ކްލަބު މޯލްޑިވްސް ކަޕް 2019ގައި އެންމެ ފަހުގެ ރަނަރަޕް މޯލްޑިވިއަނުން ފުރަތަމަ މޮޅު ހޯދައިފިއެވެ.
އެ މުބާރާތުގައި ރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ކްލަބު އާސަންދަ އަތުން މޯލްޑިވިއަން މޮޅުވެފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ. މޯލްޑިވިއަން ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ވެމްކޯ އަތުން ވަނީ ބަލިވެފައެވެ.
ރޭ ކުޅުނު މެޗުގައި މޯލްޑިވިއަނުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު އަޖުފާން އަދި ހުސައިން އަފްސަލް (އޮޒިލް) އެވެ. އަދި މެޗުގައި އާސަންދަ އިން ޖެހި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މައިސާންއެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ޓްރޭޑް ކްލަބާ ދެކޮޅަށް ކުޅުނު 'ގްރޫޕު ބީ'ގެ މެޗުގައި 4-3ގެ ނަތީޖާއަކުން އުރީދޫ ވަނީ މޮޅުވެފައެވެ. އެ މެޗުގައި އުރީދޫގެ މުހައްމަދު ފާޝިރާއި މުހައްމަދު ރިޝްފާން، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއެވެ. އަދި މެޗުގައި ޓްރޭޑް ކްލަބުން ޖެހި ތިން ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން އަހުސަމް މޫސާއާއި އަލީ ޝަރީފް (އައްޔަ) އަދި ޖުމައިލް ޖަމީލެވެ.
ރޭ ކުޅުނު 'ގްރޫޕު ސީ'ގެ މެޗުގައި އެސްޓީއޯ އިން ވަނީ 5-1ގެ ނަތީޖާއަކުން އެމްއެމްއޭ ސޯޝަލް ކްލަބު ބަލިކޮށްފައެވެ. އެ މެޗުގައި އެސްޓީއޯ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު އިމްރާން ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާހުއާއި މުހައްމަދު އިސްމާއީލް އަދި އިބްރާހިމް މާޒް ސައީދެވެ. އަދި މެޗުގައި އެމްއެމްއޭ އިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މާހިންއެވެ.
ރޭ ކުޅުނު 'ގްރޫޕު ޑީ'ގެ މެޗުގައި އޭވިއޭޝަން ސެކިއުރިޓީން ވަނީ 2-1ގެ ނަތީޖާއަކުން ޓީމް އެފްއެސްއެމް ބަލިކޮށްފައެވެ. އެ މެޗުގައި އޭވިއޭޝަން ސެކިއުރިޓީން ޖެހި ދެ ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ޒައްމަތު މުހައްމަދު ވަހީދާއި ނާއިފް ޝަފީގެވެ. އަދި މެޗުގައި އެފްއެސްއެމް އިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިރުފާދެވެ.
އެ މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15ގައި ކްލަބު އެޗްޑީސީއާ ދެކޮޅަށް ފެން ކްލަބު ނުކުންނަ އިރު، ހަމަ އެގަޑީގައި ދިރާގާ ދެކޮޅަށް މިފްކޯ ނުކުންނާނެއެވެ. އަދި މިރޭ 9:30 އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް)އާ ދެކޮޅަށް ޔޫތު މިނިސްޓްރީ ނުކުންނަ އިރު، ހަމަ އެގަޑީގައި އެމްޓީސީސީއާ ދެކޮޅަށް ތައުލީމީ ގުޅުން ނުކުންނާނެއެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.