އެމްޕީއެލް

ބަނދަރުތަކުގެ މަސައްކަތްތަކަށް މީހުން ތަމްރީނު ކުރުމަށް، ޓިވެޓާއެކު އެމްޕީއެލުން ސޮއިކޮށްފި

އިބްރާހިމް ޒަކީ

ވިޔަފާރި ބަނދަރުތަކުގެ މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމަށް، ޓިވެޓް އޮތޯރިޓީއާ އެކު މޯލްޑިވްސް ޕޯޓްސްލިމިޓެޑުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސް ވުމުގައި ސޮއިކުރެއްވީ، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯހަޔާ އެޑިއުކޭޝަން މުހައްމަދު ހާޝިމްއެވެ.

މި އެއްބަސްވުމުގެ ދަށުން ޕޯޓްގެ މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި އެމްޕީއެލްގެ މުއައްޒަފުންގެ އިތުރުން، އެ ދާއިރާއަށް ޝައުގުވެެރިވާ އެހެން ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްއަކީ އެކި ދާއިރާތަކުން މުވައްޒިފުން ބޭނުންވާ މުއައްސަސާއެއް ކަމަށެވެ. އަދި އެ ކުންފުނީގެ އެންމެ މުހިއްމު ދާއިރާ ކަމުގައިވާ ޕޯޓް ދާއިރާއަކީ ތަމްރީނު ލިބިފައިވާ މީހުން ވަރަށް މަދު ދާއިރާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ޕްރޮގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުން 100 މީހަކަށް ތަމްރީނުގެ ފުރުސަތު ލިބޭނެއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން މުހައްމަދު ހާޝިމް ވިދާޅުވީ، ފުރުސަތުތައް ހުރި ދާއިރާތަކުން ކަމާބެހޭ މުއައްސަަސާތަކާ ގުޅިގެން މީހުން ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މިފަދަ ޕްރޮގްރާމްތައް ލެވެލް ވަޒަން ކުރެވޭ ފަދަ ކޯސްތަކަކަށް ވުމަކީ ފެންވަރު ހިފެހެއްޓުމަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.