ފުރާނަދަންދެން

ފުރާނަދަންދެން - 12

1

"ނަތާ....! ތޭންކްސް ފޯރ ދަ ކޮފީ..." ނަތާޝާ އާއި ވާހަކަދެއްކުނީ ހަރުކަށި ކޮށްކަން އިނގުމުން ނާހިދު އެނބުރިލާފައި ބުނެލިއެވެ. އޭނާ ނިކުމެގެން ދިޔައީ ފިލާހުރި އަޒްކާގެ ކުރިމަތިން އަޅާފައެވެ. ނާހިދު ނިކުތްކަން ޔަޤީންވުމާއެކު ނަތާޝާ ދުވެފައި ގޮސް ހުއްޓުނީ އަޒްކާގެ ކުރިމަތީގައެވެ. ރޮވިފައި ހުރި އަޒްކާ ފެނުމުން ނަތާޝާ ހިތުގައި ރިއްސާލިއެވެ.

"އަހަންނަށް ހުރިހާ އެއްޗެއް އަޑުއިވިއްޖެ" ނަތާޝާގެ ކޮނޑުގައި ބޯއަޅާލަމުން އަޒްކާ ބުނެލިއެވެ. އޭނާއަށް ރޮވެމުން ދިޔައިރު ނަތާޝާ ހުރީ އަޒްކާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލައެވެ.

**********************************

ހަމަޖެހިފައިވާ އަދަދަށް ބަލިމީހުން ބަލާ ނިންމާލުމަށްފަހު ނާހިދު ގޮނޑީގައި ބުރަކަށި ދަމާލިއެވެ. ހަށިގަނޑުގައި އުފެދިފައިވާ ވަރުބަލިކަން ފިލުވާލުމަށް ދެލޯމަރާލިއެވެ. ބޮލުގައި ރިހުމެއް އުފެދިފައިވާހެން ހީވުމުން އެއް އަތުން ނިތްކުރިމަތީގައި ފިރުމާލީ އޮތް ގޮތަށް ދެލޯ ނުހުޅުވާ އޮވެއެވެ. އަޒްކާގެ ސަބަބުން ބޮލުގައި އުފެދިފައިވާ ރިހުން ގަދަވުކުގެ ސަބަބުން ދޮރު ހުޅުވާލާފައި މީހަކު ވަތްކަމެއްވެސް އޭނާއަށް ނޭނގުނެވެ. ކުއްލިއަކަށް އޭނާއަށް ސިހުނީ ފިނިފިނި އަތެއްގެ ބީހުން އޭނާގެ ނިތްކުރިމަތިން އިހުސާސް ކުރެވެމުންނެވެ. އޭނާ ދެލޯ ހުޅުވާލާފައި ބަލައިލިއެވެ. ހުދުކުލައިގެ އަތްދިގު ޓޮޕަކާއެކު ކަޅުކުލައިގެ ސްކިނީގައި ހުރި އަންހެންކުއްޖާ ހުރީ ހިނިތުންވެލައިގެންނެވެ. އަރިއަކަށް މަގުފަޅާލާފައި ފަން އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. އިސްކޮޅާއި ރޫފަ އެއްވަރެއްގެ އެ އަންހެންކުއްޖާގެ ހަމުގެ ކުލަ ދޮނެވެ.

"ނައިޝީ.....!!" ނާހިދު ބުނެލިއެވެ. އަދި ގޮނޑީގައި ހަމަޖެހިލިއެވެ.

"އަހަރެން މިތަނަށް ވަތްއިރު ނާހިދް އިނީ ބޮލުގައި އަތް އަޅައިގެން. އިނގުނު ބޮލުގައި ރިއްސަނީކަން..." އެހީތެރިޔާ އިށީނުމަށް ހާއްސަކޮށްފައި ހުންނަ ގޮނޑީގައި އިށީންނަމުން ނައިޝީ ބުނެލިއެވެ.

"ކުޑަކޮށް ރިއްސީ. މިހާރަކަށް އައިސް ރަނގަޅަށް ނުއެއްނިދޭ. އެހެންވެ ކަންނޭނގެ" ނާހިދް ބުނެލިއެވެ.

"އިނާއްތަ ބުނި ނާހިދް ބަލިކޮށޭ އުޅެނީ... ކިހިނެއްވީ...؟ އަހަރެން އެނބުރި އައިފަހުން ނާހިދް އެންމެފަހަރަކުވެސް ގުޅާނުލާ... އެކަމު ބުނާނެ މިއީ އެކުވެރިއެކޭ..." ނައިޝީ ޝަކުވާކޮށްލިއެވެ.

"ނޫނޭ.. ނިންމާފައި އައިގޮތަށް ހަމަ ވަޒީފާއަށް ނިކުތީ. އިޝީގެ ނަންބަރ ވެސް ގެއްލުނީމަ ދެން ގުޅޭނެގޮތެއް ނޯންނާނެއްނު. ސޮރީ އިނގޭ..." ނާހިދް ބުނެލިއެވެ.

"އެޕޮލޮޖީ އެކްސެޕްޓެޑް... ނާހިދް ވިއްޔާ. އަހަރެން ކިހިނެއް ނާހިދްދެކެ ރުޅިން ހުންނާނީ" ނައިޝީ ބުނެލިއެވެ. ނާހިދް އިސްއުފުލާ ނައިޝީއަށް ބަލައިލިއެވެ. އެދެލޮލުން އޭނާއަށް މިހާރުވެސް ފެންނަނީ މީގެ ހަ އަހަރު ކުރިން ފެނުނު ނިމުމެއްނެތް ލޯތްބެވެ. އޭނާ ނައިޝީގެ ލޯތްބަށް އިންކާރުކުރީ ލޯބީގެ ކުޅިގަނޑު ކުޅެން އޭރު އޭނާ ބޭނުންނުވުމުންނެވެ. އަދި އަމުދުން މިހާރު އޭނާ ބޭނުމެއްނުވެއެވެ. އަލަތު ލޯބި އޭނާގެ ހިތުގައި ޓަކި ދިނުމަށްފަހު އޭނާއަށް ފުރަގަސްދީފައި ދިޔައީ އެލޯތްބަށްޓަކައި އޭނާ ހިތުގެ ދޮރުފަތް ހުޅުވާލާފައި ވަނިކޮށެވެ. އެދޮރު ހުޅުވެންޏާ އަދިވެސް ހުޅުވޭނީ ހަމަ އެލޯތްބަށްޓަކައެވެ. އެހިތުން ދުވަހަކުވެސް އެހެން ލޯތްބަކަށް ޖާގައެއް ނެތެވެ.

"ހިނގާ ސަޔަށް ދާން. ޕްލީޒް ނޯ އޭނުބުނާތި.." ނައިޝީ އެދުނެވެ. ދާހިތްނުވެފައި އިނަސް ނާހިދް ދެކޮޅު ނުހެދިއެވެ. ގޮނޑީގެ އަތްގަނޑުގައި އަޅުވާލާފައި އޮތް އޭނާގެ ކޯޓު ހިފައިގެން ނައިޝީގެ ފަހަތުން ހިނގައިގަތެވެ.

