އިބްރާހިމް ޒަކީ
ނިއުޕޯޓު ވިއުއަށް ހިންގަނީ ގަވާއިދާ ހިލާފަށް ކަމަށާއި، އެ ބިމުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާތީ ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް އޮންނަ އުސޫލުގެ މަތިން ކުރިއަށް ގެންދާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
ނިއުޕޯޓު ވިއު ހިންގަމުން ގެންދަނީ ގަވާއިދާ ހިލާފަށްކަމަށްބުނެ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބިން ހުސްކުރުމަށްޓަކައި އެ މިނިސްޓްރީން ދީފައިވާ މުއްދަތުގައި ބިން ހުސްކޮށްފައި ނުވާތީ އާއި، އެ ބިމުުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާތީ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް އޮންނަ އުސޫލުގެ މަތިން ކުރިއަށްގެންދާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން މިހެން ބުނެފައިވާއިރު، ނިއުޕޯޓު ވިއުއަށް އިކޮނޮމިކް މިނިސްޓްރީން ދީފައިވާ ރެސްޓޯރަންޓު ހިންގުމުގެ ހުއްދަ އެއްވެސް އިރެއްގައި ބާތިލުކޮށް ނުވަތަ އަލުން ހުއްދަ ދީފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގާނޫނީ ހަމަތަކުގެ މަތިން ނޫން ގޮތަކަށް އެއްވެސް ވިޔަފާރިއަކާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށެވެ. އަދި ވިޔަފާރި ހުއްދަ ބާތިލު ކުރެވޭނީ އަމިއްލައަށް އެދިގެން، ނޫނީ ފީ ނުދެއްކުމުން، ނޫނީ ކޯޓުުން އެންގުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައިގައި ސީދާ އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ނިއުޕޯޓް ވިއު ރެސްޓޯރަންޓު ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް އަލުން ހުއްދަ ދޫކޮށްފައިވާ ކަމަށް މީސް މީޑިއާގައި ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް ނިއުޕޯޓު ވިއު ހިންގާކަމަށް އެ މިނިސްޓްރީން ނިންމާފައިވަނީ ހުސްވި 2018 ވަނ އަހަރުގެ ޑިސެންބަރު 1އިން ފެށިގެން އެ ރެސްޓޯރަންޓުގެ ކުލި ދައްކާފައި ނުވާތީ ނިއު ޕޯޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް އެމިނިސްޓްރީން ނިންމުމުންވެސް އެ ސަރަހައްދުގައި ރެސްޓޯރަންޓު ހިންގާތީއެވެ.
އަދި އެންމެ މަހެއްގެ ކުލި ނުދައްކައި އޮއްވައި ކުލި ދައްކަންޖެހޭ މަސް ނިމިއްޖެނަމަ، އިތުރު މުއްދަތެއް ނުދީ އެއްބަސްވުން ބާތިލުކުރުމަށް އެއްބަސްވުމުން އެ މިނިސްޓްރީއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން 7 މާޗު 2019 ވަނަ ދުވަހު އެއްބަސްވުން ބާތިލުކޮށް، އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިން އެ މިނިސްޓްރީއާ ހަވާލުކުރުމަށް އަންގާފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ ނިއުޕޯޓު ވިއު ނެގުމަށްފަހު އެ ސަރަހައްދު ބޭނުން ކުރާނީ ލޮނު ޒިޔާރަތްކޮޅު އަޑިޕާކަށް ތައްޔާރު ކޮށްފައިވާ ޕްލޭނާ އެއްގޮތަށް އާއްމުން ހިތްފަސޭހަ ކޮށްލަން ވަގުތު ހޭދަ ކުރެވޭނެ ފެހި ސަރަހައްދެއްގެ ގޮތުގައެވެ.