ބޮލީވުޑްގައި ބަތަލުންނާއި ބަތަލާއިންގެ ފީ ހަމަ ހަމަ ނުވުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ނަމަވެސް އެކަން ހަމައަކަށް އެޅެން ފަށައިފި ކަމަށް އަލަށް ބޮލީވުޑަށް ނުކުތް ތަރި ކްރިތީ ސަނޮން ބުނެފިއެވެ.
ކްރިތީ ބުނި ގޮތުގައި މިހާރު ގިނަ ފަހަރު ބަތަލާއިންނަށްވެސް އެމީހުން ކުރާ މަސައްކަތުގެ ހަމަ އަގު ލިބެން ފަށައިފިއެވެ.
ކުރިން ބަތަލުންނަށް ބަތަލާއިންނަށް ވުރެ ދެބައިކުޅަ އެއްބައި ބޮޑު ފީއެއް ބޮލީވުޑްގައި ލިބެއެވެ. ނިއުސް އެޖެންސީއަކަށް ދިން އީމެއިލް އިންޓަވިއުގައި ކްރިތީ ބުނީ ކުރާ މަސައްކަތާ ފިލްމު ބޮކްސް އޮފީހުގައި މަގުބޫލުކަން ހޯދާވަރާ އެއްވަރުގެ އުޖޫރައެއް ލިބެންޖެހޭ ކަމަށް އަބަދުވެސް ދެކޭ ކަމަށާއި މިހާރު ބޮލީވުޑް ހަމައަކަށް އެޅިގެންދާ ތަން ފެނިގެންދާކަމަށެވެ. ނަމަވެސް އަދިވެސް ދާން އޮތް މަންޒިލު ދިގު ކަމަށް ކްރިތީ ފާހަގަ ކުރިއެވެ.
ދެހާސް ސާދައިގައި، ހީރޯޕަންތީ އިން ބޮލީވުޑަށް ނުކުތް ކްރިތީ ވަނީ މަގުބޫލު ގިނަ ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "ބްރެއިލީ ކީ ބަރްފީ"، "ސްޓްރީ" އަދި "ރާޒީ" ހިމެނެއެވެ.
ފިލްމުތަކުގައި އަންހެނުން ޕޯޓްރޭ ކުރާ ގޮތްވެސް މިހާރު ތަފާތު ވަމުން އަންނަ ކަމަށް ކްރިތީ ވަނީ ފާހަގަކޮށްފައެވެ. މިއީ ސިނަމާގައި އަންހެން ތަަރިން މާ ބޮޑަށްވެސް ހިނގާ ދުވަސްވަރެއްކަމަށް ކްރިތީ ބުނެފައިވެއެވެ.
ކްރިތީ ބުނި ގޮތުގައި ފިލްމުތަކުގެ މަގުބޫލުކަން އޮންނަނީ ފޭނުން އަތުގައި ކަމުން ފޭނުން އޭނާ ކުޅޭ ފިލްމުތައް ބަލައިގަނެ އެއަށް ރަނގަޅު ކޮމެންޓް ކުރާ ކަމީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި އޯޑިއަންސަކީ ފިލްމެއްގެ އެންމެ މުހިއްމު ބައިކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.