އިބްރާހިމް ޒަކީ
އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލް 1 އަދި 2 ގައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 45 މެންބަަރުން ވޯޓު ދެއްވައިގެންނެވެ.
ގާނޫނު ނަންބަރު 2008/6(އާންމު ގަވާއިދުތަކާބެހޭ ގާނޫނު) އަކީ 2008 ވަނަ އަހަރު ގާނޫނުއަސާސީ އިސްލާހުކޮށް ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިއިރު ވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.
އެކަމަށް އަދިވެސް ހައްލެއް ގެނެވިފައިނުވާ އިރު ކޮންމެ އަހަރަކުން ރައްޔިތުންގެ މަޖިލީހުން އަންނަނީ އެ ގާނޫނުގެ މުއްދަތު އިތުރު ކުރަމުންނެވެ.
އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި 66 ގަވާއިދެއް ހިމެނެއެވެ. އަދި ޖަދުވަލު ދޭއްގައި 17 ގަވާއިދެއް ހިމެނެއެވެ.