ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން މަނާކަންތައް ހުރެއެވެ. އެފަދަ ހާލަތުގައިވެސް ހިމާޔަތް ލިބިގެންވާ މީހުން ތިބެއެވެ. އަދި ހިމާޔަތް ލިބިގެންވާ ތަންތަން ހުރެއެވެ. ކުޑަކުދީންނަކީ ހިމާޔަތް ލިބިގެންވާ ބައެކެވެ. ހޮސްޕިޓަލްތަކަކީ ހިމާޔަތް ލިބިގެންވާ ތަންތަނެވެ. ހޮސްޕިޓަލްތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ބޮޑުވެގެންވާ ޖަރީމާއެކެވެ. ކުޑަކުދީންނަށް ހަމަލަދިނުމަކީވެސް އެފަދަ ޖަރީމާއެކެވެ. ގާޒާއާ ދެކޮޅަށް އިޒްރޭލް ސިފައިން މިހާރު ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި އަންގާރަދުވަހު ގާޒާ ސިޓީގެ އައްޒައިތޫން ސަރަހައްދުގައި ހުންނަ އަރަބި ހަސްފަތާލަށް ހަމަލަދީ ފަސްސަތޭކައަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ގިނައީ ކުޑަކުދިންނާއި މާބަނޑު އަންހެނުންނެވެ. މިއީ މިދިޔަ ސަތޭކަ އަހަރުގެ ތެރޭގައިވެސް ގައުމެއްގެ އަސްކަރިއްޔާއަކުން ނުހިންގާވަރުގެ ޖަރީމާއެކެވެ. ޔަހޫދީ ދައުލަތުގެ ހަޑިމުޑުދާރުކަން މިހަމަލައިން ވަނީ ވަރަށް ސާފުކޮށް ދުނިޔެއަށް ފެނި ހާމަވެގެން ގޮސްފައެވެ.
ގާޒާގެ އަރަބި ހަސްފަތާލަށް ދިން ހަމަލާގެ ޒިންމާއިން ރެކިގަތުމަށްޓަކައި އެއީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ނުވަތަ އިސްލާމިކް ޖިހާދުން ފޮނުވައިލި ރޮކެޓެއް ކަސިޔާރުވެގެންގޮސް ހަސްފަތާލަށް އެރީކަމަށް ދައްކަން އިޒްރޭލުން މިހާރު ލައްކަ ގިނަ މަސައްކަތްތަކެއް އެބަކުރެއެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އިޒްރޭލުގެ މިދޮގުތަކާއި މަތިއޮމާންކުރުން ތުރުކީ ސަރުކާރުން ވަނީ ފަޅާއަރުވައިފައެވެ. ތުރުކީ ސަރުކާރުގެ އެންޓި ޑިސްއިންފޮމޭޝަން ޔުނިޓުން ކުރި ދިރާސާތަކަށްފަހު ބުނެފައިވަނީ އިޒްރޭލުގެ ޕްރޮޕަގެންޑާ ފަތުރާ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯތަކަކީ މިއަހަރުގެ ފޮޓޯތަކެއްވެސް ނޫންކަމަށާއި އެއީ 2022 ގެ ފޮޓޯތަކެއް ކަމަށެވެ. ގާޒާ ރިޕޯޓްގެ ނަމުގައި ހިންގާ އެކައުންޓަކީ ފަލަސްތީނުގެ ސަރުކާރަށްވެސް އަދި ފަލަސްތީނުގެ އެއްވެސް ޖަމާއަތަކަށްވެސް ނިސްބަތްވާ އެކައުންޓެއް ނޫންކަމަށާއި އެއީ އިޒްރޭލުގެ ޕްރޮޕަގެންޑާ ފަތުރާ ވަގު އެކައުންޓެއް ކަމަށްވެސް ބުނެފައިވެއެވެ.
