ވިޔަފާރި

މާލޭ ސަރަހައްދުގެ ފެރީތަކަށް އޮންލައިންކޮށް އަދި ކޭޝް ކާޑު ޓެޕް ކޮށްގެން ޓިކެޓު ނެގޭގޮތް ހަދައިފި

އައިޝަތު އަފްޝަން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދޭ ގްރޭޓާ މާލޭ ފެރީ ހިދުމަތްތަކުގައި އޮންލައިންކޮށް އަދި ކޭޝް ކާޑު ޓެޕް ކޮށްގެން ޓިކެޓު ނެގޭ ގޮތް ހަދައިފިއެވެ.

މިއަދު ވިލިނގިލީ ފެރީ ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިއަދުން ފެށިގެން އާރްޓީއެލްގެ ހުރިހާ ހިދުމަތްތަކެއްގައި އެމްޓީސީސީން ބޭނުންކުރާ އައިޓީއެމްސް ޑިޖިޓަލް ޕޭމެންޓް ސިސްޓަމް މެދުވެރިކޮށް، ވިސާ އަދި މާސްޓާ ކާޑު ޓެޕް ކޮށްގެން ޓިކެޓު ކެނޑޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މިއީ ހުރިހާ ރައްޔިތުންވެސް ވަރަށް ބޭނުންވެފައި ތިބި ހިދުމަތެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ހިދުމަތް މީގެ ކުރިން ހަމައެކަނި މާލެ ސަރަހައްދުގެ ބަސްތަކުން ލިބެމުން ދާތީ ޝަކުވާ ލިބެމުން ދިޔަ ނަމަވެސް، މިކަހަލަ ބޮޑެތި ކަންތައް ތަކަކީ ވަގުތު ނަގާ ކަންކަން ކަމުން ހިދުމަތް ފެށުން ލަސްވީ ކަމުގައި ވިދާޅުވިއެވެ.

މި ހިދުމަތް ތައާރަފު ކުރެވުމާއެކު ވިލިނގިލި އަދި މާލެއާ ދެމެދު ކުރާ ދަތުރުތަކާއި ގުޅިފަޅަށް ކުރާ ދަތުރުތަކާއި ތިލަފުއްޓަށް ކުރާ ދަތުރުތަކަށްވެސް ވިސާ އަދި މާސްޓާ ކާޑު ޓެޕް ކޮށްގެން ޓިކެޓު ނެގޭނެއެވެ.

ބަސްތަކާއި ފެރީ ތަކުގެ ޑިޖިޓަލް ޕޭމެންޓް ނިޒާމު ހިންގަނީ ބީއެމްއެލްއާ ގުޅިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު، އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް އަދި ވެބްސައިޓު މެދުވެރިކޮށް ޓިކެޓް ކިއުއާރް ކޯޑު ގަނެވޭނެ ކަމަށާއި، ކިއުއާރް ކޯޑު ސްކޭން ކޮށްގެން ފެރީގެ ހިދުމަތް ލިބޭނެ ކަމަށް އެމްޓީސީސީން މިއަދު ބުންޏެވެ. ޓާމިނަލް ތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިއުއާރް ކޯޑު ލިބެން ހުންނާނެއެވެ.

ކިއުއާރް ޓިކެޓް ނަގާ ކަސްޓަމަރުން ފެރީއަށް އެރުމަށް ފަހު، ފެރީގައި ހުންނަ މެޝިނާ ދިމާކޮށް ޓިކެޓް ސްކޭންކުރަން ޖެހެއެވެ. އެމްޓީސީސީން ބުނީ އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮށް އެއްފަހަރާ 10 ޓިކެޓު ނެގޭނެ ކަމަށެވެ. އަދި އެންމެ ދަތުރަކަށް ނަގާ ޓިކެޓު 7 ދުވަހުގެ ތެރޭގައި ބޭނުން ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

އެމްޓީސީސީން ބުނީ މިހާރު ބޭނުންކުރާ ޓޮޕްއަޕް ކާޑު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް ކާޑު ޓޮޕްއަޕް ކުރެވޭނެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު 1 ކަމަށާއި، އެޔަށްފަހު ޑިސެމްބަރު މަސް ނިމޭ އިރު ކާޑުގައި ފައިސާ ހުރި ނަމަ ރިފަންޑަށް އެދުމުން އެކަން ހަމަޖެހިގެން ދާނެ ކަމަށް ބުންޏެވެ.

އާރްޓީއެލް އެޕްލިކޭޝަނުން ދޭ ހިދުމަތްތަކަށްވެސް މިއަދު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މީގެ ކުރިން އެޕްލިކޭޝަން މެދުވެރިކޮށް ފެރީ ނިޒާމުގެ ހިދުމަތަށް ނަގާ ޓިކެޓުތަކުގެ ތާރީހު ބަދަލު ނުކުރެވޭ ނަމަވެސް، މިހާރު ތާރީހު ބަދަލު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މި އިންތިޒާމު ހަމަޖެހުމާއެކު ޓިކެޓް ކެންސަލްކޮށް، ރިފަންޑު ކުރުމަށްވެސް ފަސޭހަ ވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެޕްލިކޭޝަން އަޕްޑޭޓް ކޮށްލުމާއެކު އެ ހިދުމަތް ލިބޭނެއެވެ.

"ވަރަށް ބޮޑު ޝަކުވާއަކަށް ވެގެން ދިޔަ، އާރްޓީއެލްގެ ފެރީތައް ބޭނުންކުރަމުން ދިޔަ ފަރާތްތަކުގެ، ކެންސަލް ވީމަ ނޫނިއްޔާ އެ ބޭފުޅުން ދަތުރުކުރަން ބޭނުން ނުވެއްޖެކަމަށް ވެއްޖެއްޔާ، އެ ބެފުޅުންނަށް ދުވަސް ބަދަލު ނުކޮށްލެވޭ މައްސަލަ. މިއާރު މިއަދުން ފެށިގެން އިރާދަ ކުރެއްވިއްޔާ އެ މައްސަލަވެސް ހައްލުވެގެން މި ދިޔައީ" އާޒިމް ވިދާޅުވިއެވެ.

މިއަދު އެ ހިދުމަތް ތައާރަފުކުރެވުމާއެކު، ވަކި އުސޫލެއްގެ ތެރެއިން އަދި ވަކި ގަޑިއެއްގެ ތެރޭގައި ތާރީހު ބަދަލުކޮށް ނުވަތަ ރިފަންޑަށް އެދުމުގެ ހިދުމަތް ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މިއާއެކު އާރްޓީއެލް ދަތުރުތަކުގައި ހުރި މިފަދަ ހުރިހާ މައްސަލަތަކެއް ހައްލުވެގެން ދިޔައީ ކަމަށް އާޒިމް ވިދާޅުވިއެވެ.