ރައްޔިތުންގެ މަޖިލިސް

ބޭރުގެ މީހުންނަށް ބިން މިލްކުކުރެވޭ ބައި ގާނޫނުއަސާސީން އުނިކުރަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ބޭރުގެ މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީގައި ކަޑައަޅާފައިވާ ބައި ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ބައި ބާތިލް ކޮށްފައިވަނީ، ވޯޓަށް އެހި ގަޑީގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެެރެއިިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ފާސްކުރަންވެސް ބޭނުންވަނީ 64 މެންބަރުންގެ ވޯޓެވެ.

ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު (ބޮޗޭ) އެވެ.

ބޮޗޭ ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް، އެއްވެސް ހާލަތެއްގައި ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރެވުމަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ބީވެގެންދާނެ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ 15 ވަނަ ބާބު އުނި ކުރުމަށާއި އަދި ދިވެހި ރާއްޖޭގެ އެއްވެސްބައެއް ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ހާލަތެއްގައި ވަކި މުއްދަތެއް ނެތި ކުއްޔަށް ދިނުމަށް އޮންނަ އޮތުން ގާނޫނުއަސާސީން އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އިސްލާހު ކުރުމަށް ހުށަހެޅުއްވީ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބުނެފައިވަނިކޮށް، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭނެ ކަމަށް ހިމަނައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އިސްލާހު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 22 ޖުލައި 2015ގައެވެ.

އެ އިސްލާހު ގާނޫނުއަސާސީއަށް އޭރު ގެނައީ އެ އިސްލާހު އުނިކުރަންވެސް ހުށަހެޅުއްވި ރިފާއުގެ އިތުރުން 70 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ 44 މެންބަރުންނާއި އެމްޑީޕީގެ 10 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުންނާއި އެމްޑީއޭގެ ފަސް މެންބަރުންނެވެ.

ބިން މިލްކުރެވޭ އިސްލާހު ގާނޫނުއަސާސީގައި ހިމެނުމާ ދެކޮޅަށް އޭރު ވޯޓު ދެއްވީ އެންމެ 14 މެންބަރުންނެވެ.