ފިލްމް އިންޑަސްޓްރީއަށް އަލަށް ގުޅޭ މީހުނަށް ފިލްމުތަކުން ރަނގަޅު ރޯލު ލިބުމަކީ އުނދަގޫކަމެއް ކަމަށް ބަތަލާ ރާކުލް ޕްރީތް ސިންގް ބުނެފިއެވެ.
"ދޭދޭ ޕިޔާރު ދޭ" ގައި މުހިއްމު ރޯލެއް ކުޅެފައިވާ ރާކުލް ބުނިގޮތުގައި އެ ފިލްމު ކުޅުމަށް އޭނާ އެއްބަސްވީ ކުޅެން ލިބުނު ރޯލުން ކަމަށެވެ. ހަގީގަތަކީ ބޭރުން އަންނަ މީހަކަށް ނުވަތަ ފިލްމީ ދާއިރާއަށް އަލަށް ގުޅޭ މީހަކަށް ފިލްމުގެ ލީޑް ރޯލު ކުޅެން ލިބުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ރާކުލް ބުންޏެވެ.
ރާކުލް އިތުރަށް ބުނި ގޮތުގައި ދޭދޭ ޕިޔާރު ދޭ ގެ އޭނާ ކުޅެފައިވާ ރޯލާ ގުޅޭ މައުލޫމާތު ފުރަތަމަ ލިބުމާއެކުވެސް އެ ރޯލު ކޮންމެ ގޮތެއް ހަދައިފަވެސް ހޯދުމަށް ބޭނުންވި ކަމަށެވެ. އަދި ފިލްމުގެ ޓްރެއިލާ ބަލާފައި ފޭނުންނާއި އިންޑަސްޓްރީގެ އެކި ފަރާތްތަކުން އޭނާ ކުޅެފައިވާ ބަޔަށް ކުރަމުން އަންނަ ރަނގަޅު ކޮމެންޓާ އޭނާ ކޮށްފައިވާ މަސައްކަތް ބަލައިގަތް ކަމީ ވަރަށް އުފާވާ ކަމެއްކަމަށްވެސް ރާކުލް ބުންޏެވެ.
އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމުގައި ރާކުލްއާ އެކު މަގްބޫލު ބަތަލު އަޖޭ އަދި ބަތަލާ ތާބޫ ފެނިގެންދެއެވެ. ފިލްމަކީ 50 އަހަރުގެ ފިރިހެނަކު އެއަށްވުރެ މާ ޒުވާން އަންހެން ކުއްޖަކު ދެކެ ލޯބިވެގެން ދިމާވާ ހާދިސާގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.
ފިލްމުގައި ރާކުލް ކުޅެފައިވާ ރޯލު ކުޅުމަށް އޭނާއަށް 25 ދުވަހުގެ ތެރޭގައި ބަރުދަން ލުއި ކުރުމަށް ފިލްމުގެ ޑިރެކްޓަރު އެންގުމުން އެދުވަސްތަކުގެ ތެރޭގައި 10 ކިލޯ ލުއި ކުރިކަމަށް ރާކުލް ބުންޏެވެ.
ދޭދޭ ޕިޔާރު ދޭ ރިލީސްކުރަނީ މެއި 17ގައެވެ.