެ. އޯޕެކުން ހަތިޔާރެއްގެ ގޮތުގައި ތެޔޮ ބޭނުންކުރިޔަ ނުދޭން އެމެރިކާ މިހާރުވެސް އެއޮތީ ފޫގަޅައިގެންނެވެ. އިޒްރޭލުގެ މައްސަލައިގައި އޯޕެކުން މީގެ ކުރިން ނިންމި ނިންމުމެއްގެ ވޭންތައް ވަރަށް ރަނގަޅަށް އެމެރިކާ ވަނީ ތަޖުރިބާކޮށްފައެވެ. އެއީ ސައޫދީ އަރަބިޔާ އިސްވެ އޮވެގެން އިޒްރޭލާއި ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް 1973 ވަނަ އަހަރު އެޅި ފިޔަވަޅުތަކުގެ ތަޖުރިބާއެވެ. ހުޅަނގަށް ތެޔޮ ވިއްކުން ހުއްޓާލުމާ ގުޅިގެން އެތަންތާގެ އިގްތިސާދު މުޅިންކަހަލަ ގޮތަކަށް ހުއްޓުމަކަށް އައެވެ. ނަތީޖާއަކަށްވީ މިކަހަލަ ހާލަތެއް އަތުވެދާނެކަމަށްޓަކައި ސްޓްރެޓީޖިކް ރިޒާރވެއް ކޮންމެ ގައުމެއްގައިވެސް ގާއިމްކުރުމެވެ.

އޯއައިސީ އާއި އޯޕެކް ގުޅިގެން އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިއްޔާ އެމެރިކާ އެއޮތީ އެގައުމުގެ ސްޓްރެޓީޖިކް ރިޒާރވް އިޒްރޭލަށް ހުޅުވައިލާ ގޮތަށެވެ. އިޒްރޭލް ބޭނުންވާ މިންވަރަކަށް ތެޔޮ ސަޕްލައި ކުރުމަކީ އެމެރިކާއަށް ކުރެވިދާނެ ކަމެކެވެ. ކުރާނެ ކަމެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވާ ފަދައިން އިޒްރޭލަށް ކޮންމެ އެއްޗެއް ބޭނުންވިއަސް އެ އެއްޗެއް އަގަކާނުލައި ފޯރުކޮށްދޭން އެމެރިކާ އޮތީ ތައްޔާރުވެގެންނެވެ. ފައިސާވިއްޔާ ފައިސާއެވެ. ހަތިޔާރުވިއްޔާ ހަތިޔާރެވެ. ތެޔޮކަމަށްވަނީ ވިއްޔާ ތެލެވެ. އިޒްރޭލާ ދެކޮޅަށް އޯޕެކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީރާން ގޮވައިލުމުން އެހެން ބަޔަކު މިކަމަށް ތަރުހީބު ނުދިނީ މިކަންކަން މިހެން އޮތުމުން ކަމަށް ވެދާނެއެވެ. އެމެރިކާގެ ނުފޫޒު ބޮޑުކަމުން ކަމަށް ވެދާނެއެވެ. ކޮންމެއަކަސް އީރާނުން އެކުރި އިލްތިމާސެއް ކޮށްފިއެވެ. މުސްލިމުންގެ އަތުގައި އިޒްރޭލާ ދެކޮޅަށް ބޭނުންކުރެވިދާނޭ ސްޓްރެޓީޖިކް ހަތިޔާރު އެބަހުރިކަން ހަނދާންކޮށްދީފިއެވެ.