ކްލަބު މޯލްޑިވްސް ކަޕް

ބީއެމްއެލް އިން ސިވިލް ކޯޓު ކޮޅަށް އަށް ލަނޑު ޖަހައިފި

ކްލަބު މޯލްޑިވްސް ކަޕް 2019ގައި ތަފާތު ބޮޑު ނަތީޖާއަކުން ސިވިލް ކޯޓު އަތުން ޔުނައިޓެޑް ބީއެމްއެލް މޮޅުވެއްޖެއެވެ.

ރޭ ކުޅުނު 'ގްރޫޕު ޖީ'ގެ މެޗުގައި ސިވިލް ކޯޓު އަތުން ބީއެމްއެލް މޮޅުވެފައިވަނީ 8-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ބީއެލްއެމް އިން ޖެހި އަށް ލަނޑުގެ ތެރެއިން ތިން ލަނޑު އިބްރާހިމް ސިނާހު ކާމިޔާބުކޮށްދިން އިރު، އިޝާން އިބްރާހިމް (ސައްޓު) އާއި އަލީ ހާފިޒު، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނާސިދު އަހްމަދު ނަސީމެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، 'ގްރޫޕު އެޗް'ގައި ޕީއެސްއެމް އަތުން 7-2ގެ ނަތީޖާއަކުން ޕޮލިސް ކްލަބު ވަނީ މޮޅުވެފައެވެ. އެ މެޗުގައި ޕޮލިސް ކްލަބުން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު އަލީ އަޒުހަރު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝިފާނާއި އަހްމަދު ރިޝްފާނާއި އަލީ ރިސްވާން އަހްމަދު އަދި މުހައްމަދު ޒާޔިދު މުސްތަފާއެވެ. އެ މެޗުގައި ޕީއެސްއެމްއިން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ނާފިއު އާއި ރިމާހު އަހްމަދެވެ.

ރޭ ކުޅުނު 'ގްރޫޕު އީ'ގެ މެޗުގައި ސްޓެލްކޯ އިން ވަނީ 7-4ގެ ނަތީޖާއަކުން ފެހި ފަހި ކްލަބު ބަލިކޮށްފައެވެ. އެ މެޗުގައި ސްޓެލްކޯ އިން ޖެހި ހަތް ލަނޑުގެ ތެރެއިން އަލީ މާއިސް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު، އަޔާޒް އަހްމަދު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހާރޫން އިބްރާހީމެވެ. މެޗުގައި ފެހި ފަހި ކްލަބުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ޝަމީމާއި މައުމަން އަބްދުލް ރަޝީދެވެ. އެއިން ކޮންމެ ކުޅުންތެރިޔަކު ވެސް އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.

ރޭ ކުޅުނު 'ގްރޫޕު އެފް'ގެ މެޗުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ވަނީ 2-0ގެ ނަތީޖާއަކުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކޮށްފައެވެ. އެ މެޗުގައި ސިފައިންގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ފަވާޒާއި ނަދީފު އިބްރާހީމެވެ.

އެ މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15ގައި އެންމެ ފަހުގެ ރަނަރަޕް މޯލްޑިވިއަންއާ ދެކޮޅަށް ކްލަބު އާސަންދަ ނުކުންނަ އިރު، ހަމަ އެގަޑީގައި އުރީދޫއާ ދެކޮޅަށް ޓްރޭޑް ކްލަބު ނުކުންނާނެއެވެ. އަދި މިރޭ 9:30ގައި އެސްޓީއޯއާ ދެކޮޅަށް އެމްއެމްއޭ ސޯޝަލް ކްލަބު ނުކުންނަ އިރު، ހަމަ އެގަޑީގައި ޓީމް އެފްއެސްއެމްއާ ދެކޮޅަށް އޭވިއޭޝަން ސެކިއުރިޓީ ނުކުންނާނެއެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.