އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ބަހުސް ކުރަމުން އަންނަ، ބޭރުގެ މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީގައި ކަޑައަޅާފައިވާ ބައި ބާތިލް ކުރުމަށް، ވޯޓައަހާ ވަގުތުގައި 64 މެންބަރުން ޖަލްސާގައި ތިއްބަވައިފިނަމަ ގާނޫނުއަސާސީން އެބައި އުނިކުރަން ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ގާސިމް މިކަން އިއުލާން ކުރެއްވީ، އެ އިސްލާހަށް ވާހަކަ ދެއްކެވި އެންމެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ގާނޫނުއަސާސީން އެބައި އުނި ކުރަން ތާއީދު ކުރައްވާފައިވާތީ އެ އިސްލާހަށް ވޯޓަށް އަހާ ވަގުތުގައި އިސްލާހަށް ވޯޓަށް އެހޭ އަދަދަށް ޖަލްސާއަށް މެންބަރުން ހަޒިރުވުމަށް މެންބަރުންގެ ސަމާލުކަމަށް ގެނައުމަށްޓަކައެވެ.
މިއީ ގާނޫނު އަސާސިއަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި ވޯޓު ބޭނުންވެއެވެ. އެއީ މިހާރު ހިނގަމުން އަންނަ 18 ވަނަ މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު (ބޮޗޭ) އެވެ.
ބޮޗޭ ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް، އެއްވެސް ހާލަތެއްގައި ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރެވުމަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ބީވެގެންދާނެ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ 15 ވަނަ ބާބު އުނި ކުރުމަށާއި އަދި ދިވެހި ރާއްޖޭގެ އެއްވެސްބައެއް ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ހާލަތެއްގައި ވަކި މުއްދަތެއް ނެތި ކުއްޔަށް ދިނުމަށް އޮންނަ އޮތުން ގާނޫނުއަސާސީން އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) އިސްލާހު ކުރުމަށް ހުށަހެޅުއްވީ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބުނެފައިވަނިކޮށް، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭނެ ކަމަށް ހިމަނައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އިސްލާހު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 22 ޖުލައި 2015ގައެވެ.
ގާނޫނުއަސާސީން އެބައި އުނިކުރަށް މިހާރު ހުށަހަޅުއްވާފައިވާ މެންބަރު ރިފާއުއަކީ އޭރު އެ އިސްލާހު ގެނައުމަށް ވެސް މަސައްކަތް ކުރެއްވި މެންބަރެކެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެކަން ކޮށްފައިވަނީ ސަރުކާރުން އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ގާނޫނުގެ ދަށުން ބޭރު މީހުންނަށް ބިން މިލްކުރެވޭ ގޮތަށް ހަދަން ކުރި މަސައްކަތުގެ ދަށުންނެވެ.