ނައިޝީ އަކީ ނާހިދްއާއި އެކީގައި ޑޮކްޓަރކަން އެއް ކޮލެޖަކުން ކިޔެވި އޭނާގެ އެކުވެރިއެކެވެ. އިނާޝާ އާއި ނައިޝީގެ މަންމަ ނޫރުޒާދާއަކީ ގާތް ދެއެކުވެރިންނެވެ. ނައިޝީއަކީ ނޫރުޒާދާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނައިޝީދެކެ ނޫރުޒާދާ ވާލޯތްބެއްގެ ބޮޑުކަމުން ލަންޑަނުގައި ކިޔަވަން ހުރިއިރުވެސް ނޫރުޒާދާ ހުރީ ނައިޝީ ކައިރީގައެވެ. އިނާޝާއާއި އެއް ގެއެއްގައި ނޫރުޒާދާ ހުރިއިރު ދެފަރާތުންވެސް އުފެދުނީ އެކުވެރިކަމުގެ ވަރުގަދަ ގުޅުމެކެވެ. ނާހިދްގެ ކިޔެވުން ފުރިހަމަވުމުން އިނާޝާގެ އާއިލާ ރާއްޖެ އަންނަން ބޭނުންވިޔަސް ނޫރުޒާދާ ބޭނުންނުވިއެވެ. އެހެންކަމުން ނައިޝީއަށް ލަންޑަނުގެ ހޮސްޕިޓަލުން ވަޒީފާ ހޯދައިދީގެން މިހުރިހާ ދުވަހު އޭނާ އުޅުނީ ލަންޑަނުގައެވެ. ޙަޤީޤަތުގައި ނައިޝީ ރާއްޖެ އަންނަން ބޭނުންނުވީއެވެ. އޭނާގެ ލޯތްބަށް ނާހިދް އިންކާރު ކުރުމުން އޭނާ މާބޮޑަށް ފޫހިވީއެވެ. އެލޯބި މަތިން ހަނދާން ނައްތާލުމަށް އޭނާ ބޭނުންވީ ނާހިދާއި ވީހާވެސް ދުރުގައި ހުންނާށެވެ.

**********************************

ފަތިސްނަމާދު ބަންގީގެ ފުރަތަމަ ކަލިމައާއެކު އަޒްކާ ހޭލިއެވެ. ފާހާނާއަށް ވަދެ ހޫނުފެނުން ފެންވަރާލީ އޭސީގެ ފިނިން ހަށިގަނޑުގައި ގަދައަށް ފިނިހިފާލާފައި ހުރުމުންނެވެ. ނަމާދުކޮށް ނިމިގެން އިރުއަރަންދެން ޤުރުޢާން ކިޔަވަން އިނުމަށްފަހު ބޭރަށް ނިކުތީ ބަނޑުހައިވާން ފެށުމުންނެވެ. ސިޑިން ފައިބައިގެން އައިރު ސިޓިންގރޫމަށް ވަނީ އަނދިރިކަން ވެރިވެފައެވެ. އެއްވެސް މީހަކު ހޭލާ ނޫޅޭކަން އަޒްކާއަށް އިނގުނެވެ. އޭނާ ބަދިގެއަށް ވަދެ ލައިޓް ޖައްސާލިއެވެ. ކިރުތައްޓަކާއި ދޮންކެޔޮވަކެއް ހިފައިގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ފޯނާއި ކުޅެމުން ކިރުތަށި ހުސްކުރެވުނު އިރު ލައްޕާފައި ހުރި ދޮރުފަތްތައް ދަށުން ދުވާލުގެ އަލިކަން ފާޅުވަމުން ދިޔައެވެ. ހުސްކުރި ތަށި ސިންކަށްލަމުން އޭނާ ފޯނުން ގަޑި ބަލައިލިއެވެ. ހައެއްޖަހާ ބޮޑުވެގެން ގޮސް ހަތެއްޖަހަން ގާތްވަނީއެވެ. އެއްވެސް މީހަކު ހޭލައިގެން ނާންނާތީ އަޒްކާ ކަންބޮޑުވިއެވެ. ވަގުތަށް ނަމާދުކުރާ މީހަކުވެސް ނޫޅެނީބާއޭ ހިތަށް އެރިއެވެ.

ފަޒާ ތެދުވެގެން އައުގެކުރިން އޭނާ ހެނދުނުގެ ސައި ތައްޔާރުކުރަން ފެށިއެވެ. ތައްޔާރުކުރަންވީ އެއްޗެއް އޭނާއަށް ނޭނގުނަސް ފުށްގަނޑެއް މޮޑެގެން ރޮށި ފިހެން ފެށިއެވެ. ފުރިޖުން މަސްނަގައިގެން ކުޅިކޮށް މަސް ތެއްލަން ތައްޔާރުކުރިއެވެ. އަޒްކާ ސިހުނީ ކުއްލިއަކަށް ކުރިމައްޗަށް އެރި މާހިލް ފެނިފައެވެ.

"ސިއްސައިގެންނޭ އެދިޔައީ..." ނުރުހިފައި އަޒްކާ ބުނެލިއެވެ.

މާހިލް ބަހެއްނުކިޔާ ގޮސް ފުރިޖުން ފެންފުޅިއެއް ހިފައިގެން ބަދިގެއިން ނިކުތެވެ. އަޒްކާ ބޯއަރިކޮށްލާފައި މާހިލް ދިޔަ ދިމާލަށް ބަލައިލިއެވެ. ހީވާގޮތުން މާހިލް އެއައީ ޖޮގިންއަށް ގޮށްސައެވެ. އަޒްކާ ވިސްނާލިއެވެ. މާހިލްއަށް މިހާރު ހާދަ ބަދަލެއް އައިއްސިއެވެ. އޭނާއަށް ޖެއްސުމެއް ކޮށްނުލާތާ ބަހެއްވެސް ނުކިޔައެވެ. އެގޮތަށް އޭނާ ކަންތައްކުރާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ މާހިލްގެ އެހީތެރިކަމާއި އަޅާލުމާއި ނުލާ އޭނާއަށް އެގޭތެރެއަށް އޭނާ ދަރިފުޅު އުފަން ކުރެވިދާނެބާއެވެ؟

**********************************

ހެނދުނުގެ ސަޔަށް ހުރިހާ މީހުން މޭޒު ކައިރިއަށް ޖަމާވުމާއެކު ނާސްތާ ފެށިގެން ދިޔައެވެ. ފަޒާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.

