ބޮލީވުޑް

ސަލްމާންގެ ބާރަތް ޕޯސްޓަރު ޕެރިސް ހިލްޓަން އަށް ކަމުގޮސްފި

ބާރަތް ގެ ޕްރޯމަޝްތައް ކުރިއަށް ދާއިރު ސަލްމާން ޚާން މިވަނީ ފިލްމުގެ ދެވަނަ ޕޯސްޓަރު މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

ޕޯސްޓަރު ހިއްސާ ކުރުމާއެކު ޕެރިސް ހިލްޓަން ވަނީ އެ ޕޯސްޓަރަށް ކޮމެންޓްކޮށްފައެވެ. ޕެރިސް އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މޮޑެލްއެކެވެ. އަދި އެކްޓްވެސް ކޮށްފައިވާ ޕެރިސްއަކީ މިހާރު ފެޝަން ޑިޒައިނަރެކެވެ. ސަލްމާންގެ ޕޯސްޓަރަށް އޭރު 862 ލައިކް އަދި 52 ރިޕްލައިސް ލިބިފައިވާއިރު އެއަށް ޕެރިސް ކޮށްފައިވާ ކޮމެންޓް ވަނީ ވައިރަލް ވެފައެވެ. ޕެރިސްގެ ކޮމެންޓެއްގެ ގޮތުގައި އޮތީ އައިނު އަޅާފައި ހުންނަ އިމޯޖީއެއް އެކަންޏެވެ.

ފިލްމުގެ އާ ޕޯސްޓަރުން ސަލްމާން ފެނިގެން ދަނީ ވަރަށް ޒުވާންކޮށެވެ. ޕޯސްޓަރު ހިއްސާކުރަމުން ސަލްމާން ލިޔެފައިވާ ކެޕްޝަނަކީ "ޖަވާނީ ހަމާރީ ޖާނޭމަން ތީ" އެވެ. 

މިއަހަރު ފެށުނީއްސުރެ އެންމެ ގަދައަށް ވާހަކަ ދެކެވޭ އެއް ފިލްމަށް ބާރަތް ވެގެން ގޮސްފައިވާއިރު ފިލްމުގެ ޓްރެއިލާ ރިލީސް ކުރަން ހަމަޖެހިފައިވަނީ 24 އޭޕްރިލްގައެވެ.

ފިލްމުގައި މަގްބޫލު ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން، ކެޓްރީނާ، ދިޝާ ޕަޓަނީ، ތާބޫ އަދި ސުނިލް ގްރޯވަރު ފެނިގެންދާނެއެވެ.

ބާރަތް ރިލީސް ކުރާނީ މިއަހަރު ކުޑަ އީދަށެވެ.