ޕީއެސްއެމް

ޕީއެސްއެމުން ބިގަށް 30 މިލިޔަން ރުފިޔާ ދިން މައްސަލަ ޖުޑީޝަލް ރިވިއުއަކަށް، އޭޖީއަށް ފޮނުވަނީ

އިބްރާހިމް ޒަކީ

ޕީއެސްއެމުން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)އަށް 30 މިލިޔަން ރުފިޔާ ދިން މައްސަލަ އަލުން ޖުޑީޝަލް ރިވިއުއަކަށް ދިއުމަށްޓަކައި އެޓާނީ ޖެނެރަލަށް ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ)އަކީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި ކުންފުންޏެކެވެ.

އެމްއެންބީސީން ޓީވީއެމް ހިންގިއިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓް ކުރުމަށްޓަކައި ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އާއެކު ވަނީ އެއްބަސްވެފައެވެ. އެ އެއްބަސް ވުުމުގެ ދަށުން އެމްބީސީން ބިގަށް ދައްކަން ޖެހޭ ފަސް މިލިޔަން ރުފިޔާ ނުދައްކައި ގިނަދުވަސްތަކެއް ވުމުގެ ސަބަބުން އޭރު އަރާފައި އޮތް ޖޫރިމަނާ ފައިސާއާއެކު ޖުމްލަ 78 މިލިޔަން ރުފިޔާ ބިގަށް ދެއްކުމަށް 7 ޖޫން 2016 ވަނަ އަހަރު ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެހުކުމުގައި ބުނެފައިވާ ފައިސާގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕީއެސްއެމުން ދައްކަން ޖެހުނީ އޭރުގެ އެމްއެންބީސީގެ މުދަލާއި މާލީ ޒިންމާތައް ނަގަން ޖެހެނީ މިހާރުގެ ޕީއެސްއެމުން ވާތީއެވެ.

މި މައްސަލައިގެ ބަހުސް މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށްދިޔައިރު އެ ކޮމިޓީގެ މެންބަރުން ވިދާޅުވީ އެ ފައިސާއަކީ ބިގަށް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި ޕީއެސްއެމުން އެ މައްސަލަ އސިްތއުނާފް ކޮށްފައި ނުވުމުން އެކަންވެސް މެންބަރުން ވަނީ ކުށްވެރި ކޮށްފައެވެ.

މައްސަލަ ރިވިއުކަމަށް އެޓާނީ ޖެނެރަލަށް ފޮނުވަން ކޮމިޓީން ނިންމީ އެ މައްސަލަ އިސްތިއުނާފް ކުރަންޖެހޭ މުއްދަތު ހަމަވެފައިވުމުން މައްސަލާ މެދު ކުރިއަށް ދިއުމުގައި ދެން ގޮތެއް ނިންމޭނީ އެޓާނީޖެނެރަލަށް ކަމަށް ވާތީ ކަމުގައި މެންބަރުން ވިދާޅުވިއެވެ.