ގާޒާގެ ހަސްފަތާލުތަކަކީ މުޖާހިދުން ފިލައިތިބޭ ތަންތަންކަމަށް ބުނެ އެތަންތަން ހުސްކުރުމަށް އިޒްރޭލް ސިފައިން އިންޒާރު ދީފައިވުމާއި ހަސްފަތާލު ހުންނަ ސަރަހައްދު ކަމަށްވާ އަލްޒައިތޫން ސަރަހައްދަށް ފާއިތުވި އެގާރަ ދުވަހުގެ ތެރޭގައި ތަކުރާރުކޮށް އިޒްރޭލުން ހަމަލާދީފައިވުމަކީ މިޖަރީމާ ހިންގީ އިޒްރޭލުންކަން ސާބިތުވާ ކަމެއް ކަމަށްވެސް ތުރުކީގެ އެންޓި ޑިސްއިންފޮމޭޝަން ޔުނިޓުން ބުނެފައިވެއެވެ. ހަސްފަތާލުގެ ހަމަލާގެ ވީޑިއޯތައް ބަލައި ދިރާސާކުރުމުން މިކަމުގައި ބޭނުންކުރި ހަތިޔާރަކީ އިޒްރޭލުގެ އެއްޗެއްކަން ކަށަވަރުވާ ކަމަށްވެސް ބުނެފައިވެއެވެ. ކޮންމެއަކަސް އިޒްރޭލަށް މިޖަރީމާއިން ރެކިގަނެވޭނެ ގޮތެއް ނެތެވެ. ޔޫރަޕުގެ އިއްތިހާދާއި އަދިވެސް އެކި ފަރާތްތަކުން އިޒްރޭލް ކުށްވެރިކުރަން ފަސްޖެހި އަދިވެސް އިތުރަށް ބަލައި ތަހުގީގުކޮށްފައި ނޫނީ މިކަންކުރި ބަޔަކު ނޭނގޭނެޔޭ، އެބަޔަކު އެކުރީ ބޮޑު ކުށެކޭ، އަދަބުދޭންވާނެޔޭ ބުންޏަސް އެވެރީންނަށްވެސް މިއީ އިޒްރޭލުގެ ޖަރީމާއެއްކަން ޔަގީންވެއެވެ.
އަލް އަހުލީ އަރަބް ހޮސްޕިޓަލަކީ ގާޒާގެ އެންމެ ބޮޑު ސަހަރުކަމަށްވާ ގާޒާ ސިޓީގެ މެދުތެރޭގައިވާ ހޮސްޕިޓަލެކެވެ. މީގެ 141 އަހަރު ކުރިން ނުވަތަ މީލާދީން 1882 ވަނަ އަހަރު ގާއިމްކުރެވުނު މިތަނަކީ މުޅި ގާޒާގައިވާ އެންމެ ދުވަސްވީ ހޮސްޕިޓަލްވެސްމެއެވެ. އަލްއަހުލީ އަރަބް ހޮސްޕިޓަލް، މިނަމުގެ މާނަޔަކީ އަރަބީންގެ ހަސްފަތާލެވެ. ނުވަތަ އަރަބި އެންމެހައި ރައްޔިތުންގެ ހަސްފަތާލެވެ. ގާޒާގައި ގާއިމްވެގެންވިޔަސް މިތަން ހިންގަނީ ހުޅަނގު އައްސޭރީގެ ސަހަރެއްކަމަށްވާ ގުދުސްގެ ނަސާރާ ޓްރަސްޓަކުންނެވެ. އެމީހުންގެ މަސައްކަތަކީ ދީނީ ކުލަޖެހިފައިވާ މަސައްކަތެއް ނޫނެވެ. ރިކޯޑްތަކުން ދައްކާގޮތުގައި އަހަރެއްގެ މައްޗަށް މިތަނުން މަދުވެގެން ބައިލައްކަ މީހުން ފަރުވާ ލިބިގަނެއެވެ. މިތަނުން ލިބިދޭ ޚާއްސަ ޚިދުމަތްތައް ގިނަގުނައެވެ. އުމުރުން ދުވަސްވީ އަންހެނުންނަށް އެއްވެސް އަގަކާނުލައި ޑޮކްޓަރުންނަށް ދެއްކެއެވެ. އެނދުމުގެ ސަބަބުން ޒަޚަމްވެފައިވާ މީހުންނަށް ހިލޭ ފަރުވާ ދެވެއެވެ.