"މިއަދު ކޯޗެއް ހަދާފައި މިހުރީ..." ބުރުހާނުއްދީން ބުނެލިއެވެ. މާހިލްގެ ފަހަތުން ހުއްޓިގެން ހުރި ފަޒާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ބުރުހާނުއްދީން ސުވާލުކުރާނެކަން މާކުރިންވެސް އޭނާއަށް އިނގެއެވެ. ފަޒާ ކައިރީގައި ކޮޅަށް ހުރި އަޒްކާ ފަޒާގެ އަތުގައި ކޮށްޓާލިއެވެ. ފަޒާ ބަލާލުމާއެކު އަތުގެ އިޝާރާތުން ކިހިނެއްވީތޯ އަހާލިއެވެ. ކަންބޮޑުވެފައި ހުރި ފަޒާ ބުރުހާނުއްދީނަށް ބަލައިލިއެވެ.

"މިއަދު މިއީ އާދީއްތަ ދުވަހެއްނޫންތަ...؟" އަނެއްކާވެސް ބުރުހާނުއްދީން ބުނެލިއެވެ.

"ލައްބަ..." ޖެހިލުންވެފައި ފަޒާ ޖަވާބުދިނެވެ.

"މިއަދު މިއީ ފަޒާ މިގޭގަ ފުރަތަމަ ދުވަސްތަ...؟ ފަޒާއަށް ރަނގަޅަށް އިނގޭނެ މިއަދު މެނޫގައި އިންނާނީ މިތަކެތި ނޫންކަން.... ދެން މިއީ ކޮންކަމެއް...؟؟" ކޮޅަށް ތެދުވަމުން ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"މަޢާފްކުރައްވާ ބައްޕާ....! މިއަދު އަޅުގަނޑެއްނޫން ބަދިގެއަށް ވަނީ...؟ މިތަކެއްޗަކީ އަޒްކާ ތައްޔާރުކުރި އެއްޗެހި. ލަހުން ހޭލެވުނީ އަޅުގަނޑަށް. ނަމާދަށްވެސް ހެއެއް ނުލެވުނު. އަޅުގަނޑު ބަދިގެއަށް އައިރުވެސް މިތަކެތި ހުރީ ތައްޔާރުކޮށް ނިމިފަ" އިސްޖަހާލަމުން ފަޒާ ވާހަކަދެއްކިއެވެ. ބުރުހާނުއްދީން ފަޒާ ކައިރީގައި ހުރި އަޒްކާއަށް ނަޒަރެއްދިނެވެ. ވަގުތުން އަޒްކާ އިސްޖަހާލިއެވެ.

"މެހެމާނެއްވީމަ މެހެމާނެއްގެ ގޮތުގައި ހުންނަން މާހިލްގެ އެކުވެރިޔާގެ އަނބިމީހާ ކައިރީގައި ބުނޭ...." ބުރުހާނުއްދީން ދިޔައީ ހިތްހަމަނުޖެހުނު ވަރުން ސައި ނުބޮއެވެ. އޭނާއަކީ ހަށިގަނޑަށް ވަރަށް ބޮޑަށް ބަލައިގެން އުޅޭ މީހެކެވެ. ކެއުމުގައި އެއްވެސް ވަރަކަށް އޭނާ ތެލެއް ބޭނުމެއް ނުކުރެއެވެ. އަޒްކާ ހަދާފައި ހުރި ކުޅި މަހުގައި ހުރީ ހުސް ތެލެވެ. ބުރުހާނުއްދީން ހިތްހަމަނުޖެހުނީ އެހެންވެއެވެ.

"އަޅެ... ވަރަށް ބޮޑަށް ސޮރީ ފަޒާ.... ފަޒާ ކީއްވެތަ ނުބުނީ. މިހުރިހާ ދުވަހު މިގޭގައި ހުރިއިރު އަހަރެން ހިއެއް ނުކުރަން ކާއެއްޗެހި ތައްޔާރުކުރަނީ މެނޫއަކާއި އެއްގޮތަކަށް ކަމަށް. އެނގިފަ އޮތްނަމަ އަހަރެން ބަދިގެއަށް ނުވަންނާނަން. އަހަރެން އުޅުނީ ފަޒާއަށް ހެލްޕްކޮށްދޭން" ފަޒާގެ ކޮނޑުގައި އަތް ބާއްވާލަމުން އަޒްކާ ވާހަކަދެއްކިއެވެ. ފަޒާ ބަހެއް ނުކިޔައެވެ. އޭނާ އެންމެދެރަވީ މާހިލްވެސް ސައި ނުބޮއެ އޮފީހަށް ދިޔުމުންނެވެ. މާހިލް ފަހަތުން ފަޒާ ހިނގައިގަތީ ދެރަވެފައި ހުރެއެވެ. ހުރިހާ މީހުން ގޮސް ހުސްވުމުން އަޒްކާ ތުންފަތުގައި ދަތްއަޅާލިއެވެ. އޭނާ ވަރަށް ދެރަވިއެވެ. އޭނާގެ ސަބަބުން ބައެއްގެ މޫޑު ހަރާބުކޮށްލެވުމުންނެވެ.

"ވަރެއްގެ ބައެއް އުޅޭ ގެއެއް މިއީ..." މޭޒު ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ހިތާހިތުން އަޒްކާ ބުނެލިއެވެ.

**********************************

ހަވީރު ސަޔަށް މޭޒު މައްޗަށް ތަފާތު ވައްތަރުގެ ހެދިކާ އަރުވަމުން މީކާ ދިޔައެވެ. މީކާއަށް އެހީވެދިނުމުގައި އިނާޝާވެސް ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ނާހިދު އައިސް ބަދިގެއަށް ވަނީ އެދެމީހުން އެގޮތުގައި ބުރަކޮށް އުޅެނިކޮށެވެ. އޭނާ އެންމެފުރަތަމަވެސް ބަދިގޭ އެކި ދިމާލަށް ބަލައިލިއެވެ. ބަދިގެއަކީ އަޒްކާއާއެކު ލޯބީގެ އެތައް ވަގުތުތަކެއް އޭނާ ހޭދަކޮށްފައިވާ އެއް ތަނެވެ. އަޒްކާގެ ވަކިވެ ދިޔުމަށްފަހު އޭނާ ބަދިގެއަށް އަށް ވަތް މިއީ ފުރަތަމަ ފަހަރެވެ. ހިތަށް ވެރިވެގަތް ހިޔާލުތަކުން ނިކުމެ އޭނާ ހިނިތުންވެލިއެވެ.

"މަންމާ...!! މިއީ ކޮންކަމެއް...؟ ހާދަ ބައިވަރެއް..." މޭޒުމައްޗަށް ނަޒަރު ހިންގާލަމުން ނާހިދު ބުނެލިއެވެ. އިނާޝާ ހުއްޓުނެވެ. އަދި ހިނގާފައި އައިސް ހުއްޓުނީ ނާހިދާއި ދާދި ކައިރީގައެވެ.

"މިއަދު ހަވީރު ސައިގަ ބަޔަކު ބައިވެރިވާނެ..." އިޝާރާތުން އިނާޝާ ވާހަކަދެއްކިއެވެ.

"އެހެންތަ...؟ އަޅުގަނޑު ނުހުއްޓަސް އޯކޭވާނެ ދޯ. އިމޫއާއެކު ތަނަކަށް ދާން މިއުޅެނީ...؟" ނާހިދް ބުނެލިއެވެ.

