އެސްޓީއޯ

ރޯދައަށް ގެނައި ފިޔާ އަލުވި ބިސް، އެސްޓީއޯއިން ވިއްކަން ފަށައިފި

މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ރާއްޖެ ގެނައި ފިޔަ އަލުވި އަދި ބިސް، އެސްޓީއޯ އިން ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެކުންފުނީގެ ސުޕަމާޓުން ރީޓެއިލްކޮށް ފިޔާ އަލުވި ބިސް، ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިތަކެތި ވިއްކާނެ ކަމަށާއި އަދި ފިޔާ ބިސް އަލުވި ގަނެވޭނެ އިންތިޒާމު އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހުންނަ އެ ކުންފުނީގެ ގުދަނުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ލިބޭނެ ކަމަށެވެ.

އެސްޓީއޯ އިން ބުނިގޮތުގައި ރޯދައަށް ގެނައި ތަކެތީގެ ތެރެއިން ފިޔާ ކިލޯއެއް ވިއްކަނީ 7 ރުފިޔާއަށެވެ. އަދި ފިޔާ ބަސްތާއެއް 140 އަށް ވިއްކާއިރު، 25 ބަސްތާ ނަގާނަމަ ބަސްތާއެއް 130 އަށް ލިބޭނެއެވެ.

އަދި އަލުވި ކިލޯއެއް އަށް ރުފިޔާ ބަޔަށް ވިއްކާ އިރު، ބަސްތާއެއް ވިއްކަނީ 180 ރުފިޔާއަށެވެ. 25 ބަސްތާ ހަމަވާނަމަ 170 ރުފިޔާއަށް ބަސްތާއެއް ވިއްކާނެއެވެ.

މީގެއިތުރުން ކުކުޅު ބިހެއް ވިއްކަނީ އެއް ރުފިޔާ ބަޔަށެވެ. ބިސްކޭހެއްގެ އަގު އުޅެނީ 270 ރުފިޔާއަށެވެ. ފަަންސަވީސް ބިސްކޭސް ނަގާނަމަ، ބިސްކޭހެއް 260 ރުފިޔާއަށް ވިއްކާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ބުނީ، އެސްޓީއޯ އިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ވިއްކުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު މިއަހަރު އެސްޓީއޯގެ ފިހާރަތަކުން ހަމަޖައްސާފައިވާނެ ކަމަށެވެ.