މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިން އުފައްދާފައިވާ ތަކެތި ދައްކައިލުމަށް ބާއްވަމުން އަންނަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މިއަހަރު ބާއްވާ މައުރަޒުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ އިގުތިސޯދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުންކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދިނުންކަމަށެވެ. ހަމަ އެހެންމެ އުވެމުން ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަކީވެސް މި މައުރަޒުގެ މައިގަނޑު އެއް ބޭނުން ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިމައުރަޒުގައި ބައިވެރިވެވޭނެ މައިގަނޑު ހަ ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ ވަކި ވަކި ފަރުދުންގެ ދާއިރާއާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް) އާއި، ތައުލީމު ދޭ މަރުކަޒުތަކުގެ ދާއިރާއާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއާއި، ކުލަބު ޖަމިއްޔާ ތަކުގެ ދާއިރާއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން އޮންނާނީ 21 އެޕްރީލް 2019އިން ފެށިގެން 30 ޖޫން 2019 ގެ 00:14 ގެ ނިޔަލަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިމާރާތުންނާއި، އެ މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި މައުރަޒު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.