ޝެއިހް އިލްޔާސް ހުސެއިން

ކާމިޔާބު މީހަކާއި ނާކާމިޔާބު މީހެއް އެނގޭނީ ގިޔާމަތް ދުވަހު: އިލްޔާސް

ކާމިޔާބު މީހަކާއި ނާކާމިޔާބުވި މީހެއް އެނގޭނީ ގިޔާމަތް ދުވަހުން ކަމަށް އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚު އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔެއިން ކާމިޔާބެއް ލިބުމުން ގަދަބަސް ބުނެ އުޅޭ ކޮންމެ މީހަކު އިލާހީ ބަސްފުޅު ހަނދުމަކޮށްލުން ބުއްދިވެރި ކަމަށެވެ.

ސޫރަތުލް މަރިޔަމް 75 ވަނަ އާޔަތާއި އަދި އެއާޔަތުގެ މާނައާއެކު އިލްޔާސް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އަސްލު ކާމިޔާބު މީހަކާއި ނުވަތަ ނާކާމިޔާބުވި މީހަކީ ކޮބައިކަން އެނގޭނީ ގިޔާމަތް ދުވަހުން ކަމަށެވެ.

ޝައިޚު އިލްޔާސް މިފަދައިން ޓުވީޓު ކުރެއްވި ނަމަވެސް ވަކި ކަމެއް ފާހަގަކުރައްވާފައެއް ނުވެއެވެ.

ނަމަވެސް މިދުވަސްވަރަކީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް އެޕާޓީން ހިންގަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރޭވެސް ވަނީ މާލޭގައި ބޮޑު ހަރަކާތެއް ބާއްވައި އުފާފާޅުކޮށްފައެވެ.