ކާޑުބަލި ޖެހިފައިވާ ކުޑަކުދީންނާއި އެނޫންވެސް ބަލިތައް ތަހައްމަލް ކުރަމުންދާ ކުޑަކުދީންނަށް ވަކިން ޚާއްސަކަމެއް ދީގެން މުޅިން ހިލޭ ބޭސްފަރުވާގެ ޚިދުމަތް މިތަނުން ލިބިދެއެވެ. އުރަމަތީގެ ކެންސަރު ދެނެގަތުމަށް އެންމެހައި އަންހެނުންނަށް މުޅިން ހިލޭ ސްކްރީނިން ޕްރޮގްރާމްތައް ހިންގައިދެއެވެ. ހަނގުރާމަޔާއި ވީރާނާކަމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ހުށައެޅިފައިވާ ކުދީންނާއި އެކުދީންގެ ބެލެނިވެރިންނަށް ނަފްސާނީ ފަރުވާގެ ޕްރޮގްރާމްތައް މުޅިން ހިލޭ ހިންގައިދެއެވެ. މުޅި ގާޒާގެ ހުރިހާ އަވަށެއްގައި މޯބައިލް ކުލިނިކްގެ ޚިދުމަތް އެއްވެސް އަގަކާނުލައި ހިންގައިދެއެވެ. އެކިއަވަށްތަކަށް ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިގެންނެވެ. އެންމެފަހުން 2014 ވަނަ އަހަރު އިޒްރޭލުގެ ސިފައިން ގާޒާއާ ދެކޮޅަށް ހިންގި ޖަރީމާގެ ދުވަސްވަރު އެނދުމުގެ ހާދިސާތަކުގައި ޒަޚަމްވާ މީހުންގެ ތެރެއިން އެވަރެޖްގޮތެއްގައި ދުވާލަކު ސާޅީސްފަސް މީހުންނަށް މި ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ. އޭގެތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ދުނިޔޭގެ ފަހުގެ ތާރީޚެއްގައި އެއްވެސް ބަޔަކު ހިންގާފައިނުވާ ވަރުގެ ހަޑިމުޑުދާރު މި އަމަލު ހިންގީ ކޮންބައެއްކަން އެންމެހައި އަރަބި ގައުމުތަކަށް ވަރަށް ސާފެވެ. އިޒްރޭލް ކުށްވެރިކުރުމުގައި ފަހަތު ފަޔަށް ބަރުވެފައި އެތިބީ އިޒްރޭލަށް އަބަދުވެސް ވާގިވެރިވާ ހުޅަނގުގެ މުސްތައުމިރުންނެވެ. ޚާއްސަގޮތެއްގައި އެމެރިކާއެވެ. އިޒްރޭލު ކުށްވެރިކުރުމުގެ ބަދަލުގައި އިޒްރޭލަށް ސާބަސްދީ ހިތްވަރުދިނުމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު އިޒްރޭލަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރައީސް ބައިޑެންގެ މިދަތުރުގައި އިޒްރޭލަށްފަހު ޖޯޑަންއަށް ވަޑައިގަތުމަށްވެސް ކުރިންއޮތީ ހަމަޖެހިފައެވެ. ޖޯޑަންގެ ވެރިރަށް އައްމާނުގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާހާއި މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ އާއި ޖޯޑަންގެ ރަސްގެފާނު އަބްދު ﷲ އާއެކު އަރަބި އެމެރިކާ ސަމިޓެއްވެސް ބޭއްވުމަށް އޮތީ ތާވަލް ކުރެވިފައެވެ. މިއީ އެމެރިކާގެ ލީޑަރޝިޕް ދެއްކުމަށް މިވަގުތު ކޮންމެހެންވެސް މުހިއްމު ސަމިޓެއް ކަމަށް އޮތީ ހީކުރެވިފައެވެ.
އެކަމަކު ގާޒާގެ އަރަބި ހަސްފަތާލަށް ހަމަލަދީ ފަސްސަތޭކައަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ހާދިސާޔާ ގުޅިގެން ޖޯޑަން ވަނީ ރައީސް ބައިޑެންއަށް ނޫނެކޭ ބުނެފައެވެ. މިގައުމަށް ވަޑައިގަތުމުގެ ބޭނުމެއްނެތޭ މިހިސާބުން ސަމިޓް ކެންސަލްއޭ ބުނެ އަންގައިފައެވެ. ތެދެކެވެ. އިޒްރޭލުގެ ޖަރީމާތައް ނުފެންނަ މީހަކު މިދަނޑިވަޅުގައި ސުލްހައޭ ކިޔައިގެން އަރަބި ގައުމަކަށް ދިޔުމުގެ ބޭނުމެއް ނެތެވެ. އެމެރިކާ ކިތަންމެ ބޭނުންވިޔަސް އިޒްރޭލުގެ ހުތުރު މޫނު ދެން އަލަކުން ގިރިޓީއެއް ނުކުރެވޭނެއެވެ. އަރަބި ގައުމުތަކުގެ ތެރެއިން އިރާގު ވަނީ އިޒްރޭލާ ދެކޮޅަށް އެންމެހައި އަރަބީން އެއްގަލަކަށް އެރުމަށް ގޮވާލައިފައެވެ. ސައޫދީ އަރަބިޔާ އާއި ގަލްފުގެ ގައުމުތަކުން ވަނީ އިޒްރޭލާ މުއާމަލާތު ކުރުން ހުއްޓާލައިފައެވެ. މެލޭޝިޔާ އާއި ތުރުކީ އަދި އީރާނާއި އިންޑޮނީޝިއާ އަދި ޕާކިސްތާނު ފަދަ އިސްލާމީ ގައުމުތަކުން ވަނީ އދ. މެދުވެރިކޮށް އިޒްރޭލުގެ ޖަރީމާތައް ތަހުގީގުކޮށް އަދަބު ދިނުމަށްވެސް ދުނިޔެއަށް ގޮވާލައިފައެވެ.