"ނޫން... ދަރިފުޅު ހުންނަންޖެހޭނެ ކޮންމެހެނެއްވެސް" އިނާޝާ ބުނެލިއެވެ. ނާހިދް އެއްބަސްވިއެވެ.

ވަދެގެން އައި ދެމީހުން ފެނިފައި ސޯފާގައި އިން އިނާޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އިނާޝާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ނާހިދް ދޮރާއި ދިމާލަށް ބަލައިލިއެވެ. ނޫރުޒާދާ ކައިރީގައި ހިނިތުންވެފައި ހުރި ނައިޝީ ފެނުމުން އޭނާ އިނާޝާއަށް ބަލައިލިއެވެ. އެހެންކަމުން ހަވީރު ސައިގައި ބައިވެރިވާ މެހެމާނުންނަކީ އެއިކަން ނާހިދަށް އިނގުނެވެ.

"އިނާއްތާ...؟ ކިހިނެއްތަ މިހާރު...؟" އިނާޝާގެ ގައިގައި ކުޑަކޮށް ބައްދާލަމުން ނައިޝީ ބުނެލިއެވެ. އިނާޝާ ހީލަމުން ރަނގަޅުކަމުގައި ބުނެލިއެވެ.

އެއް ސުފުރާމަތިން ދެއާއިލާ ސައިބޮއެ ނިންމާލީ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. ސައި ބޮއެ ނިމިގެން ހުރިހާމީހުން ސޯފާތަކުގައި ޖައްސާލިއެވެ. ނައިޝީ ގޮސް ހުއްޓުނީ ކޮޅަށް ހުރި ނާހިދް ކައިރީގައެވެ.

"ހިނގާބަލަ މިގެ ދައްކާލަން..." ނައިޝީ ބުނެލިއެވެ.

"ހެހެހެ... މިއޮތީ ފެންނާކަށްނު. އިޝީއަށް ނުފެންނަ ތަނެއް އޮތީތަ...؟" ހީލަމުން ނާހިދް ވާހަކަދެއްކިއެވެ.

"ދެން... ހިނގާބަލަ... ކުޑަވާހަކައެއްވެސް ދައްކަން ވެގެންނޭ..." ނާހިދްގެ އަތުގައި ހިފާ ދަމާލަމުން ނައިޝީ ބުނެލިއެވެ. އިތުރުގޮތެއް ނެތުމުން ނާހިދް ނައިޝީއާއިއެކު ހިނގައިގަތެވެ. ދެކުދިން ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އަރައިގެންދާ މަންޒަރު ބަލަން އިން ނޫރުޒާދާގެ ތުންފަތަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ.

"ކޮބާތަ އިނާގެ އަންހެންދަރިފުޅު؟ މިފަހަރު އެކޮޅަށް ގޮސް ހުރިއިރު ދެއްކީމެއްނު އަންހެން މަންޖެއެއްގެ ވާހަކަ..." ނޫރުޒާދާ ބުނެލިއެވެ. ވަގުތުން އިނާޝާއާއި މޯހަންދާސް އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

"އެއީ އަޒްކާ... އެމަންޖެ މެޑިކަލް ޓްރިޕަކަށް އަތޮޅުތެރެއަށް ފުރާފަވީ. އަދި ދިމާވާނެއްނު..." މޯހަންދާސް ޖަވާބުދިނެވެ. އަޒްކާއާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއްދޭން ބޭނުންނުވާތީ މޯހަންދާސް ބުނެލިއެވެ. އަދިވެސް އަޒްކާއަކީ އެދެމަފިރިންގެ މޭގެ އެތިކޮޅެވެ.

"ނޫރާމެން މިކޮޅަށް އެއްކޮށް ބަދަލުވީތަ...؟ އެހެންވެގެންތާ އިޝީއަށް ވަޒީފާ ހަމަޖެހޭނީ..." މޯހަންދާސް އަހާލިއެވެ.

'އާނ... ލައްކަ ދުވަހު އެތަނުގައިވެސް ހުރެވިއްޖެއްނު. އިޝީ ބޭނުމެއްނުވޭ ދެން އެކޮޅުގަ ހުންނަން. އިޝީ ބޭނުންވަނީ ނާހިދް ހުންނަ ތަނެއްގަ ހުންނަން. އޭޑީކޭއިން ވަޒީފާ ހޯދީވެސް އެހެންވެ. އެދެކުދިން ކިހާ ގުޅޭ ދޯ..." ނޫރުޒާދާ ވާހަކަދެއްކިއެވެ. މޯހަންދާސް ހީލިއެވެ.

"ނާހިދް ދިރިއުޅުމެއް ފަށަން ނުވިސްނާތަ....؟" ނޫރުޒާދާ ދައްކަން ބޭނުންވާ ވާހަކައާއި ދިމާލަށް ދިޔުމަށް އޭނާ މަޑުމަޑުން މަގު ކޮށަން ފެށިއެވެ.

"އެސޮރު މީހަކާއި އިންނަން ތައްޔާރުވެފަ ބުނާނެތާ. އެދުވަހަކަށް އަހަރެމެން މަޑުމިކުރަނީ" މޯހަންދާސް ބުނެލިއެވެ.

"ވަރަށް އަވަހަށް އެދުވަސް އައިސްދާނެ ކަންނޭނގެ ދެން...." ހީލަމުން ނޫރުޒާދާ ބުނެލިއެވެ. މޯހަންދާސް ވިސްނާލިއެވެ. ނޫރުޒާދާގެ ވާހަތަކުގެ ފަހަތުގައިވަނީ ކީކޭކަން އޭނާއަށް އިނގޭހެން ހީވާން ފަށައިފިއެވެ.

"އަހަރެންގެ ދަރިފުޅަށް އެއްވެސް މަޖްބޫރުކަމެއް ނޯންނާނެ. ބުނަން މިއުޅެނީ އަހަރެމެންގެ ދެމަފިރިން ވަކި މީހަކާއި ގުޅުން ބަދަހިކުރާށޭ ކިޔާފައި ނާހިދަށް ފޯސްއެއް ނުކުރާނަމޭ. ނާހިދްގެ ނިންމުން އެއީ އަހަރެމެންގެވެސް ނިންމުން... ދޯ އިނާ...!" ކައިރީގައި އިން އިނާޝާއަށް ދޯ ދެމުން މޯހަންދާސް ވާހަކަދެއްކިއެވެ. އިނާޝާ ބޯޖަހާލިއެވެ.

**********************************

ނާހިދްގެ ކޮޓަރިން ނިކުމެގެން ޓެރަސްއަށް އަރަން ދެކުދިން ދިޔައީ އަޒްކާ އުޅުނު ކޮޓަރި ހުރަސްކޮށްފައެވެ. ނާހިދް އަޅާނުލާ ދާން ފެށުމުން ނައިޝީ ހުއްޓުނެވެ. އަދި އެކޮޓަރިއާއި ދިމާލަށް ބަލައިލިއެވެ.

