އިބްރާހިމް ޒަކީ
ނިއުޕޯޓު ވިއުއަށް އިކޮނޮމިކް މިނިސްޓްރީން ދީފައިވާ ރެސްޓޯރަންޓު ހިންގުމުގެ ހުއްދަ އެއްވެސް އިރެއްގައި ބާތިލުކޮށް ނުވަތަ އަލުން ހުއްދަ ދީފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ނިއުޕޯޓާ ބެހޭގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ފައްޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގާނޫނީ ހަމަތަކުގެ މަތިން ނޫން ގޮތަކަށް އެއްވެސް ވިޔަފާރިއަކާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށެވެ. އަދި ވިޔަފާރި ހުއްދަ ބާތިލު ކުރެވޭނީ އަމިއްލައަށް އެދިގެން، ނޫނީ ފީ ނުދެއްކުމުން، ނޫނީ ކޯޓުުން އެންގުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެއްވެސް އިރެއްގައި ނިއުޕޯޓްގެ ހުއްދައެއް ބާތިލް ކޮށްފައެއް، ނުވަތަ އަލުން ދީފައެއް ނުވާނެ. ގާނޫނީ ހަމަތަކުގެ މަތިން މެނުވީ އެއްވެސް ވިޔަފާރިއަކާ މެދު ފިޔަވަޅެއް ނޭޅޭނެ. ވިޔަފާރި ހުއްދަ ބާތިލު ކުރެވޭނީ އަމިއްލައަށް އެދިގެން، ނޫނީ ފީ ނުދެއްކުމުން، ނޫނީ ކޯޓުުން އެންގުމުން،" މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ތިން މަހުގެ ކުލި ނުދެއްކުމުގެ ސަބަބުން ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ނިއުޕޯޓްގެ ވެރިފަރާތަށް 11 މާޗްގައި އަންގާފައިވެއެވެ. ނިއު ޕޯޓްގެ ވެރިފަރާތަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށެވެ. އެތަނުގެ އެގްރިމެންޓް ހަދާފައިވާ ގޮތުން ކުލި ނުދައްކައި އެއްމަސްދުވަސް ފާއިތުވެއްޖެ ނަމަ ތަން ހުސްކުރަން އެންގިދާނެއެވެ.
ނަމަވެެސް މުއްދަތު ކަމަވެގެން ދިޔައިރުވެސް އެތަން ހުސްކޮށްފައެއް ނުވެއެވެ.
ސްޓްރާޑާ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު، އޭނާގެ ފޭސްބުކް ޕޭޖުގައި މިހަހުގެ 13 ވަނަ ދުވަހު ލިޔުއްވާފައި ވަނީ، ނިއު ޕޯޓް ވިއުގެ އިތުރުން އެ ކުންފުންޏަށް ދޫކުރި އިތުރު ތިން ތަނެއްގެ އެއްބަސްވުން ބާތިލުކޮށް، މިހާރުގެ ސަކާރުން އެތަންތަން އަތުލައިފައިވާ ކަމަށެވެ.
ނަމަވެސް އެ ތިން ތަނުގެ އެއްބަސްވުން ބާތިލްނުވާ ކަމަށް ނިންމައި، އެ ކުންފުންޏާ އެއްކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ނުނިމި އޮތީ ނިއު ޕޯޓް ވިއުގެ މައްސަލަ އެކަނި ކަމަށް ވެސް ވިދާޅުވިއެވެ.
ނިއު ޕޯޓާ ބެހޭގޮތުން މީސް މީޑިއާގައި ކުރިއަށްދާ ވާހަކަތަކާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީންވެސް މިއަދު ވަނީ ޓްވީޓެއް ކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ އެ ރެސްޓޯރަންޓު ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް އަލުން ހުއްދަ ދޫކޮށްފައިވާ ކަމަށް މީސް މީޑިއާގައި ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބުނެފައެވެ.