އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހާފައިވާ އެކި މުއައްސަސާތަކުގެ 100 އަށްވުރެ ގިނަ އޮޑިޓް ރިޕޯޓް ތަކަކީ، 2007 ވަނަ އަހަރުން ފެށިގެން ހުރި އޮޑިޓް ރިޕޯޓްތަކެއް ކަމަށާއި، އެ ރިޕޯޓްތައް މަޖިލީހުގެ ތަޅުމަށް ނައިސް އެކި އެކި ކަންކަމާހެދި ލަސްވެފައިވާކަމަށް އެ ރިޕޯޓްތައް ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ ފަރާތުން މި ރިޕޯޓްތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ނާޝިދު ވިދާޅުވީ، މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީތަކުން މި ރިޕޯޓްތައް މަޖިލީހުގެ ތަޅުމަށް އައުން ލަސްވި ނަމަވެސް މި ރިޕޯޓްތަކަކީ، ކޮމިޓީން ބެލުމުުންވެސް އެއްވެސް މައްސަލައެއް ފާހަގަވެފައިނުވާ އަދި އޮޑިޓް ރިޕޯޓުތަކުގައިވެސް މައްސަލައެއް ނެތްކަމަށް ފެންނަ ރިޕޯޓްތަކެއް ކަމަށެވެ. އަދި މައްސަލައެއް އޮތް ރިޕޯޓެއްނަމަ އެ މައްސަލައެއް އޮޑިޓް އޮފީހަށް ހުށަހެޅުއްވުމުގެ އިތުރުން އެކަމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވާފައިވާނެ ކަމަށްވެސް ނާޝިދު ވިދާާޅުވިއެވެ.
ނާޝިދު ވިދާޅުވީ މި ރިޕޯޓްތަކަކީ 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދުުގައި ގިނަ ދުވަސްތަކެއް ވެފައިވާ ރިޕޯޓް ތަކަކަށްވާތީ މަޖިލީހުގެ ގަވާއިދުގެ ދަށުން މި ރިޕޯޓްތައް އަވަހަށް ފާސްކޮށް ދިނުންވެސް މުހިންމު ކަމަށެވެ.
"މަޖިލީހަށް ހުށަހެޅޭ މި ރިޕޯޓް ތަކަކީ 2007 ވަނަ އަހަރުން ފެށިގެން ވަރަށްގިނަ ދުވަސް ވަންދެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީތަކުން ބަލައި މި އޮޑިޓް ރިޕޯޓް ތަކުގައި އެއްވެސް މައސަލައެއް ނެތްކަމަށް އެ ކޮމިޓީތަކަށް ފެންނަ، އަދި އޮޑިޓް ރިޕޯޓްގައިވެސް މައްސަލައެއް ނެތްކަމަށް ފެންނަ ރިޕޯޓްތަކެއް، މިގޮތުން ސަތޭކަ އެތައް ރިޕޯޓެއް މިވަނީ މާލިއްޔަތު ކޮމިޓީިން މަޖިލީހުގެ ތަޅުމުން ނިންމައި ދިނުމަށް ހުށަހަޅައިފަ. މިއީ ގިނަ ދުވަސް ވެފައިވާ މި ރިޕޯޓްތަކަކަށް ވާތީ މަޖިލީހުގެ ގަވާއިދުގެ ދަށުން އަވަށް ފާސްކޮށްދެެއްވުމަށް ދަންނަަވަން،" ނާޝިދު ވިދާޅުވިއެވެ.
ނާޝިދު މި ރިޕޯޓްތައް މަޖިލީހަށް ހުށަހެޅުއްވީ ވަކިވަކިންނެވެ.
މި ރިޕޯޓްތަކާ ބެހޭ ގޮތުން ފުރުސަތު ހޯއްދަވައިގެން ވާހަކަދެއްކެވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެކަންޏެވެ.
ރޮޒެއިނާ ވިދާޅުވީ، މި އޮޑިޓް ރިޕޯޓްތަކުގެ ތެރޭގައި 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ހިމެނޭ ކަމަށާއި، މިހާރުމީ 2019 ވަނަ އަހަރަށް ވާއިރު މި އޮޑިޓް ރިޕޯޓްތަކުުގައި މައްސަލައެއް ހުރި ނަމަވެސް އެމައްސަލައެއް އޮތް ގޮތްވެސް މިހާރު ނޭނގޭނެ ކަމަށާއި، މައްސަަލައެއް އޮތް ނަމަވެސް ގާނޫނުތަކުން ފިޔަވަޅު ނޭޅޭހައި ދުވަސްފަހުން މިރިޕޯޓްތައް ގެނައުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.
ރޮޒެއިނާގެ ވާހަކައަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެ ރިޕޯޓްތައް މަޖިލީހުގެ ތަޅުމަށް އައުން ލަސްވުމުގައި އެެމަނިކުފާނާއި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ޒިންމާއެއް ނުހިމެނޭ ކަމަށާއި މިހާރު މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓްތައް ހުށަހަޅައިގެން ކުރިއަށް ގެންދަނީ، މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާ މަޝްވަރާކޮށް އެފަރާތްތަކުން ދެއްވި ލަފާގެ މަތިން ކުރީން ހުރި ބެކްލޮގް ނިންމުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަަށުން ކަމަށެވެ.
"އެއީކީ އަޅުގަނޑުގެ ޒިންމާއެއްގެ ދަށުން ހިިނގާފަ އޮތް ކަމެއް ވެސްނޫން އަދި މިއަދު މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ޒިންމާގެ ދަށުން ހިިނގާފައިވާ ކަމެއްވެސް ނުމެ ނޫންމެ. ދެން ހަމަ ނުނިމިގެން މި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މީ ނިންމަންޖެހޭ އެއްޗެހިތަކެއް. މަޖލީހުގެ ފްލޯއަށް ގެނައިމަ ނިންމަންޖެހޭތީ ކުރީގަ ހުރި ބެކްލޮގް ނިންމުމަށްޓަކައި ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ވާހަކަ ދައްކައި ނިންމުނު ގޮތަށް އަޅުގަނޑު މަސައްކަތް މި ގެންދަނީ،" މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިދު ވިދާޅުވީ، މި ރިޕޯޓް ތަކަކީ، މާލިއްޔަތު ކޮމިޓިގެ ކުރީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސެއިންމަނިކު ވެސް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓްތަކެއް ކަމަށާއި ނަމަވެސް އެ ރިޕޯޓްތައް އެކި ކަންކަމާހެދި މަޖިލީހުގެ ތަޅުމަށް އައިސްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ރިޕޯޓްތަކަކީ ގިނަ ދުވަސްތަކެއް ވެފައިވާ އެއްޗެހިތަކެއް ކަމުން މަޖިލީހުގެ ތަޅުމަށް ގެނެސް ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުމަށް މަޖިލީހުގެ ރައީސްއަށް ދެންނެވީ ކަމަށެވެ.