"މިއީ... ހާދަ ރީތިކުލައެކޭ މި ރޫމުގަ ލާފައި މިހިރީ. ގާރްލައަކާއި ވަރަށް ގުޅޭ... މުޅި ގެއިންވެސް މިހާ ރީތިކޮށް ހުރި ދޮރެއްވެސް އަދި ނުފެނޭ...." ނާހިދް ފިޔަވަޅުތައް ހުއްޓުނެވެ. އެނބުރިފައި ބަލައިލިއިރު ނައިޝީ ބަލަންހުރީ އެ ކޮޓަރި ދޮރާއި ދިމާލަށެވެ. ނާހިދް އެދޮރަށް ބަލައިލިއިރު އޭނާގެ ހިތުގައި ރިހުމެއް އުފެދިއްޖެއެވެ.

"މިއީ... މިއީ... އަޒްކީގެ...." ނާހިދް ތެދުތެދަށް ޖަވާބުދިނެވެ.

"އަޒްކީ....!!! އަޒްކީއަކީ ކާކު....؟؟؟" ނިތަށް ރޫއަރުވާލަމުން ނައިޝީ އަހާލިއެވެ. ހަމަ އެހާ އަވަހަށް ރޫތައް ފިލައި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އޯވް... އަޒްކީތަ ކިޔަނީ އެމަންޖެއަށް. ކޮބާތަ މިހާރު...؟ ވަރަށް މީޓްކޮށްލާހިތްވޭ..." ނައިޝީ ވާހަކަދެއްކިއެވެ. ނާހިދްގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ.

"އިޝީއަށް އިނގޭތަ އަޒްކީ...؟" ހައިރާންކަމުގެ ތެރެއިން ނާހިދް އަހާލިއެވެ.

"ޔާ... މިފަހަރު އިނާއްތައާއި މޯހަންބެ ގޭތެރޭގަ ވަރަށް ގިނައިން ދެއްކި ނާހިދްގެ ސިސްއެއްގެ ވާހަކަ. އަޒްކީކަން އެނގުނީ އިނާއްތަ ބުނުމުން" ނައިޝީ ބުނެލިއެވެ. ނާހިދްގެ މޫނަށް ތަފާތު ކުލަވަރެއް އަރައިގެން ދިޔައީ އަޒްކާއަކީ އޭނާގެ ސިސްއޭ ނައިޝީ ބުނުމުންނެވެ. އޭނާ ޙަޤީޤަތް ހާމަކުރަން އުޅުނެވެ. ނަމަވެސް ފަހުން އެހިޔާލު ދޫކޮށްލިއެވެ. ކޮންމެހެން ބުނުމުގެ ބޭނުމެއް މިހާރު ނެތީމައެވެ. އަޒްކާއަކީ މިހާރު އޭނާއަށް މުހިންމު މީހެއް ނޫނެވެ.

"އާނ އޭނަ މިދުވަސްކޮޅު މިގޭގައެއްނޫން އުޅެނީ.... ހިނގާ ދާން. މިހާރު އިޝީ މަންމަ އިންނާނީ ލަސްވެފަ" ނާހިދް ބޭނުންވީ އެތަނުން ނައިޝީ ގެންދާށެވެ. އަޒްކާއާއި ބެހޭގޮތުން ވާހަކަދެއްކުމަކީ އޭނާއަށް ފަސޭހަކަމެއްނޫނެވެ.

"އެކަމު މި ރޫމު ބަލާލާފަ ދާހިތްވަނީ... ހިނގާބަލަ އެތެރެއަށް ވަންނަން" ނައިޝީ ބުނެލިއެވެ.

"ނޫނޭ. އެއީ ރަނގަޅުގޮތެއްނޫން. އެންމެރަނގަޅު ވާނީ އަޒްކީ ހުންނައިރެއްގަ ވަނުން" ނާހިދް ވަގުތުން ދެކޮޅު ހެދިއެވެ. ނާހިދްގެ މޫނަށް ބަލައިލާފައިވެސް ނައިޝީ ނާހިދްގެ ފަހަތުން ހިނގައިގަތެވެ.

**********************************

ގޭގައި މަދުވެފައި ހުރި ބައެއް ސާމާނު ގަތުމަށް ނާހިދް ބޭރަށް ނިކުތީ ސައިކަލް ފަހަތަށް އިނާޝާ އަރުވައިގެންނެވެ. ވަގުތަކީ ހެނދުނުގެ ވަގުތެވެ. އެސްޓީއޯ ސުޕަރމާކެޓް ކައިރީގައި ސައިކަލް ޕާކްކޮށްލުމަށްފަހު އިނާޝާގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ. ފަހަރަކު ހަރެއް ކައިރިން ބޭނުންވާ ތަކެތި ނަގަމުން ދިޔަ އިނާޝާއަށް ހުއްޓެވުނީ އޭނާއާއި ދާދި ކައިރީގައި ހުރި އަޒްކާ ފެނުމުންނެވެ. ފުރަގަހުން ފެނުނީމަވެސް އަޒްކާ ވަކިކުރަން އޭނާއަށް އިނގިއްޖެއެވެ. އޭނާގެ ދެލޯ ކަރުނުން ފުރުނީ ހިތަށް ލިބުނު ހިތްހަމަޖެހުމުންނެވެ. އޭނާ ދެފަޔަށް ލެވުނުހާ ބާރަކަށް އަޒްކާއާއި ކައިރިއަށް ހިނގައިގަތެވެ. ދުރުގައި ފޯނެއްގައި ހުރި ނާހިދަށް މި މަންޒަރެއް ނުފެނެއެވެ.

މެޑިކާ ހޮސްޕިޓަލަށް ސްކޭނެއް ހަދަން އައިސް ފެންފުޅިއެއް ގަތުމަށް މާކެޓަށް އަޒްކާ ވަނީ އޭނާގެ ނަންބަރު ޖެހެން އަދި ވަގުތު އޮތީމައެވެ. އެއްގޮތަކަށްވެސް އިނާޝާއާއި ކުރިމަތިވެދާނޭ އޭނާ ހިތަށްވެސް އަރާފައެއް ނެތެވެ. ކުއްލިއަކަށް ކުރިމަތީގައި އައިސް ހުއްޓުނު އިނާޝާ ފެނި އަޒްކާ އަތުގައި އޮތް ފައިލް ދޫވިއެވެ. އޭނާގެ ހިތް ވަގުތުން ރޮއެގަތެވެ. އިނާޝާގެ ދެލޮލުން އޭނާއަށް ފެންނަމުންދާ ހިތާމައާއި މައިވަންތަލޯބި އޭނާގެ ދުލުގައި ކަސްތޮޅު އެޅުވިއެވެ. އިނާޝާގެ ދެލޯ އަޒްކާގެ ނިކުމެފައިވާ ބަނޑަށް އަމާޒުވުމާއެކު ހިތުގައި ސުވާލު އުފެދުނެވެ. ހައިރާންވެފައި އިނާޝާ ބަލައިލީ އަޒްކާގެ މޫނަށެވެ. އަޒްކާ ދެލޯ ފޮހެލަމުން އިސްޖަހާލިއެވެ. ކައިރީގައި މީހުން ތިބުމުން އެކަކުވެސް އަނގައިން ބަހެއް ނުކިޔައެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކާއި ވާހަކަދައްކަން އިންތިހާއަށް ބޭނުންވެފައެވެ. އިނާޝާ ނާހިދް ހުރި ދިމާލަށް ބަލައިލިއިރު ނާހިދް ފެންނާކަށް ނެތެވެ. އޭނާ އަވަސް އަވަހަށް އަޒްކާގެ އަތުގައި ހިފައިގެން މަގުމައްޗަށް ނިކުތެވެ.

