ރީކޯ މޫސާ މަނިކް

އަދީބުގެ މައްސަލަ މުރާޖައާ ކުރުމަށް ރީކޯ މޫސަ ގޮވާލައްވައިފި

މަރިޔަމް ޝަހުދާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްސަލަ މުރާޖައާ ކުރުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން މޫސަ މިއަދު ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި އިންސާފުން ކުރެވިފަ އޮތް ހަމައެކަނި ކަމަކީ އަދީބުގެ މައްސަލަތޯ ސުވާލު އުފައްދަވައިފައެވެ. އަދި ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ އެންމެނާއި ދޭތެރޭ ހަމަ ހަމަ އުސޫލެއް ގެންގުޅުއްވަން ޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އަދީބުގެ މައްސަލަ އަލުން މުރާޖައާ ނުކުރާނަމަ ރައީސް ޔާމީނުގެ ސަރުކާރުގައި ފަނޑިޔާރުގެއިން ނިންމާފައިވާ ހުރިހާ ނިންމެވުންތަކަކީ ރަނގަޅު ނިންމެވުންތަކެކެވެ. އަދި އެންމެންވެސް ތިބެންޖެހޭނީ ޖަލުގައި ކަމަށާއި އެހެން ނޫނީ އިންސާފެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.

އެންމެ ބާރަށް މިހާރުގެ ސަރުކާރުން ދެއްކެވީ ރައީސް ޔާމީނުގެ ވާހަކަ ކަމަށާއި ނަމަވެސް އެމަނިކުފާނުވެސް މިހާރު ހުންނެވީ ދޫކޮށްލާފަ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ހުރިހާ ކަމެއް އެންމެން ކޮށްފަ އެންމެ މީހެއްގެ ބޮލުގައި އެޅުވުމަށް ފަހު އެންމެން ތިބީ ހަމަޖެހިފައި ކަމަށް މޫސަ ވިދާޅުވިއެވެ.

އަދީބަކީ ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްކަމަށް ވާއިރު، އޭނާ އަކީ އުމުރުން ކިތަންމެ ހަގު މީހެއް ނަމަވެސް އިންސާފު އޮންނަން ޖެހޭނީ އިންސާފަށް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އަދީބުގެ މައްސަލަ އިސްތިއުނާފަށް ފޮނުވައި ނުދިން އިރު، ބަލިވުމުން ބޭސް ފަރުވާއަށް ނުފޮނުވާކަން ވެސް މޫސަގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.