ނިއު ޕޯޓް

ނިއުޕޯޓް ހިންގާ ސްޓްރާޑާ އަށް ފައިސާ ދޭން ރައީސް އޮފީހުން ނިންމީ ރިޔާސީ އިންތިޚާބަށް ފަހު

ސިނަމާލެ ބުރިޖު ސަރަހައްދުގައި ހެދި "ޗާ ޓައިމް"، ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ތަޅައިލައި ސަރުކާރަށް ނަގަން ޖެހުމުން ބަދަލުގެ ގޮތުގައި، އެތަން ހިންގި ނިއު ޕޯޓު ހިންގާ ސްޓްރާޑާއަށް 14.5 މިލިއަން ރުފިޔާ ދޫކުރުން އެންމެ ރަނގަޅު ކަމަށް ރައީސް އޮފީހުން ނިންމީ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރި ފަހުންކަން އެނގޭ ލިޔުންތަކެއް ލީކުވެއްޖެ އެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއަރޒް މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި، ދޭއް އޮކްޓޯބަރު ވަނަ ދުވަހު ހައުސިން މިނިސްޓަރު ޑރ. މުއިއްޒަށް ފޮނުއްވި ކަމަށް ބުނާ ސިޓީން އެނގޭ ގޮތުގައި، ސްޓްރާޑާ ކުންފުންޏާ އެކު ނެގޯޝިއޭޓް ކުރައްވައިގެން ބަދަލުގެ ގޮތުގައި ދޭން ޑރ. މުއިއްޒު ރައީސް އޮފީހަށް އަންގަވައިފައިވާ އަދަދު ކަމަށްވާ 14،493427 ސާދަ މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ތިންހާސް ހަތަރު ސަތޭކަ ހަތާވީސް ރުފިޔާ އަކީ އަދުލުވެރި ބަދަލެއް ކަމަށް ރައީސް އެކަމަށް އުފެއްދެވި ވަޒީރުންގެ ކޮމެޓީން އެމަނިކުފާނަށް ލަފާ އެރުއްވީ މި އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

ޣައްސާން ޑރ. މުއިއްޒަށް ފޮނުއްވި ސިޓީ ކަމަށް ބުނާ ލިޔުމުން އެނގޭ ގޮތުގައި ސްޓްރާޑާ ކުންފުންޏާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ޑރ. މުއިއްޒު ރައީސް އޮފީހަށް އަންގަވާފައިވާ ފަދައިން 14،493427 ސާދަ މިލިއަން ހަތަރު ސަތޭކަ ނުވަދިހަ ތިންހާސް ހަތަރު ސަތޭކަ ހަތާވީސް ރުފިޔާ އަކީ އަދަލުވެރި ބަދަލެއް ކަމަށް ރައީސް އުފެއްދެވި ކޮމެޓީން ނިންމެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

އެހެން ކަމުން އެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކުރައްވައިގެން ސްޓްރާޑާ ކުންފުންޏަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިޔަށް ގެންދަވަން ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ވެސް ލީކުވެފައިވާ ސިޓީގައިވެ އެވެ.

އަދުލުވެރި ބަދަލުގެ ގޮތުގައި މިހާ ބޮޑު އަދަދެއް ދޭން ނިންމާފައިވާ އިރު ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، ސްޓްރާޑާ އިން ހުށަހަޅާފައި އޮތީ އެގްރީމެންޓުގައި ބާކީ އޮތް މުއްދަތުގައި ތަން ހިންގައިގެން ލިބޭނެ ކަމަށް ލަފާކުރެވޭ ފައިދާ އަށް ބަލައިގެނެވެ. އެ ގޮތުން އެ ކުންފުނިން ނެޓް ޕްރޮފިޓް މާޖިން އެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެބިން ސަރުކާރަށް ނެގުމުގެ ކުރީން ޗާ ޓައިމް ހިންގި މުއްދަތު ކަމަށްވާ އެކެއް ޖުލައި 2017 އިން ފެށިގެން 21 އޭޕްރީލް 2018 އަށް ލިބުނު އަދަދެވެ.

ސްޓްރާޑާ އަށް ދޭން އުޅުނު 14.5 މިލިއަން ރުފިޔާ ނުދީ މަޑު ޖައްސައިލަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީ އަށް އަންގައިފަ އެވެ.