"ހިނގާދާން މަންމައާއެކު..." އިނާޝާ އުނދަގުލުން އެބުނީ ކީކޭކަން އަޒްކާ ދެނެގަތެވެ.

"ނޫން އިނާއްތާ... އަޅުގަނޑު ލަދުގަންނަވަން ނޫޅުއްވާ. އަޅުގަނޑު މިގޮތުގައި އުޅުނަދީ. އަޅުގަނޑު ފުރާނަވެސް ދީފާނަން. އެކަމަކު އަޅުގަނޑަށް ކުރެވުނު ކުށެއްގެ ސަބަބުން ފަހަރެއްގައިވެސް އިނާއްތައާއި މޯހަންބޭބެ ލަދެއްގަ ބެދޭކަށް ލާހިކެއްނޫން. މިއަދު އަޅުގަނޑަކީ ކުށްވެރިއެއް...." އަޒްކާ ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ.

"އެއްވެސް ވާހަކައެއް ނުދައްކާ. ހިނގާދާން. މަންމަ ނުދާނަން އަޒްކާ ނުލާ. ވަރަށް ވަރަށް ގިނަދުވަހު އުޅެފިން. ދެންހިނގާ... ވަރަށް ބައިވަރު ވާހަކަދައްކަންވެފަ އެބަހުރި" އިނާޝާ ހުރީ އެހާ ފަސޭހައިން ދޫކުރާ ގޮތަކަށް ނޫނެވެ.

"ނޫން. ތިހެން ނަހަދާ އިނާއްތާ. އިނާއްތަ އެއްވެސް ކަމެއް އިންކާރު ކުރުމަކީ އަޅުގަނޑަށް ފަސޭހަކަމެއްނޫން. އަޅުގަނޑު ގެންދަން ނޫޅޭ. އަޅުގަނޑަށް..... އަޅުގަނޑަށް ނާހިދް ކުރިމަތީގައި އުޅުމަކީ ފަސޭހަކަމެއްނޫން....." އެންމެފަހު ޖުމްލައާއެކު އަޒްކާއަށް އިސްޖަހާލެވުނެވެ. އެވަގުތު އަޒްކާގެ ހިތުގައި ނާހިދަށްޓަކައި އޮތް ލޯބި އިނާޝާއަށް އިހުސާސްވިއެވެ.

"އިނގޭތަ ނާހިދްވެސް އެބަހުރި. މިތާ މަޑުކުރައްޗެ. މަންމަ މިއަންނަނީ ގޮވާލާފަ. ވަރަށް އަވަހަށް މިއަންނަނީ" އަޒްކާގެ މޫނުގައި ފިރުމާލަމުން އިނާޝާ ބުނެލިއެވެ. އިނާޝާ ދިޔަ ދިމާ ބަލަން ހުރި އަޒްކާ ކުއްލިއަކަށް ކުރިއަށް ވަރަށް ބާރަށް ހިނގައިގަތެވެ. އޭނާއަށް މައެއްގެ ލޯބި ދިން އިންސާނާއާއި ބައްދަލުވުން އެއީ އޭނާގެ ނަސީބެއްނެތް ކަމުގައި އޭނާ ދެކުނެވެ.

އިނާޝާ ނުފެނިގެން ކަންބޮޑުވެފައި ހުރި ނާހިދް ނިކުންނަން އައި ވަގުތު ލައިގަތީ ތެޅެމުން ފޮޅެމުން ވަންނަން އައި އިނާޝާ ގައިގައެވެ.

"މަންމާ....! އެކަމަކު.... ބިރުން ހަލާކުވެއްޖެ. މަންމަ ކޮންތާކަށް ދިޔައީ. އަޅުގަނޑު ފޯނެއްގައި ހުރެފައި ބަލައިލިއިރު މަންމަ ނެތް" ނާހިދް ބުނެލިއެވެ. އޭނާ ކިޔާ އެއްޗަކަށް ބެލުމެއްނެތި އިނާޝާ ހިފީ ނާހިދްގެ އަތުގައެވެ. ވާނުވާ ނޭނގި ހުރި ނާހިދް ސުވާލުކުރީ މަގުމައްޗަށް ނިކުމެ އިނާޝާ ދެކޮޅު ހޯދަންފެށުމުންނެވެ.

"މަންމާ..." އިނާޝާގެ ކޮނޑުގައި އަތް ޖައްސާލަމުން ނާހިދް ގޮވާލިއެވެ.

"ދެންމެ މިތާ ހުރި އަޒްކާ. މިހާރު ނެތް. ކޮންތާކަށް އެދިޔައީ..." އިނާޝާ ވާހަކަދެއްކިއެވެ. އަޒްކާގެ ނަން އިވުމުން ނާހިދްގެ ހިތުގައި ރިއްސާލިއެވެ.

"މަންމާ... އޭނަވެސް މަރުނުވަންޏާ އުޅޭނެއްނު. މަންމަ މިހާރު ކީތްކުރަން އެވަރަކުން އޭނަ ހޯދަން ތިއުޅެނީ...." އިނާޝާގެ ދެކޮނޑުގައި ހިފާ އޭނާއާއި ދިމާލަށް އަނބުރާލަމުން ނާހިދް ވާހަކަދެއްކިއެވެ.

"ދަރިފުޅާ.. އަޒްކާ ބަނޑުބޮޑު. މިހާރު ހުންނަގޮތް ވަރަށް ލޯބި. މަންމަ ބުނިން ހިނގާށޭ... އަންނަ ބަހެއް ނުބުނި" ނާހިދްގެ މޭގައި ލައްވެލަމުން އިނާޝާ ވާހަކަދެއްކިއެވެ.

"ދަރިފުޅާ....! ކީއްވެތަ އަޒްކާ ނާންނަން އެއުޅެނީ؟ ކޮބާތަ އަޒްކާއަށް ވެގެން އެއުޅޭ މަޖްބޫރަކީ...؟ މަންމަގެ ހިތް ބުނޭ ކޮންމެސްކަމެއް ވެއްޖޭ...؟" އަޒްކާގެ ހަނދާންތަކުން ހިތުގައި އުފެދުނު ރިހުމަށް ކެތްނުކުރެވި އޭނާ ހަށިގަނޑުން ވާގި ދޫވަމުން ދިޔަ ވަގުތު ނާހިދްގެ ޓީޝާޓުގައި ހިފައި ދަމައިގަންނަމުން އިނާޝާ ވާހަކަދެއްކިއެވެ.

