18/30 ވިމެންސް ފުޓްސަލް ފިއެސްޓާ

ޕޮލިހުން ސިފައިން ބަލިކޮށްފި

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކްލަބުން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބަލިކޮށްފިއެވެ.

ރޭ ކުޅުނު 'ގްރޫޕު ބީ'ގެ މެޗުގައި ޕޮލިސް ކްލަބުން ސިފައިންގެ މައްޗަށް ކުރި ހޯދީ 4-3ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޕޮލިހުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަވިތުރީ މަމްޔަލީ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޝީނީޒް މުހައްމަދާއި ބިދޭސީ ކުޅުންތެރިޔާ ސަކުނާ ސެނަބުތު އެވެ. އަދި މެޗުގައި ސިފައިން ޖެހި ތިން ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސަހީލާ މަލްމޯލިޓަރާޒީއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އިން ވަނީ ރޭ ކުޅުނު 'ގްރޫޕު އޭ'ގެ މެޗުގައި 3-1ގެ ނަތީޖާއަކުން ކްލަބު ވެމްކޯ ބަލިކޮށްފައެވެ. އެ މެޗުގައި އެމްޕީއެލް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަހަރް ޒަމަނިފާޑް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ޖޫޒާން ޒަރީރެވެ. އަދި މެޗުގައި ވެމްކޯ އިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އައިޝަތު ސަމާއެވެ.

ރޭ ކުޅުނު 'ގްރޫޕު ބީ'ގެ މެޗުގައި ޓްރޭޑް ކްލަބު ވަނީ 8-0ގެ ނަތީޖާއަކުން ފެން ކްލަބު ބަލިކޮށްފައެވެ. އެ މެޗުގައި ޓްރޭޑް ކްލަބުން ޖެހި އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު އަރީޝާ ރިޒާ ކާމިޔާބުކޮށްދިން އިރު، ރުކްޝާނާ ފާތިމަތު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު އަދުނާނާއި އާމިނަތު ރައުޝަންއެވެ.

ރޭ ކުޅުނު 'ގްރޫޕު އޭ'ގެ މެޗުގައި ކްލަބު އިމިގްރޭޝަނުން ވަނީ 5-1ގެ ނަތީޖާއަކުން ޓީމް ފެނަކަ ބަލިކޮށްފައެވެ. އެ މެޗުގައި އިމިގްރޭޝަނުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ފަދުވާ ޒާހިރު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔާ ސާރީއެވެ. އަދި މެޗުގައި ޓީމް ފެނަކައިގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މަހްނާޒް އެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗުތައް ދެން ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހުގެ ރޭ 8:15ގައި އެމްޕީއެލްއާ ދެކޮޅަށް އިމިގްރޭޝަން ނުކުންނަ އިރު، ހަމަ އެގަޑީގައި ފެނަކައާ ދެކޮޅަށް ވެމްކޯ ނުކުންނާނެއެވެ. އެ ދުވަހުގެ ރޭ 9:30ގައި ޕޮލިސް ކްލަބާ ދެކޮޅަށް ފެން ކްލަބު ނުކުންނަ އިރު، ހަމަ އެގަޑީގައި ސިފައިންނާ ދެކޮޅަށް ޓްރޭޑް ކްލަބު ނުކުންނާނެއެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.