ވިޔަފާރި

ޕިންކް ރިބަން ރަން ވޯކް ނިންމާލައިފި

ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ޕިންކް ރިބަން ރަން ވޯކް ނިންމާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އެ ހަރަކާތް ހުޅުމާލެއާއި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ބާއްވާފައި ވެއެވެ.

ކޮންމެ އަހަރަކުވެސް ޕިންކް ރިބަން ރަން ވޯކް ބާއްވަނީ އޮކްޓޯބަރު މަހުގައެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން އަންނަނީ އެ ހަރަކާތަށް އަދި ސީއެސްއެމްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި އެ އާއިލާތަކަށް ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކުގެ އެހީ ފޯރުކޮށްދިނުމަށް ސީއެސްއެމްއިން ކުރާ މަސައްކަތްތަކަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި ސީއެސްއެމްއިން އަތޮޅު ތެރޭގައި ބޭއްވުމަށް ރާވާފައިވާ ކެންސާ ސްކްރީނިން ޕްރޮގްރާމަށްވެސް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.