އަޒްކާ ބަނޑުބޮޑު ވާހަކަ އިވުމާއެކު ނާހިދްގެ ހިތުގައި ތޫނު ތަދެއް އުފެދުނެވެ. ހިތުގައި އެޅި ވޭނެއްގެ ސަބަބުން ދެލޮލުން ކަރުނަ ފާއްދާލިއެވެ. އިސާހިތަކު އޭނާގެ ކޯތާފަތުގައި ކަރުނައިގެ ރޮނގެއް ދެމިގެން ދިޔައެވެ. މީހަކަށް ފެނުމުގެ ކުރިން އޭނާ ދެލޯ ކައިރި ފޮހެލިއެވެ.

"މަންމާ. މިއީ މަގުމަތި. ހިނގާދާން... ދެން އެވަރަށް އެކަމާއި ނުވިސްނާ..." އިނާޝާ ގޮވައިގެން ސައިކަލާއި ދިމާލަށް ދަމުން ނާހިދް ބުނެލިއެވެ. އެދެމައިން ދެއްކި ވާހަކަ އިވޭ ހިސާބުގައި އަޒްކާ ހުއްޓެވެ. އޭނާ ދުވަހަކުވެސް ހިތުގައި ނުޖެހޭވަރަށް ހިތުގައި ޖެހިއްޖެއެވެ. އޭނާ އެގޮތަށް ކަންތައް ކުރުމުންވެސް އެމީހުންގެ ހިތުގައި އޭނާއަށްޓަކައި ފޫހިކަމެއް ނުއުފެދުނެވެ.

**********************************

ގެއަށް ވަދެގެން ދިޔަ އިނާޝާއާއި ނާހިދަށް އެއްފަރާތުގައި މަސް ޓޭންކްގެ ފެން ބަދަލުކުރަން އުޅުނު މޯހަންދާސް ނުފެނުނެވެ. ދެމައިންގެ ހިތަށް ވެސް ވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. މަސައްކަތްތައް ހުރިގޮތަށް ބަހައްޓާފައި މޯހަންދާސް ސިޑިން އަރައިގެން ދިޔައެވެ.

ދޮރު ހުޅުވާލުމާއެކު އެނދުގައި އިން އިނާޝާ ދުވެފައި އައިސް މޯހަންދާސްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭނާ ގިސްލާފައި ރޯންފެށިއެވެ. ވޭނުން ފުރިފައިވާ ހިތާމަވެރި އަޑަކުން އިނާޝާ ރޮމުން ދިޔައިރު ވާނުވާނޭނގި ހުރެ މޯހަންދާސް ދެލޯ ފެންކަޅިވަމުން ދިޔައެވެ. އިނާޝާގެ ރުއިމުގައި ވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ.

"ކިހިނެއްވީ ދޫންޏާ....!" އިނާޝާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު މޯހަންދާސް އަހާލިއެވެ. އިނާޝާއަށް ހުއްޓައެއް ނުލެވުނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށް ވަނީ އަސަރުކޮށްފައެވެ. އިނާޝާ ގޮވައިގެން މޯހަންދާސް އެނދުގައި އިށީނެވެ. ރޯނެ ވަރަކަށް ރޯން ފުރުސަތުދިނެވެ. އެހާލަތުގައި އިނާޝާއަށް ވާހަކަނުދެއްކޭނެކަން އޭނާއަށް އިނގުނެވެ. އިނާޝާގެ ރުއިމުގެ އަޑު މަޑުވަމުންގޮސް އެކީގައި ކެނޑުނެވެ. މޯހަންދާސް ބަލައިލިއިރު އިނާޝާއަށް އިނދެވުނީ އޭނާގެ މޭގައި ލެގިލައިގެން ނިދިފައެވެ. ބާލީސްމަތީގައި އިނާޝާ ބާއްވަން އުޅުނުވަގުތު ދެލޯ ހުޅުވާލިއެވެ. ނަމަވެސް މޯހަންދާސް އިނާޝާގެ ބޮލުގައި ލޯބިން ފިރުމާލުމާއެކު އަނެއްކާވެސް އިނާޝާ ދެލޯ މަރާލިއެވެ. ރޮއެރޮއެ އޭނާގެ ދެލޯ ވަނީ ވަރުބަލިވެފައެވެ.

ނިދިފައި އޮތް އިނާޝާއަށް ބަލަހައްޓައިގެން މޯހަންދާސް އިރުކޮޅަކު ކޮޅަށް ހުއްޓެވެ. ނިދިފައި އޮންނަ އިރު އެމޫނުމަތީގައިވަނީ މައުސޫމްކަމެވެ. ރުއިމުގެ ސަބަބުން މޫނުމަތި ވަނީ ދުޅަވެފައެވެ. މޯހަންދާސްގެ ހަނދާނަށް ދުވަހެއް އައެވެ. އެންމެފުރަތަމަ އޭނާއަށް އިނާޝާ ފެނުނީވެސް އެގޮތަށް ރޮއެ މޫނުމަތި ދުޅަވެފައި ހުއްޓައެވެ. އެދުވަހު އިނާޝާއަށްޓަކައި އޭނާގެ ހިތުގައި ޖަހާލި ތަފާތު ވިންދު އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. އެމޫނުމަތިން ހިނިތުންވުން ގެންނަން އެދުވަހު އޭނާ އަޒުމް ކަނޑައެޅިއެވެ.

**********************************

ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން އިވެނީ މީހެއްގެ ވޭނީ ގިސްލުމެއްގެ އަޑެވެ. ތަޅުލާފައިވާ ދޮރުފަތުގައި ލެގިލައިގެން ދެކަކުލުގައި ބޯއަޅާލައިގެން އިން ނާހިދް ބޯހިއްލާލުމަށްފަހު އޭނާގެ ކައިރީގައި ކާޕެޓްމަތީގައި އޮތް ފޯނު ނެގިއެވެ. ޑްރޮޕް ބޮކްސްއަށް އޭނާ އަޅާފައި ހުރި އަޒްކާގެ ފޮޓޯތައް ފަހަރަކު ފޮޓޯއެއްކަމަށް ބަލަން ފެށިއެވެ. އެ ފޮޓޯތަކަށް ބެލުމުން މީގެކުރިން އޭނާގެ ހިތަށް ލިބެނީ ހިތްހަމަޖެހުމެވެ. ނަމަވެސް މިއަދު ލިބެނީ ހިތްދަތިކަމެވެ. އޭނާ ފޯނު މޭގައި ޖައްސާލިއެވެ. އަޒްކާގެ ވަކިވެދިޔުން ހަނދާން ނައްތާލުމަށްފަހު އޭނާ ކުރިއަށްދާން ވަރަށް މަސައްކަތް ކޮށްފިއެވެ. އޭނާގެ އަމިއްލަ ނަފްސަށް އެތައް ނަޞޭޙަތެއްދީފިއެވެ. ނަމަވެސް ހިތުގައި އެލޯބި ވަކިހިއްޕާލާފައި ވަނީ ދުވަހަކުވެސް ފިލައިގެން ނުދާނެ ވަރަކަށެވެ.

