އިލެކްޝަންސް ކޮމިޝަން

މަޖިލިސް ގޮނޑި އިތުރުވާނީ މާލެއަށް އެކަނި އިންތިޚާބު އަންނަ މާޗު މަހު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗު މަހުގެ ފަހުކޮޅު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީކޮޅު ބާއްވަން ގާނޫނުން ފުރުސަތު ލިބޭ ކަމަށާއި ކޮމިޝަނުގެ ވިސްނުން ބޮޑަށް ހުރީ މާޗު ފަހުކޮޅު ބާއްވަން ކަމަށެވެ.

މަޖިލީހަށް އިތުރުވާ ގޮނޑިތަކާ ގުޅޭ ގޮތުން އަކުރަމް ވިދާޅުވީ އެއްްވެސް އަތޮޅަކަށް ދާއިރާއެއް އިތުރު ނުވާނެ ކަމަށާއި އެހެން ނަމަވެސް މާލެ އަށް ދެގޮނޑި އިތުރުވާނެ ކަމަށެވެ.

"އަތޮޅު ތަކަށް ގޮނޑިއެއް އިތުރެއް ނުވާނެ. އެކަމަކު މާލެ އަށް ދެގޮނޑި އިތުރުވާނެ. އަތޮޅު ތަކުގައި ދާއިރާތައް ބެހިފައިވާ ގޮތަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައިސްފާނެ." އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެއަށް އިތުރުވާ ދެގޮނޑީގެ ދާއިރާ ބެހިގެން ދާނޭ ގޮތް ކަނޑައެޅުމަށް ސިޔާސީ ފަރާތްތަކާ އެކު ވެސް މިހާރު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެންބަރުންނެވެ.