ވިޔަފާރި

ތިން އަހަރަށް ފަހު މޯލްޑިވިއަނަށް ފައިދާވާން ފަށައިފި

މުހައްމަދު އިޝާން

ގައުމީ އެއާލައިން، މޯލްޑިވިއަނަށް ތިން އަހަރު ފަހުން ފައިދާވާން ފަށައިފިފއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން އާންމުކުރި ސަރުކާރު ކުންފުނިތަކުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން މޯލްޑިވިއަން އަށް ވަނީ މި އަހަރުގެ ފުރަތަމަ ތިން މަހު 10.74 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ.

ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން މޯލްޑިވިއަން ފައިދާވީ އެ ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ސަބަބުންނާއި ފުރަތަމަ ތިން މަހު އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ޕީސީބިން ބުނީ ފުރަތަމަ ތިން މަހު މޯލްޑިވިއަނަށް ވަނީ 557.60 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ފުރަތަމަ ތިން މަހުގެ އާމްދަނީ އިތުރުވީ އެތެރޭގެ އުދުހުންތަކާއި ސީޕްލޭން އަދި ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުން ލިބުނު އާމްދަނީގެ ސަބަބުން ކަމަށް ޕީސީބީން ބުންޏެވެ. އަދި ހަރަދުތައް ކުޑަވުމުގެ ސަބަބުން 16.54 މިލިއަން ރުފިޔާ ސަލާމަތްވި ކަމަށް ވެސް ޕީސީބީން ބުންޏެވެ.

މޯލްޑިވިއަންގެ ހަރަދުތައް ދަށްވި މައިގަނޑު ސަބަބަކީ މަތިންދާބޯޓްތައް ޗާޓާކުރުމަށް ހިނގާ ހަރަދުތަކާއި މަތިންދާބޯޓްތަކަށް ކުރަން ޖެހޭ އެހެން ހަރަދުތައް ކުޑަކުރުން ކަމަށް ޕީސީބީން ބުންޏެވެ. އަދި މާކެޓިންއަށް ކުރި ހަރަދުތައް ކުޑަކުރުން ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް މުވައްޒަފުންގެ މުސާރަ އާއި އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގެ ހަރަދު ބޮޑުވެފައިވާ ކަމަށް ޕީސީބީން ބުންޏެވެ. އެގޮތުން އިދާރީ ހަރަދުތަކަށް 4.27 މިލިއަން ރުފިޔާ އިތުރުވި އިރު، މުވައްޒަފުންގެ މުސާރައަށް 6.23 މިލިއަން ރުފިޔާ އަދި ޑިރެކްޓަރުންގެ މުސާރައަށް 1.46 މިލިއަން ރުފިޔާ އިތުރެވެފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އެވިއޭޝަންސް ސާވިސަސް (އައިއޭއެސް)ގެ ދަށުން އޮޕަރޭޓްކުރާ އެއާޕޯޓްތަކަށް ޖެއްސި ޖެޓުތައް 88.9 ޕަސަންޓު އިތުރުވުމުގެ ސަބަބުން ގްރައުންޑް ހޭންޑްލިންއިން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ޕީސީބީން ބުންޏެވެ. ގްރައުންޑް ހޭންޑްލިން ޗާޖަސްގެ ގޮތުގައި 17.79 މިލިއަން ރުފިޔާ ލިބުނު ކަމަށް ޕީސީބީން ބުންޏެވެ.

ޕީސީބިން ބުނީ މޯލްޑިވިއަނަށް ފައިދާވި ނަމަވެސް އަދިވެސް އެ ކުންފުންޏަކީ މާލީ ގޮތުން ނާޒުކު ކުންފުންޏެއް ކަމަށެވެ. މޯލްޑިވިއަންގެ ކޭސް ސާޕަލްސްއިން ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން މިންކުރާ ކޭޝް ރޭޝިއޯގައި 0.02- އިން 0.01 އަށް ވަނީ ބަދަލުވެފައި ކަމަށް ޕީސީބީން ބުންޏެވެ. އެއީ ސްޓޭބަލް މިންވަރަކަށްވުރެ ދަށް މިންވަރެއް ކަމަށް ޕީސީބީން ބުންޏެވެ.

ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމުގެ ގާބިލުކަން އަދި މޯލްޑިވިއަންގައި ނެތް ކަމަށް ޕީސީބީން ބުންޏެވެ. މީގެ އިތުރުން އެކި ފަރާތްތަކުން މޯލްޑިވިއަންއަށް ލިބެންޖެހޭ 663.8 މިލިއަން ރުފިޔާ ހޯދިފައިނުވާ ކަމަށް ޕީސީބީން ބުންޏެވެ.