ޕީއެސްއެމްއިން ބާއްވާ ''އެންމެ އަލިގަދަ ތަރި'' ގުރުއާން މުބާރާތް މިއަހަރުގެ ރަމަޟާން މަހު ނުބާއްވަން ނިންމައިފިއެވެ.
ޕީއެސްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަމަޟާން މަހު މުބާރާތް ނުބާއްވަން ނިންމީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެ މުބާރާތަށް ކުރިމަތިލި މީހުންގެ އަދަދު މަދުވުމުން ކަމަށެވެ. އެގޮތުން އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލުމުން ކުރިމަތިލާފައިވަނީ 24 ފަރާތަކުން ކަމަށާއި އަދި އޭގެ ތެރެއިން 15 ފަރާތަކުން ވީޑިއޯ ހުށަހަޅާފައިވާ ކަމަށެވެ.
އަދި އޮޑިޝަނަށްފަހު 12 ބައިވެރިންނާއެކު ކުރިއަށްދާ މުބާރާތަށް ހުށަހެޅި ވީޑިއޯއަށް ބަލާއިރު ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މުބާރާތަށް ކުރިމަތިލުމުގެ ފެންވަރު ހަމަވާ ހަތަރު ވަރަކަށް ބައިވެރިން ކަމަށް މީގެ ކުރީގެ މުބާރާތްތަކުގެ އިސް ފަނޑިޔާރު އަލްގާރީ އަހުމަދު ޝިފާއު ވިދާޅުވި ކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން ރަމަޟާން މަހު މުބާރާތް ނުބާއްވަން ނިންމައި، މިއަހަރުގެ ތެރޭގައި ޕްރޮގްރާމް ބޭއްވުމަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނެސް ޕްރޮގްރާމް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެންމެ އަލިގަދަ ތަރި މުބާރާތަކީ އެއްވަނައަށް އަންނަ ފަރާތަކަށް ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދޭ މުބާރާތެކެވެ.