"ކީއްވެ....؟ ކީއްވެތަ އަޒްކީ....؟ އަހަރެންގެ ހުރީ ކޮން އުނިކަމެއް....؟ އަހަރެން ހާދަ ލޯބިވެޔޭ... އަޒްކީ މީހަކާއިވެސް އިނީ... ކުއްޖަކުވެސް ހޯދީ... ތި ލޯބި ލިބުން އަހަރެންގެ ނަސީބުގައި ނެތީތަ...؟ އަހަރެންނަށް ތިހެންނަހަދާ އަޒްކީ...؟ އަހަރެން މިގޮތުގައި މަރުވާން ދޫކޮށްނުލާ.... ތި ލޯތްބާއި ނުލާ އަހަރެން މިދަނީ ދުވާލަކު އެތައް ސަތޭކަ މަރަކުން މަރުވަމުން. އަޒްކީ ތިހަލާކުކޮށްލީ ހަމައެކަނި އަހަރެންގެ ހިތެއްނޫން. އަހަރެންގެ މަންމަވެސް..... އަޒްކީ.... އަހަރެން ވަރަށް ލޯބިވޭ.... ވަރަށް ވަރަށް ލޯބިވޭ... ފުރާނަދަންދެން...... ލޯބިވާނަން......." އެހުރިހާ ވާހަކަތަކެއްވީ ނާހިދްގެ ހިތުގައެވެ. އޭނާގެ ހިތުގައި ވަނީ ދުވަހަކުވެސް ފަސޭހަނުވާނެ ފަދަ ޒަޙަމެއް ލެވިފައެވެ.

**********************************

ކޮޓަރީ ތަޅުގައި ޓަކި ޖަހާލި އަޑު އިވުނީ ލޯގަނޑު ކުރިމަތީގައި އަޒްކާ ފުނާ އަޅަން ހުއްޓައެވެ. ދޮރުހުރީ ހުޅުވާފައި ވިޔަސް ބޭރުގައި ހުރީ މާހިލް ނޫންކަން އޭނާއަށް އިނގުނެވެ. މާހިލް ނަމަ ޓަކި ނުޖަހާނެއެވެ. ބާރުގެ ބޭނުންކޮށްގެން ވިޔަސް އޭނާ އެތެރެއަށް ވަންނާނެއެވެ.

"ހުޅުވާފައި..." އަޒްކާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ދޮރު ހުޅުވާލާފައި ވަތް ފަޒާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާ އަޒްކާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ނަޒަރެއްދިނެވެ. އަޒްކާ ލައިގެން ހުރީ ގުރާ ފެހިކުލައިގެ ގަޔަށް ބާރު ޓީޝާޓްކޮޅަކާއި ކަޅު ކުލައިގެ ފުޅާ ހަރުވާޅެކެވެ. އެޓީޝާޓުގައި އަޒްކާގެ ބަނޑު ވަރަށް ބޮޑު ކަމަށް ދައްކައެވެ.

"މާޝާﷲ... މިހާރު ވަރަށް ބޮޑު ދޯ... ކިތައް މަސްވެއްޖެ..." އަޒްކާ ބަނޑުގައި އަތް ޖައްސާލަމުން ފަޒާ އަހާލިއެވެ.

"އެއިޓް ވާނެ ނެކްސްޓް ވީކްގަ.... ކަމަކުތަ...؟" ފުނާ ބާއްވާފައި އިސްތަށިގަނޑު އެއްކޮށްލާފައި ބޮލުމެދަށް ދޫކޮށް ހުޅިއެއް ޖަހާލަމުން އަޒްކާ އަހާލިއެވެ.

"އަޒްކާ މިގެއަށް އައި ފަހުން އަދި އެއްވެސް ތަނަކަށް ދެމީހުން އެކީގައެއް ނުދެވެއެއްނު. ތަނަކަށް ދާންވެގެން. ދެވޭނެތަ...؟ ވަރުބަލިވަންޏާ އޯކޭވާނެ ރެސްޓްކޮށްލިޔަސް..." ފަޒާ ވާހަކަދެއްކިއެވެ.

"ނޫނޭ... މީގެ އިރުކޮޅެއްކުރިން ނަމަ ނުދެވުނީސް. މިހާރު ދެވިދާނެ. މަގުމަތި ހޫނެއްވެސް މިހާރަކު ނުވާނެއްނު. ހަވީރުގެ މިކަހަލަ ގަޑިއެއްގައި ހިނގާލެވުނީމަ ހިތަށްވެސް ހަމަޖެހުން ލިބޭނެއްނު" އަޒްކާ ވާހަކަދެއްކިއެވެ.

"ހިނގާލާފައިތަ ދާނީ. ފުދޭވަރަކަށް ދުރުވާނެ ދާން މިއުޅޭ ތަން" ފަޒާ ބުނެލިއެވެ.

"އާނ... ރަނގަޅީ ހިނގާލާފައި ދިޔައިއްޔާ. ގިނައިން ހިނގަން ބުނެފަ ޑޮކް އިނީ" ހިނިތުންވެލަމުން އަޒްކާ ބުނެލިއެވެ.

"އޯކޭ.. އޭޒް ޔޫ ވިޝް. މިއަންނަނީ ރެޑީ ވެލައިގެން" ހީލާފައި ފަޒާ ކޮޓަރިން ނިކުތެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. މަގުމަތި ވަނީ ދެ ޖީންސުގެ މީހުންނާއި ދުއްވާ އެއްޗެހިން ހަލަބޮލި ވެފައެވެ. މަގުމަތި ފުރާލާފައިވާ ވެހިކަލްތަކުން ހިނގާ މީހުންނަށް ދެފައި އަޅާލާނެ ތަނެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފަޒާއާއި އަޒްކާ ހިނގާފައި ދިޔައީ މަޖީދީ މަގުން ހެންވޭރާއި ވީ ދިމާލަށެވެ. އެކި ވާހަކައިގާ ދެއެކުވެރިން ފަދައިން ހީ ސަމާސާ ކުރަމުން ދިޔަ އަޒްކާއަށް ސިހުމެއް ލިބުނީ މަގު ހުރަސް ކޮށްލާފައި އަޒްކާގެ އަތުގައި ހިފައިގެން ފަޒާ ގޮސް މަޑުކޮށްލި ތަން ފެނިފައެވެ.

"މިގެއަށްތަ ތިއައީ...؟" ހައިރާންވެފައި އަޒްކާ އަހާލިއެވެ. އޭނާގެ ހިތަށް ނުބައި ގޮތެއް ވެގެންދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