ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުންގެ މުސާރަ ރިވިއުކުރުން 19 މަޖިލީހަށް ނަގުލުކުރަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ފަނޑިޔާރުންގެ މުސާރަ ރިވިއުކުރުން އަލަށް އިންތިހާބު ވެފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނަގުލުކުރަން މިހާރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ފަނޑިޔާރުންގެ މުސާރަ ރިވިއު ކުރުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަނުން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައާބެހޭގޮތުން އެ ކޮމިޓީގައި ބަހުސް ކުރުމަށްފަހު، އެ މައްސަލައަށް ގޮތެއް ނިންމަން އިންތިހާބުވެފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ލާޒިމްވާ ގޮތަށް ކޮމިޓީން ފާސްކުރީ، މިހާރު އޮތް މަޖިލީހުގެ ދައުރު ހަމަވަން މަދު ދުވަސްކޮޅަކަށް ވެފައިވާތީއެވެ.

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީއަށް ޖޭއެސްސީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މިހާރު ފަނޑިޔާރުންނަށް ދޭ މުސާރަތަކަކީ، މިހާރުގެ ދިރިއުޅުމުގެ ހަރަދުތަކާއި އެބޭފުޅުންގެ މަސްއޫލިއްޔާތުތަކާ އަޅައިބަލާއިރު އެކަށީގެންވާ ވަރަށްވުރެ ކުޑަ މުސާރައެއް ކަމަށެވެ.

ކޮމިޓީ ބަހުސްގައި ބައެއް މެންބަރުންވަނީ ފަނޑިޔާރުންގެ މުސާރަ ރިވިއުކުރުމަށް ހުށަހަޅުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، ފަނޑިޔާރުންނަކީ އެންމެ ރަނގަޅު މުސާރަލިބޭ، ވަޒީފާގެ އިތުބާރާއި ޔަގީންކަން އެންމެބޮޑަށް ދެވިފައިވާ ވަޒީފާ ކަމަށެވެ. އަދި ނަޒާހަތްތެރިކަމާއެކީ ކުށެއް ނުކޮށް މަސައްކަތް ކުރައްވައިފި ނަމަ ފަނޑިޔާރުންނަކީ އުމުރު ދުވަހަށްވެސް ވަޒީފާ ދެމިގެންދާނެ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ މިހާ ބޮޑެތި މުސާރަތަކާއި އިނާޔަތްތައް ދޭބަޔަކު ސިވިލް ސާވިސްގެ އާދައިގެ މުސާރަލިބޭ ބަޔަކު ތިއްބައި، އިރު އިރުކޮޅާ މުސާރަ ބޮޑުކުރަން ސިޓީ ފޮނުވަމުންދިއުމަކީ ކަންބޮޑުވާކަމެއް،" އިބްރާހީމް ދީދީ ވިދާޅުވިއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ރައީސުލް ޖުމްހުރިއްޔާ އާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުުންނަށް ދެމުން އަންނަ މުސާރައަކީ، 2010 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގެ ދަށުން ދެމުން އަންނަ މުސާރައެއްކަމަށެވެ. އަދި ޕޭ ކޮމިޝަނާ ގުޅިގެން ދައުލަތުގެ މުސާރައިގެ އޮނިގަނޑު މަޖިލީހުން ރިވިއު ކުރަމުން އަންނަ ކަމަށާއި މަޖިލީހުން ކަނޑައަޅާ މުސާރަތައްވެސް ދެން ކަނޑައެޅިގެންދާނީ އޭގެ ދަށުން ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.