ރައްޔިތުންގެ މަޖިލިސް

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތްދޭން ފާސްކޮށްފި

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބިދޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ސަލީމެވެ.

އެބިލު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ ތެރެއިން 32 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަލީމްގެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓްދެއްވަން ބޭނުންނުވާ ދެމެންބަރުން ތިއްބެވިއެވެ.

ސަލީމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ބައެއް މެންބަރުން ވިދާޅުވީ ނައިބު ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން މަގުމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަމާއި އިނާޔަތް ލިބެން ޖެހޭނެ ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ.

ސަލީމު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާއަށް ބިލުން ލިބޭ ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުގެ އެންމެ މަތީވެރިޔާގެ ނައިބަށް ދޭން ޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި އިނާޔަތްތައް އެބޭފުޅުންނަށް ވެސް ލިބެން ވާނެ ކަމަށެވެ.

ބިލްގައިވާ ގޮތުން، ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ދައުލަތުގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް، ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހެއެވެ.

ދައުލަތުގެ ބަޖެޓުން މިހާރު އިނާޔަތާއި ރައްކާތެރިކަން ދެނީ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށެވެ. އެގޮތުން، އޮފީސް ހިންގުމުގެ ޚަރަދާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށާއި މާލީ އިނާޔަތުގެ ގޮތުގައި ފައިސާ ދިނުމަށް ބަޖެޓުގައި ކޮންމެ އަހަރަކު ވެސް ހިމަނައެވެ.

ކޮމިޓީން ބިލަށް ގެނައި ބަދަލުގައިވާ ގޮތުން ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދޭން ވާނެ އެވެ. އަދި ރާއްޖޭންނާއި ރާއްޖޭން ބޭރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލުގައިވެއެވެ.

މީގެއިތުރުން ނައިބު ރައީސަކު އެދިއްޖެ ނަމަ މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ދައުލަތުގެ ހަރަދުގައި ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެ ކަމަށް ބިލުގައިވެއެވެ. އަދި ނައިބު ރައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ވެސް ބިލްގައިވެއެވެ.