ރައްޔިތުންގެ މަޖިލިސް

ޝަރުތު ހަމަނުވާ މީހުންނަށް ވަޒީފާދޭ މައްސަލައެއްގައި ސީއެސްސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ

އިބްރާހިމް ޒަކީ

ޝަރުތު ހަމަނުވާ މީހުންނަށް ވަޒީފާދޭ ކަމަށް ބުނާ މައްސަލައެއްގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިއދު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ނިންމެވީ، ޕީޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހަޅުއްވައި އެ ވަގުތު ކޮމިޓީގައި ތިއްބެވި އަށް މެންބަރުންގެ އިއްތިފާގުން ފާސްކޮށްގެންނެވެ.

ސީއެސްސީގެ ފަސް މެންބަރުން ކަމުގައިވާ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާ އާއި އިބްރާހިމް ޝަހީގް އަދި ޒަކަރިއްޔާ ހުސެއިން ކޮމިޓީއަށް ހާޒިރުކުރަން ނިންމަވާފައިވަނީ، އިލްމީ، ގާބިލު މީހުންގެ ބަދަލުގައި ޝަރުތު ހަމަނުވާ މީހުން ސިވިލް ސާވިސްގެ މަގާމުތަކަށް ހަމަޖައްސާ ކަމަށް މީޑިއާތަކުގައި ފެތުރެމުންދާ މައުލޫމާތުތަކާ ގުޅިގެން އެކަންކަން ސާފު ކުރުމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުުގައި އެ ކޮމިޓީގައި ހުރި ބައެއް ބިލުތައް މިމަހުގެ 30ހުގެ ކުރިން ނިންމުމަށާއި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާ 26 ނަން ވީހާވެސް އަވަހަށް ދިރާސާކޮށް ނިންމުމަށް ވަނީ ފާސްކޮށްފައެވެ.